މެޑްރިޑް (ނޮވެމްބަރު 8) - ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އަތުން 3-2 އިން ބަލިވެ، ތާވަލްގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ގެއްލިއްޖެ އެވެ.
ރޭގެ ނަތީޖާއާ އެކު ތާވަލްގެ އެއް ވަނައިގައި އޮތް ބާސެލޯނާގެ ދެ ޕޮއިންޓްގެ ލީޑު ވަނީ ދެމެހެއްޓިފަ އެވެ. ރެއާލް ދެ ވަނައިގައި އޮތީ 32 ޕޮއިންޓާ އެކު އެވެ. ތާވަލްގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 34 ޕޮއިންޓް ހޯދައިގެންނެވެ.
މެޗުގެ ކުރީކޮޅު ސަންޓީ ކޮމެސާނާ ޖެހި ލަނޑާ އެކު ވަޔެކާނޯ އިން ލީޑު ނަގާފައިވަނިކޮށް، ރެއާލް އިން ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ރެއާލް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 37 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ލޫކަ މޮޑްރިޗް ކާމިޔާބު ކުރި ގޯލުންނެވެ. އަދި މެޗުގެ 41 ވަނަ މިނިޓުގައި ރެއާލް އިން ލީޑު ނެގީ ޑިފެންޑަރު، އެޑާ މިލިޓާއޯ ޖެހި ލަނޑުންނެވެ.
އެކަމަކު، ފުރަތަމަ ހާފު ނިމެނިކޮށް، ވަޔަކާނޯގެ އަލްވާރޯ ގާސިއާ ރިވޭރާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗުގެ 67 ވަނަ މިނިޓުގަައި ލިބުނު ޕެނަލްޓީ އަކުން އޮސްކާ ޓްރޭހޯ ޖެހި ލަނޑާއެކު، ވަޔެކާނޯ އަށް ދެ ވަނަ ފަހަރަށް ލީޑު ލިބުނެވެ. އެ ލީޑު ދަމަހައްޓައި، ވަޔެކާނޯ މެޗުން މޮޅުވީ އެވެ.
"އާންމުކޮށް އަހަރަމެން ނިންމާލާ ފުރުސަތުތައް ވެސް މި މެޗުގައި ކާމިޔާބު ނުކުރެވުނީ،" މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ބުންޏެވެ.
"މިއީ ފުޓްބޯޅައިގައި ބައެއް ފަހަރު ކަންތައް ދިމާވާ ގޮތް. މެޗުން ބަލިވުމުން ވަރަށް ހިތްހަމަނުޖެހޭ. އެކަމަކު ކުޅުންތެރިންނާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް. ސީޒަންގެ މި ހިސާބަށް ދިޔައިރު ޓީމުގެ ކުޅުން ވަރަށް ރަނގަޅު."
މި މެޗުގެ ކުރިން ރެއާލްގެ ވިނީޝިއުސް އާއި ރޮޑްރީގޯ އަދި މިލިޓާއޯ އަށް ވަނީ ވޯލްޑް ކަޕަށް ނެގި ބްރެޒިލްގެ ސްކޮޑުގައި ހިމެނޭކަން ކަށަވަރުވެފަ އެވެ.
އަންޗަލޮޓީ ބުނީ ރެއާލްގެ ކުޅުންތެރިންގެ ވިސްނުން މިހާރު ހުރީ ވޯލްޑް ކަޕަށްކަން ގަބޫލް ނުކުރާކަމަށާއި ކުޅުންތެރިން ތިބީ ކްލަބުގެ މެޗުތަކަށް ރަނގަޅަށް ސަމާލުކަންދީގެން ކަމަށެވެ.












