ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ތިއްބަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އަމަލުކުރައްވަމުން ގެންދަވާ ގޮތާ މެދު ނުރުހިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ ބައެއް މެންބަރުން ވަޑައިގެންފި އެވެ.
ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އިއްޔެ އެވެ. އިއްޔެ އެ ރިޕޯޓަށް ބަހުސްކުރަން އެއްވެސް މެންބަރަކު ނަން ނޯޓު ނުކުރިއިރު، ކޯރަމް ހަމަނުވާ ކަމަށް ވިދާޅުވެ ވޯޓަށް އެހެން ނެތް ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.
އިއްޔެ ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އަފީފަކީ ވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ، އެމަނިކުފާނުގެ އަރިސް މެންބަރެކެވެ. ދެން ރިޔާސަތުގައި އާންމުކޮށް އިންނަވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
މިއަދު މެންދުރުފަހު ވޯޓު ގަޑީގައި ބިލަށް ވޯޓަށް އަހަން އޮތް އިރު ވޯޓު ގަޑީގައި ރިޔާސަތުގައި އިންނެވީ ވެސް ނަޝީދެވެ. ނަމަވެސް އެހެން މައްސަލަތަކަށް ވޯޓަށް އެއްސެވުމަށް ފަހު، ޓެކްސްގެ ބިލަށް ވޯޓަށް އިއުލާން ނުކުރައްވައި، ރިޔާސަތުން ޖަލްސާ ނިންމަވާލެއްވި އެވެ.

މަޖިލީހުގެ ތަޅުމުގެ ތެރޭގައި ވެސް އެ ވަގުތު ރައީސަށް ތާއީދުކުރައްވާ މެންބަރުން ނުރުހުން ފާޅުކުރައްވައި އަޑުގަދަކުރެއްވިއިރު، މި ވަގުތު އެ މެންބަރުން ތިއްބެވީ ރައީސް ސޯލިހްގެ އަރިހަށް ވަޑައިގެންފަ އެވެ. އަދި އެ ކަން ބައެއް މެންބަރުން ވަނީ "އަދަދު"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އެ ބިލަށް ވޯޓަށް އަހާފައިނުވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން ދަނީ ވިދާޅުވަމުންނެވެ. ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރާއިރު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ މި ދަނޑިވަޅު ޓެކްސް ބޮޑުނުކުރުމަށް ލަފާ ދެއްވައިފަ އެވެ.













