މަޖިލީހުގެ ރައީސްގެ ސްޓޭންޑާއި މައުލޫމާތު އަދި ހުދޫދު

މަޖިލީހުގެ ރައީސް: މަޖިލީހުގެ ރައީސް ގަވައިދާ ހިލާފުވެފައިވާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މަޖިލީހުގެ ރައީސް: މަޖިލީހުގެ ރައީސް ގަވައިދާ ހިލާފުވެފައިވާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

"އެހެންވީމާ... އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހިރާއްޖޭން މޮރިޝަސްގެ ސިޔާދަތީ ބާރު އެ ސަރަހައްދަށް އޮތް ކަމަށް ގަބޫލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް,"

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ޗާގޮސްއާ ގުޅޭ ގަރާރުގެ ބަހުސް ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ, އެހެނެވެ. އެމަނިކުފާނު ހާމަކުރައްވަމުން ގެންދެވީ ހިޔާލެވެ. ގަބޫލުކުރެއްވުންތަކާއި ފެންނަ ފެނުންތަކެވެ.

އެ ގަރާރުގެ ބަހުސް ކުރިއަށް ދިޔައިރު, ވަރަށް ގިނަ ފަހަރަށް ނަޝީދު ވަނީ ދެ މެންބަރުންގެ ދެމެދުގައި އަދި މެންބަރުންގެ ވާހަކަތައް މެދުކަނޑާލެއްވުމަށްފަހު, ވެސް ވާހަކަ ދައްކަވާފަ އެވެ. ދޮޅުގަޑިއިރަށް ދިގުދެމިގެންދިޔަ އެ ބަހުސްގައި މެންބަރުންނަށްވުރެ ނަޝީދުގެ ވާހަކަތައް ގިނަ އެވެ.

"ހަމަކަށަވަރުން ވެސް އަޅުގަނޑެއް ގަބޫލެއް ނުކުރާނަން,"

"އިއްޒަތްތެރި މެންބަރަށް އަޅުގަނޑު މަޖިލީހުގެ ރިޔާސަތުގައި އިނދެ މި ދަންނަވަނީ, ޔަގީންކޮށް އަރުވަން, އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މޮރިޝަސްގެ ސިޔާސަދަތީ ބާރު ޗާގޯސް ރަށްތަކުގެ މައްޗަށް އޮތް ކަމަކަށް," ނަޝީދު, ބަހުސްގެ މެދު ތެރޭން ވިދާޅުވި އެވެ.

މިއާ އެކު, ހޫނުވެގެން ގޮސްފައިވަނީ ނަޝީދުގެ މި ސްޓޭންޑު، ރިޔާސަތުގައި އިންނަވައިގެން ހާމަ ކުރެއްވިދާނެ ކަމާ މެދު އެވެ. އެކަމަށް ބަލަން ޖެހެނީ މަޖިލީހުގެ ގަވައިދަށެވެ. އެ ގަވައިދުގެ ފޮޅުވަތްތަކުން ހާމަވާން ކަމަކީ, މެންބަރުން ކަންބޮޑުވަމުން އަންނަ ގޮތަށް, އެއީ ނަޝީދަށް އޮތް ފުރުސަތެއް ނޫން ކަމެވެ.

"އިއްޒަތްތެރި ރައީސް! އަޅުގަނޑުމެން މި މަޖިލިސް ފެއްޓީ ނުވައެއް ޖެހިއިރު, 1:15 މިނެޓް ހިނގީ, އަޅުގަނޑުމެން މެންބަރަކު ދެއްކި ވާހަަކައަށްވުރެ ގިނައިން ރިޔާސަތުން ވާހަކަ ދައްކަވައިފި, އިއްޒަތްތެރި ރައީސް, އަޅުގަނޑުމެންގެ ގަވައިދުގައި އޮންނަނީ, ރިޔާސަތު ބައިވެރިވެވަޑައިގެންނުވާނޭ ބަހުސްގައި, އެއްވެސް މެންބަރަކާ ބެހޭ ގޮތުން ދައްކާ ވާހަކައާ ބެހޭ ގޮތުން," މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވި އެވެ.

