ޕެރިސް (ނޮވެމްބަރު 20) - ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އަށް ވެސް މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަމަށް ފްރާންސް ޓީމުން ބުނެފި އެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މި ފަހަރު ހޯދި ބެންޒެމާ، 34، އަށް މިއަދު ފަށާ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވީ އެންމެ ފަހުން ހެދި އެމްއާރްއައިގެ ނަތީޖާ ދެއްކި ގޮތުންނެވެ. ބެންޒެމާގެ އެމްއާރްއައި ރިޕޯޓްގައިވާ ގޮތުން އޭނާ އަށް ކުޅުމަށް އެންމެ އަވަހަަށް ވެސް އެނބުރި އާދެވޭނީ ތިން ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
ބެންޒެމާގެ އަނިޔާއާ އެކު މި ފަހަރު ފްރާންސް ޓީމަށް ކުރިމަތިވި އަނިޔާގެ މައްސަލަ އިތުރަށް ގޯސްވީ އެވެ. އަނިޔާގެ ސަބަބުން ފްރާންސް ޓީމުގައި ނުހިމެނުނު ކުޅުންތެރިންނަށް ބަލާއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ މެދުތެރެ ބެލެހެއްޓި، އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާގެ އިތުރުން ޕީއެސްޖީގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ، އޭސީ މިލާންގެ ގޯލްކީޕަރު، މައިކް މައިންގްނޯން އަދި މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އާރްބީ ލައިޕްޒިގަށް ކުޅޭ ވިންގް، ކްރިސްޓޮފާ އެންކުންކޫ ހިމެނެ އެވެ.
ބެންޒެމާ އެކޭ އެއްގޮތަށް އެންކުންކޫ އަށް ވެސް އަނިޔާވެގެން ބާކީކުރީ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނިފަހުން އަނިޔާވެގެންނެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު ބެންޒެމާ އަށް، މިދިޔަ އަހަރު ފްރާންސް ގައުމީ ޓީމުން އަލުން ޖާގަ ލިބުނީ ހަ އަހަރެއްހާ ދުވަސް ފަހުންނެވެ. ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ފެށީ 2015 ވަނަ އަހަރު އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ހިސާބުންނެވެ.
އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތްކުރި ކަމަށް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ފަސް އަހަރު ފަހުން ބަލަން ތާވަލުކުރި ނަމަވެސް އެ މައްސަލަ ނުހިނގި އެވެ.
ބެންޒެމާ އަލުން ފްރާންސް ޓީމަށް ކުޅުނު ފުރަތަމަ މުބާރާތަކީ މިދިޔަ އަހަރުގެ ޔޫރޯ އެވެ. ބެންޒެމާ ވަނީ މިދިޔަ އަހަރު ފްރާންސަށް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދައްކައިފަ އެވެ.












