ދޯހާ، ގަތަރު (ޑިސެމްބަރު 2) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިން 2-1 އިން ބަލިކޮށް ޖަޕާން ދެ ވަނަ ބުރުން ފުރުސަތު ހޯދިިއިރު، ކޮސްޓަ ރިކާ އަތުން 4-2 އިން މޮޅުވި ނަމަވެސް ޖަރުމަނު ޖެހިޖެހިގެން ދެ ވަނަ ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.
ގްރޫޕް އީގެ އެއް ވަނަ އަށް ޖަޕާން ދިޔައީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ސްޕެއިނާއި ތިން ވަނަ ހޯދި ޖަރުމަނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަތަރަކަށް ދިޔަ ކޮސްޓަ ރިކާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ސްޕެއިން އަތުން ޖަޕާން މޮޅުވީ ފަހަތުން އަރަ އެވެ. ފުރަތަމަ އެގާރަ އަށް ހަ ބަދަލެއް ގެނެސްގެން ކުޅުނު ސްޕެއިން އިން ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. ސްޕެއިންގެ ގޯލު ޖެހީ 11 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ އެވެ. މިއީ ސެޒާ އަޒްޕްލިއަސެޓާ ނެގި ހުރަހަކުުން މޮރާޓާ ބޮލުން ޖެހި ގޯލެކެވެ. މޮރާޓާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.
ޖަޕާނުން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލީ ދެ ގޯލު ޖަހައިގެންނެވެ. ދެ ގޯލު ވެސް ޖެހި ތިން މިނިޓް ތެރޭގަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ރިޓްސޫ ޑޯއާން ޖެހި ބޯޅަ ގޯލަށް ވަނީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް ބޯޅަ ގޯލަށް ވައްދާލައި، އާއޯ ޓަނަކާ ވަނީ ޖަޕާން މެޗުން މޮޅުކޮށްދީފަ އެވެ.

ޖަޕާންގެ މިޓޯމާ (ވ) ރޮނގުމަތިން ބޯޅަ ހުރަސްކުރަނީ: އެ ބޯޅަ ރޮނގު ހުރަސްކޮށް އެއްކޮށް ބޭރުނުވާ ކަމަށް ނިންމީ ވީއޭއާރް އިން ބަލާފައި.
ޓަނާކާ ޖެހި ގޯލު ބަލައިގަންނަން ނިންމީ ބޯޅަ ބޭރުވިތޯ ޔަގީންކުރުމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.
އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޖަރުމަނުން ވަނީ 10 ވަނަ މިނިޓްގައި ސާޖް ގްނަބްރީ ބޮލުން ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ދެ ވަނަ ހާފަށް ނުކުމެ، ކޮސްޓަ ރިކާ އިން ދެ ގޯލު ޖަހައި، ޖަރުމަނު ސިއްސުވާލި އެވެ.
ކޮސްޓަ ރިކާ އިން ފުރަތަމަ ގޯލު ޖެހީ 58 ވަނަ މިނިޓްގައި ޔެލްސިން ޓެޖޭޑާ އެވެ. އޭރިއާތެރެއިން ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ އަތުގައި ޖެހިފައި ލިބުނު ބޯޅަ ހޯދައި، ޓެޖޭޑާ ގޯލު ތެރެއަށް ބޯޅަ ވައްދާލި އެވެ. އޭގެ 12 މިނިޓް ފަހުން، އޭރިއާތެރެއިން ލިބުނު ފުރުސަތުން، ކޮސްޓަ ރިކާގެ ހުއާން ޕަބްލޯ ވާގާސް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ނޯޔާ އަތުންނެވެ.
ޖަރުމަނުން ވަނީ ބަދަލަކަށް އެރުވި ދެ ކުޅުންތެރިންގެ ގޯލުތަކާ އެކު މެޗުން މޮޅުވެފަ އެވެ. މި ލަނޑުތައް ޖެހީ ކައި ހަވާޓްޒް އާއި ނިކްލަސް ފުލްކްރޫގް އެވެ. ހަވާޓްޒް ދެ ގޯލު ޖެހި އެވެ.

ވޯލްޑް ކަޕް ތާރީހުގައި މެޗެއްގައި ފެނުނު ފުރަތަމަ އަންހެން ރެފްރީ ފްރަޕާޓް (ވ) ޖަރުމަނުގެ ކައި ހަވާޓްޒްއާ ވާހަކަ ދައްކަނީ.
ޖަރުމަނަށް މި މެޗުގައި ގޯލު ޖަހައިދޭން އެ ޓީމުގެ ކުޅުންތެރިން ފޮނުވާލި ބައެއް ބޯޅަތައް ކޮސްޓަ ރިކާގެ ދަނޑިއަށް ވެސް އަމާޒުވި އެވެ. އޭގެ ތެރޭގައި ޖަމާލް މުސިއާލާ ޖެހި ބޯޅަ ވެސް ހިމެނެ އެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނު މި ވަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އަނެއްކޮޅުން ޖަޕާން މި ވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަަމަ ފަހަރަށް ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ކޮލިފައިވެފަ އެެވެ.
ޖަރުމަނާއި ކޮސްޓަ ރިކާގެ މެޗަކީ ވޯލްޑް ކަޕް ތާރީހުގައި ހާއްސަ މެޗެކެވެ. މި މެޗުގެ ރެފްރީ އާއި ދެ އެސިސްޓަންޓް ރެފްރީ އަކީ އަންހެނުންނެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި އަންހެން ރެފްރީ އަކު އިންސާފުކުރި ފުރަތަމަ މެޗެވެ. އެ ޝަރަފް ލިބުނީ ފްރާންސްގެ ކުޅަދާނަ ރެފްރީ، ސްޓެފަނީ ފްރަޕާޓް އެވެ.