"ސައިޑެއް ނަގައިގެން އިންނަވައިގެން ނުވާނޭ, އަޅުގަނޑުމެންނަށް މި ފެންނަނީ މި ބަހުސްގައި އިއްޒަތްތެރި ރައީސް ރިޔާސަތުން ވަކި ގޮތެއް ކަނޑައަޅުއްވައިގެން.."

ފަލާހް ރިއާޔަތް ކުރެއްވީ މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގެ (ނ)އާ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި, މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމުގައި ހުށަހެޅިފައިވާ މައްސަލައަކާ މެދު މަޖިލީހުގެ ރައީސް ދެކޭ ގޮތް ހާމަކޮށްގެން ނުވާނެ އެވެ.

މަޖިލީހުގެ ރައީސަކީ, ގަވައިދުގައި ބުނާ ގޮތުން ހަމަހަމަކަމާ އެކު އިދާރީ ގޮތުން މަޖިލިސް ހިންގަވަން އިންނަވަން ޖެހޭ ބޭފުޅެކެވެ. އެ ބޭފުޅާ ވަކި އަތަކަށް ޖެހި, ވަކި ވާހަކައެއް ދެއްކެވުމަކީ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި, ވަރަށް ގޯސް ނަމޫނާއެކެވެ;

"މަޖިލީހުގެ ރައީސަކަށް އިންނަވާފައި ވަކި އަތެއް ނެގިގެން ނުވާނެ, މި މައްސަލާގައި ވަރަށް ބޮޑަށް އެބަ ފެނިގެންދޭ ވަކި ސައިޑެއް ނަގާ ތަން," އަސްލަމް ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސް އެބަ ހުރި ވިޕް ބްރޭކް ކުރަން ވިދާޅުވެފައި ވެސް, އެކަހަލަ ކަންކަމަކީ ވަރަށް ގޯސް ނަމޫނާ,"

އަސްލަމް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ރައީސް އެވަނީ ސީދާ ގަވައިދާ ހިލާފުވެފަ އެވެ.

މިއީ, ނަޝީދު ވެސް ނުދަންނަ ކަމެއް ނޫނެވެ; އެންމެ ފުރަތަމަ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިނުލައްވަން ނިންމެވީ ވެސް ބަހުސްތަކުގައި ބައިވެރިވެވަޑައިނުގެންނެވޭނެތީ އެވެ. އެއަށްފަހު, މަގާމަށް ވަޑައިގެން ވެސް އެކަމުގެ އުދާސް ތަކުރާރު ކުރެއްވި އެވެ. އަދި, މަޖިލީހުގެ ރައީސަކީ މެންބަރުންގެ "ގޮނޑިކޮއްކޮ"އެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"...ހަމަ މިތާގައި އިންނަ "ގޮނޑި ކޮއްކޮ" އެކޭ، ތި ވިދާޅުވިހެން އަޅުގަނޑަކީ ތިޔަބޭފުޅުން ވިދާޅުވީމަ، ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ވިދާޅުވި މިންވަރަކަށް ކުރާން އިންމީހެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އެކަމަކު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ އެމްޑީޕީގެ މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި, ނަޝީދު ވަނީ ގަވައިދުގައި ކަނޑައަޅާފައި އޮތް ހުދޫދުން ބޭރުވެފަ އެވެ. އެ އުދާސްތަކާއި ޝަކުވާތަކުން އިއްޔެ މަޖިލިސްގެ ތަޅުން ފުރާލި އެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވީ, "މަޖިލިސް ހިނގަމުންދާ ގޮތާ ދޭތެރޭ ވަރަށް ހިތާމަކުރާ" ކަމަށެވެ. "ހިތާވާ ބޭފުޅަކަށް ވެއްޖެއްޔާ ހިތަށްއެރި ވަގުތެއް ދެއްވަމުން ތި ދަނީ,"

މެންބަރުން ވިދާޅުވަމުން ގެންދެވީ ނަޝީދުގެ ހުދުމުތާރު ކަމެވެ. ކެލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދުގެ ޖަލްސާގައި ވެސް ވިދާޅުވީ "ތިޔަ ފަދަ ހުދުމުހާރު ވެރިއެއްގެ ކުރިމަތީގައި" ވާހަކަ ދައްކަން ވެސް ބޭނުން ނުވާ ކަމަށެވެ.

ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމާއި މެންބަރުން ދައްކަވާ ވާހަކަތައް ތަރުޖަމާ އަދި ފަހުމްކޮށް ދެއްވުމުގެ މަސައްކަތް ނަޝީދު ތަކުރާރުކޮށް ކުރައްވަމުންދާއިރު, އެކަން ކުރެއްވުމަށް ރިޔާސަތުން ފައިބާވަޑައިގެންނެވުމަށް ވެސް އިއްޔެ ބައެއް މެންބަރުން ލަފާ ދެއްވާފައިވެ އެވެ. -- މި ލަފާ ދެއްވާފައިވާއިރު, ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ އަޑުތައް އަނެއްކާވެސް ވަނީ ގަދަވެފަ އެވެ.

"...ފިކުރެއް އޮވެދާނެ އެކަމާ ބެހޭ ގޮތުން ވާހަަކައެއް ދައްކަން, އެހެންވެއްޖެ ކަމަށް ވަންޏާ, މަނިކުފާނު ހޮވިވަޑައިގެންނެވި ދާއިރާގެ ގޮނޑި ހަމަ އި އިންނެވީ, ވަޑައިގެން މި ތަނުގައި އެ މައުލޫއާ ބެހޭ ގޮތުން ހަމަ ވާހަކަ ކުރިއަށް ގެންދަވަނީ އިނގޭތޯ," އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު, އިއްޔެ ވިދާޅުވި އެވެ.

މެންބަރުންގެ މި ހުރިހާ ކަންބޮޑުވުމެއް އޮތަސް, ނަޝީދު ވިދާޅުވަމުން ގެންދަވަނީ ގަވައިދުގެ އެންމެ އަކުރަކާއި ފިއްޔަކާ ވެސް އެމަނިކުފާނު ހިލާފުވެފައި ނުވާނެ ކަމެވެ.

"މި މަޖިލިސް ހިންގަމުންދާނީ ސީދާ އަކުރުން އަކުރަން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން, އެކަމަކާ އެއްވެސް މެންބަރަކު ޝައްކު ކުރައްވާނެ ކަމެއް ނެތް," ނަޝީދު, އިއްޔެ ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް, ޗާގޮސް މައްސަލާގައި އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ވާހަކަ ދައްކަވާ ސަބަބު ވެސް ވިދާޅުވެ ދެއްވި އެވެ;

"...އަޅުގަނޑަކީ ދިވެހި ރައްޔިތެއް, އަދި ތި ވިދާޅުވަނީ ވަރަށް ހައްސާސް ވާހަކައެއް, ތިއީ ތެދުފުޅަކަށްވުމަކީ; އިއްޒަތްތެރި މެންބަރު, އަޅުގަނޑަކީ ދިވެހި ރައްޔިތެއް, އަޅުގަނޑަށް މި ތަނުގައި އިނދެ ބަހުސް ކުރަމުންގެންދާއިރުގައި ކަމާ ގުޅޭ މައުލޫމާތު އިއްޒަތްތެރި މެންބަރުންނަށް ނާރުވައި އިނުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނޭ," ނަޝީދު ވިދާޅުވި އެވެ.

އެކަމަކު, ނަޝީދުގެ އެ ދިފާއުން ވެސް ނެރެވޭ ސުވާލަކީ, މައުލޫމާތާއި އެމަނިކުފާނުގެ ސްޓޭންޑްގެ ތަފާތެވެ. މެންބަރުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދެއްވައި, ކުށް ފިލުވައިދެއްވުމަކީ, ގަވައިދުގައިވާ ގޮތުން މަނާ ކަމަކަށް ނުވެދާނެ އެވެ.

އެކަމަކު, "ގަބޫލުކުރައްވާ ގޮތް", "ފެންނަ ފެނުންތައް" ވިދާޅުވަކީ, ގަވައިދުގެ ކޮން ފޮޅުވަތަކަށް ފައްތާނެ ކަމެއްކަން ސާފެއް ނުވެ އެވެ.

މަޖިލީހުގެ ރައީސްގެ އާރާއި ބާރުގެ ހުދޫދުގެ ސުވާލު ނިންމާނުލެވެނީ އެހެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox