މިސްރުގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް 27) ގައި ރާއްޖެ ތަމްސީލުކުރެެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ނައިބު ރައީސްގެ އިތުރުން ކޮޕް 27 ގައި ރާއްޖެ ތަމްސީލުކުރާ ހާއްސަ ވަފުދެއްވެސް މިސްރަށް ވަނީ ގޮސްފަ އެވެ.
މިފަހަރުގެ ކޮންފަރެންސްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވާނީި ނައިބު ރައީސް ފައިސަލް އެވެ.
ރާއްޖެއިން މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދުނިޔޭގެ ގައުމުތަކަށް އިއްވުމަށް މި ސަމިޓު ވެގެންދާނީ ވަރަށްވެސް މުހިންމު ސަމިޓަކަށެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ނުރައްކާތައް ބައިނަލްއަގުވާމީ މުޖުތަމައުއާ ހިއްސާކުރުމަށްވެސް ކޮޕް 27 ގައި ފުރުސަތު ލިބިގެންދާނެ އެވެ.

ނައިބު ރައީސްގެ އިތުރުން ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިއަދު މިސްރަށް ފުރާވަޑައިގެންފަ އެވެ.
ނަމަވެސް، ނަޝީދު ކޮޕް 27 ގައި ބައިވެރިވެވަޑައިގަންނަވާނީ ސްރީލަންކާގެ ވަފުދުގެ މެންބަރެއްގެ ގޮތުގަ އެވެ.













