ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ބަންގްލަދޭޝް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި އިންޑިއާގެ ކުޅުންތެރިއެއް އަތުން ގައުމީ ބެޑްމިންޓަން ޓީމުގެ އާމިނާތު ނަބީހާ (ނަބީ) މޮޅުވެއްޖެ އެވެ.
މިމަހުގެ 7-11 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އަށް ކުޅުންތެރިއަކު ފަސް ކެޓަގަރީއެއްގައި ވާދަކުރެ އެވެ.
އިއްޔެ ކުރިއަށްދިޔަ އަންހެން ސިންގަލްސް ކޮލިފައިން ބުރުގައި ވާދަކޮށް ނަބީ މޮޅުވީ އިންޑިއާގެ ނިކީ ރަޕްރިއާ އަތުން ވާދަވެރި ކުޅުމަކަށް ފަހު ދެ ސެޓު އެއް ސެޓުންނެވެ. މުބާރާތުގެ އަންހެން ސިންގަލްސްގެ އަށް ވަނަ އަށް ސީޑުކޮށްފައި އޮތް ނިކީ އަތުން ފުރަތަމަ ސެޓު ނަބީ ހޯދީ 21-19 އިންނެވެ. ދެ ވަނަ ސެޓު 11-21 އިން ގެއްލުނު ނަމަވެސް ފަހު ސެޓުގައި މޮޅު ކުޅުމެއް ދައްކައި 21-17 އިން ނަބީ މެޗު ކާމިޔާބު ކުރި އެވެ.
ނަބީ ހޯދި މި މޮޅަކީ އަންހެން ސިންގަލްސް އަށް ބަލާއިރު ފަހުގެ ތާރީހެއްގައި ރާއްޖޭގެ އަންހެން ކުޅުންތެރިއަކު އިންޑިއާ ކުޅުންތެރިއެއް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. ތަމްރީނާއި ތަޖުރިބާގެ ގޮތުން ބަލާއިރު އިންޑިއާ ގުނާލެވެނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން އުޅޭ ގައުމެއްގެ ގޮތުގަ އެވެ. އެހެންކަމުން މިއީ ރާއްްޖޭގެ ބެޑްމިންޓަނަށް ވެސް ލިބުނު ބޮޑު ކާމިޔާބެކެވެ.
ކޮލިފައިންގެ ގަދަ 32 ބުރުގައި އިންޑިއާގެ ނިކީ އަތުން މޮޅުވި ނަމަވެސް ގަދަ 16ގެ ބުރުގައި ނަބީ ވަނީ އީރާންގެ ރޮމީނާ ތާޖިކް އަތުން ބަލިވެފަ އެވެ. ފުރަތަމަ މެޗު މެންދުރު 1:40ގައި ކުޅުމަށް ފަހު ދެ ވަނަ މެޗު ކުޅުނީ 05:00 ގަ އެވެ. ފުރަތަމަ މެޗަށް 45 މިނެޓު ހޭދަވިއިރު، ދެ ވަނަ މެޗަށް ނަބީ ނުކުތީ މާބޮޑު ރެސްޓެއް ނެތި އެވެ. ގަދަ 16ގައި ނަބީ އީރާން ކުޅުންތެރިޔާ އަތުން ބަލިވީ 21-13، 21-13 އިންނެވެ.
ނަބީ ވަނީ މި އަހަރުގެ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ކުޅުނު އަންހެން ސިންގަލްސް ފުރަތަމަ ބުރުގެ މެޗުން އީރާންގެ ކުޅުންތެރިޔާ، ސާރާ އަމީނިއާން މޮޅުވެފަ އެވެ.
ބަންގްލަދޭޝް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގެ އަންހެން ސިންގަލްސްގެ ކޮލިފައިން ބުރުގައި ވާދަކުރި ރާއްޖޭގެ އެހެން ކުޅުންތެރިންނަށް ބަލާއިރު އިންޑިއާގެ ނިވެތާ މުކުތާރާ ރަނގަޅު ވާދައެއް ކޮށް، ގައުމީ ޗެމްޕިއަން، ފާތިމަތު ނަބާހާ (ނަބާ) ބަލިވީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު ނިވެތާ 19-21 އިން ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ނަބާ ހޯދީ 21-11 އިންނެވެ. ފަހު ސެޓު އިންޑިއާގެ ނިވެތާ ގެންދިޔައީ 13-21 އިންނެވެ.
ރާއްޖޭގެ އައިޝަތު އަފްނާން ރަޝީދު ބަލިވީ މުބާރާތުގެ ހަތް ވަނަ ސީޑު އިންޑީއާގެ ސްނެހާ ރަޖްވާރު އަތުން 10-21، 8-21 އިންނެވެ. އިންޑިއާގެ ޕްރަނަވީ ނަޓަރާޖަން އަތުން ނީލާ ނަޖީބު ބަލިވީ 13-21، 6-21 އިންނެވެ. އިންޑިއާގެ ރަޝްމީ ގަނޭޝް އަތުން ރާއްޖޭގެ އާމިނަތު ޝަހުރުނާޒް ބަލިވީ 7-21، 3-21 އިންނެވެ.
ފިރިހެން ސިންގަލްސް އަށް ބަލާއިރު ފިރިހެން ސިންގަލްސް ކޮލިފައިން ބުރުގައި ރާއްޖޭގެ ނިބާލް އަހުމަދު ބަލިވީ އިންޑިއާގެ ރޯހަން ގުރުބާނީ އަތުން 7-21، 7-21 އިންނެވެ. ރާއްޖޭގެ ޒަޔާން ޒަކީ ބަލިވީ އިންޑިއާގެ އަދިތްޔަ ގުޕްތާ އަތުން 10-21، 16-21 އިންނެވެ.
އިއްޔެ ކުރިއަށްދިޔަ މިކްސް ޑަބަލްސް ގަދަ 32 ގައި ރާއްޖޭގެ ނިބާލް އާއި ނީލާގެ ޕެއާ ބަލިވީ މެލޭޝިއާގެ ޕެއާ އެއް އަތުން 9-21 އަދި 11-21 އިންނެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ ބަލިވީ ތައިލެންޑުގެ ޕެއާއެއް އަތުން 11-21 އަދި 16-21 އިންނެވެ.
ޑަބަލްސް އިވެންޓަށް ބަލާއިރު ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ އިންޑިއާގެ ދީކްޝާ އާއި ނަވްދާގެ ޕެއާ އަތުން 12-21 އަދި 19-21 އިން ބަލިވެފަ އެވެ. ފިރިހެން ޑަބަލްސްގައި ރާއްޖޭގެ ނިބާލް އާއި މުހައްމަދު އަޖުފާން ރަޝީދުގެ ޕެއާ ވަނީ އިންޑިއާގެ އަޔުޝް އަގަރްވާލް އާއި ތުޝާރު ގަގްނޭޖާގެ ޕެއާ އަތުން ދެ ސެޓުން ބަލިވެފަ އެވެ. ސެޓުތައް ނިމުނީ 12-21 އަދި 15-21 އިންނެވެ.













