ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުން ލިބުނީ ހަނި ތާއީދެއް ކަމަށާއި، އެކަމާ މެދު ސަރުކާރުން ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކަމާ ބެހޭ އެހެން ބައެއް ފަރާތްތަކާ ސުވާލުކޮށް މަޝްވަރާކޮށްގެން އެގޮތަށް ނިންމައި އެކުލަވައިލި ރިިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ ހޯމަ ދުވަހެވެ.
ނަމަވެސް، އެ ބިލު ވޯޓާ ހަމައަށް ގެންދަން ނަޝީދު އިސްވެ ދެކޮޅު ހައްދަވައި، ހުރަސްއަޅުއްވައި ކަމުގެ ތުހުމަތު އިއްޔެ ވެސް ކުރެވުނެވެ.
އަދި އެކަން ރިޔާސަތުން ކުރީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެމްބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެ މައްސަލަ ހޫނުވެ، މަޖިލީހުގެ ރައީސްކަމުން ނަޝީދު ދުރުކުރުމަށް އެ ޕާޓީގެ ބައެއް މެމްބަރުން މަސައްކަތް ކުރަން ފަށާފައިވާއިރު، މިއަދުގެ ޖަލްސާގައި އެ ބިލަށް އެންމެ ފަހުން ވަނީ ވޯޓަށް އަހައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ.
އެ ބިލު ފާސްވުމަށްފަހު، ނަޝީދު ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް މި ބިލަށް މަޖިލީހުން ލިބުނީ "ހަނި" ތާއީދެއް ކަމަށް ވިދާޅުވެފަ އެވެ.
"މި ބާވަތުގެ ގާނޫނުތަކަށް ބިލުތަކަށް ގާނޫނުއަސާސީ އެބަ ލާޒިމުކުރޭ ވަރަށް ބޮޑު އަގުލަބިއްޔަތެއް. މިއަދު ސަރުކާރުން ހުށަހެޅި ގޮތަށް މި ބިލު މިވަނީ ފާސްވެފަ، އެކަމަކާ އެއްވެސް ބޭފުޅަކު ޝައްކެއް ނުކުރާނެ. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން ބައްލަވާނެ ފާސްވި ހަނި އަގުލަބިއްޔަތު،" ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން، އެ ބިލާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުން ފާޅުކުރި ކަންބޮޑުވުންތަކާމެދު ސަރުކާރުން މި ބިލަށް އަމަލުކުރުމުގައި ވިސްނާނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.












