ސަރުކާރުގެ ހިންގުން ހަރުދަނާ ކުރަން އެމެރިކާއިން އެހީގެ ގޮތުގައި އިތުރު ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ދޭން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރާއްޖެ އާއި އެމެރިކާއާ ދެމެދު 2019 ވަނަ އަހަރު ވެވުނު ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް (ޑީއޯއޭޖީ) އަށް ގެނެވުނު ނުވަ ވަނަ އިސްލާހުގެ ދަށުން ދޭ މި އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރާއު އެވެ.
ފޮރިން މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެހީގެ ގޮތުގައި މިހާތަނަށް 25.94 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.
މިފަހަރު ލިބޭ ތިން މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މާލިއްޔަތު ބެލެހެއްޓުމުގެ ޓެކްނިކަލް ކަންކަން ހަރުދަނާ ކުރުމާއި އިގުތިސާދީ އަދި ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމް ހަރުދަނާ ކުރުމަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
މި އަހަރު މާޗު މަހު ވެސް އެމެރިކާއިން ވަނީ 3.2 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.













