ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ހިންގަވަނީ ރައްޔިތުން ނިންމި ގޮތަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ވެރިކަން ހިންގަވާ ގޮތުގައި "ބައިވަރު ދެކޮޅުނުޖެހުން" އެބަހުރި ކަމަށާއި ނިޒާމީ ވޯޓަކަށް ނުގޮސް ވެރިކަން ހިންގެވުމަކީ ވެސް ގޯހެއް ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ، ރައްޔިތުން ނިންމާ ގޮތަށް އެ ވެރިކަން އުފައްދާށޭ. މިހާރު މިއޮތީ ރައްޔިތުން ނިންމި ގޮތަށް ވެރިކަން އުފައްދާފައެއް ނޫން. މީގަ ވަރަށް ގިނަ ދެކޮޅު ނުޖެހުން އެބަހުރި. އެ ދެކޮޅު ނުޖެހުން އެންމެ ފަހުން ނަތީޖާ ކުރަނީ އަޅުގަނޑުމެންގެ ތަރައްގީއަށް އެޅޭ ހުރެހެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ.
ނިޒާމުގެ ވޯޓު ނެންގެވުމަށް ރައީސް ސޯލިހުގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މީކީއެއް ރައްޔިތުން ނިންމި ގޮތެއް ނޫން. ރައްޔިތުން ނިންމާ ގޮތަށް ސަރުކާރު އެކުލަވާލެވެން ޖެހޭނީ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދެންނެވިން ރައީސްއޭ ވެރިކަން ފައްޓަވާފައި މިކަމަށް އިސްކަން ދެއްވުުމަށް އަޅުގަނޑު ވަރަށް އެދެމޭ. އެހެން ބުނެގެން އަޅުގަނޑު މި ހުންނަނީ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމާމެދު އޮތް ހިޔާލުތަފާތުވުންތަކަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވެރިކަމަށް ވަޑައިގަންނަވާތާ 18 މަސް ދުވަހުގެ ތެރޭގައި ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވި މެނިފެސްޓޯގައި އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު ވައުދެއް. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވެވުނު ވައުދެއް. އެ ވޯޓަށް އަދި ނާހާ. އަޅުގަނޑަށް ފެންނަތަނުގާ ރައްޔިތުން ގާތުގާ އެވާހަކަ ނާހާ ދެން އިތުރު ވާޙަކައެއް އަހަން އުޅުމަކީ ބުުއްދިވެރި ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބުނީ އެމަނިކުފާނު ކުރެއްވި މަސައްކަތުން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ސަރުކާރުގެ ވިސްނުމަކަށްވެފައި އޮތީ އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަނުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު އެ ވިސްނުން ބަދަލުވީ އެމަނިކުފާނު ކުރެއްވި މަސައްކަތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެނުނު ގޮތުގަ އެއީ ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑަށް ފެނުނީ ހުރިހާ ގޮނޑިއަކަށް އަޅުގަނޑުމެން ކުރިމަތިލާން," ނަޝީދު ވިދާޅުވި އެވެ.
ރައީސް ސޯލިހަށް ފާޑުވިދާޅުވެ ކުރީގެ ރައީސް ނަޝީދު ވާހަކަ ރޭ ވާހަކަ ދެއްކެވިއިރު އަންނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ދެ ބޭފުޅުން ވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާނެ ކަމަށް ރައީސް ސޯލިހު މިހާރު ވެސް ވަނީ އިއުލާނު ކުރައްވާފަ އެވެ. ނަޝީދު ވަކާލާތު ކުރައްވަނީ ޕްރައިމެރީއެއް ބޭއްވުމުގެ ކުރިން ނިޒާމުގެ ވޯޓަކަށް އެހުމަށެވެ.













