މެޑްރިޑް (ނޮވެމްބަރު 11) - ސްޕެނިޝް ލީގުގައި ރޭ ކަޑިޒް އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ފަރަގުކުޑަކޮށްފި އެވެ.
ފީފާ ވޯލްޑް ކަޕަށް ސްޕެނިޝް ލީގު މެދުކަނޑާލިއިރު، ބާސެލޯނާ އިން އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސެލޯނާ އަށް 14 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 14 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި ރެއާލަށް ލީޑުނަގައިދިން ގޯލު ޖެހީ 40 ވަނަ މިނިޓްގައި ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އެވެ. މިއީ ޓޯނީ ކްރޫސް އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާތެރޭގައި ހުސްކޮށް ހުރެފައި މިލިޓާއޯ ބޮލުން ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރެއާލަށް ލީޑުފުޅާކޮށްދޭން ފެޑެރީކޯ ވަލްވޭޑޭ އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ކަޑިޒް ކުޅުންތެރިއަކު ފައިގައި ޖެހިފައި ހުރަސްދަނޑިމަތިންނެވެ.
މެޗުގެ 70 ވަނަ މިނިޓްގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ކްރޫސް އެވެ. އޭރިއާބޭރުން ވޮލީ އަކުން ކްރޫސް ޖެހި ބޯޅަ ގޯލަށް ވަނީ ކަޑިޒްގެ ކީޕަރު ޔެރެމިއަސް ލެޑެސްމާ އަތުގައި ޖެހިފަ އެވެ. އޭގެ ހަ މިނިޓް ފަހުން ރެއާލްގެ ތިން ވަނަ ލަނޑު ޖަހަން، ވިނީޝިއުސް ޖޫނިއާ ޖެހި ބޯޅަ ކީޕަރު ލެޑެސްމާ ވަނީ ހުއްޓުވައިފަ އެވެ. އަދި ފަހުން، ވިނީޝިއުސް މުޅިން ހުސްކޮށްލާފައި ލޫކަ މޮޑްރިޗަށް ގޯލު ކުރިމަތިން ދިން ބޯޅަ ފޮނުވާލީ އަރިމަތިން ބޭރުންނެވެ.
ކަޑިޒް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 81 ވަނަ މިނިޓްގައި ލޫކަސް ޕެރޭޒް އެވެ. ޕެރޭޒް މި ލަނޑު ޖެހީ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އަތުގައި ޖެހިފައި ނުކުތް ރީބައުންސް ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެެވެ. އެކަމަކު، ކަޑިޒް އިން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވެ، މެޗުން ބަލިވީ އެވެ.
ސްޕެނިޝް ލީގުގެ މެޗުތައް ދެން އޮންނާނީ ވޯލްޑް ކަޕަށް ފަހު ދޭ 12 ދުވަހުގެ ބްރޭކް ނިންމާލުމަށް ފަހު، ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.












