މެޑްރިޑް (ނޮވެމްބަރު 3) - ރިޓަޔާކުރާނެ ވަކި ދުވަހެއް އަދި ނޭނގުނަސް، ރިޓަަޔާކުރާނީ ރެއާލް މެޑްރިޑްގައި ހުރެ ކަމަށް އެ ޓީމުގެ ޖަރުމަނު މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.
ރެއާލާ އެކު ކްރޫސް ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހަށެވެ. ޖެނުއަރީ މަހު ކްރޫސް އަށް 33 އަހަރު ފުރޭއިރު، ރެއާލްގެ ކޮންޓުރެކްޓް ހަމަވުމުން ކުޅުން ހުއްޓާލަން އޭނާ ވިސްނަމުންދާ ކަމަށް ސްޕެއިންގެ ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
މިދިޔަ އަހަރު އޮތް ޔޫރޯ މުބާރާތުން ޖަރުމަންގެ ގައުމީ ޓީމު ކެޓުމާ އެކު، ކްރޫސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.
މި ސީޒަނަށް ފަހު ކްރޫސް ކުޅުން ހުއްޓާލަން އުޅޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ އަކި ކުޅުން ހުއްޓާލާނެ ވަކި ދުވަހެއް އޭނާ ނުނިންމާއިރު، ތިކަހަލަ އަޑުތައް ފެތުރުމަކީ "ވަރަށް ހެއްވާ" ކަމެއް ކަމަށެވެ.
ބަޔާން މިއުނިކާއި ލެވަކޫސަނަށް ކުރިން ކުޅުނު ކްރޫސް ބުނީ އެހެން ކްލަބަކަށް ކުޅުމުގެ ވިސްނުމެއް ނެތްކަމަށާއި ކުޅުން ހުއްޓާލާނީ ރެއާލްގައި ހުރެ ކަމަށެވެ.
"އަހަރެން ތިކަމާ (ކުޅުން ހުއްޓާލުމަ) އިތުރަށް ވިސްނާނީ އަންނަ އަހަރު ނުވަތަ ވޯލްޑް ކަޕް ބްރޭކުގައި،" ކްރޫސް ބުންޏެވެ. "އެކަމަކު، ބަދަލުނުވާނެ ކަމެއް އެބައޮތް. އަހަރެން ރިޓަޔާކުރާނީ ރެއާލްގައި. އެހެން ކްލަބަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް،" ކްރޫސް ބުންޏެވެ.
ރެއާލާ އެކު ކްރޫސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ހިމެނެ އެވެ.
ކްރޫސް ބުނީ ރެއާލްގެ ކޮންޓުރެކްޓް އާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އަދި ކޮންޓުރެކްޓްގެ މުއްދަތު ހަމަވާން ކައިރިވާ ފަހުން މަޝްވަރާތައް ފެށިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ކްލަބުން ވެސް ނޫޅޭ އަވަސް އަރުވާލައިގެން ކަންތައްތައް ކުރާކަށް. އަދި ވަގުތު އެބައޮތް. އަހަންނަށް ހެޔޮ ކޮންޓުރެކްޓް އާކުރުމުގެ މަޝްވަރާތައް ޖެނުއަރީ، ފެބްރުއަރީ ނުވަތަ މާޗުގައި ކުރިޔަސް،" ކްރޫސް ބުންޏެވެ.
ބަޔާން ދޫކޮށް 2014 ވަނަ އަހަރު ކްރޫސް އެންމެ ފުރަަތަމަ ގުޅެން މަޝްވަރާކުރީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެކަމަކު، ފަހުން ކާލޯ އަންޗެލޮޓީގެ އެދުމަށް ރެއާލް މެޑްރިޑުން އެ ރޭހަށް ވަދެ، ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ކްރޫސްގެ ސޮއި ހޯދީ ޖުމްލަ އެކު 35 މިލިއަން ޑޮލަރު ދައްކައިފަ އެވެ.












