މެޑްރިޑް (އޮކްޓޫބަރު 20) - ކަރިމް ބެންޒެމާ ބެލޮންޑިއޯ އެވޯޑް ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ރޭ އެލްޗޭ ކޮޅަށް ޖެހި ގޯލާ އެކު، 3-1 އިން މޮޅުވެ، ރެއާލް މެޑްރިޑް ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރެއާލް އެއް ވަނައިގައި އޮތީ 10 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ ނުވަ މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. މިރޭ ވިޔަރެއާލް އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ، ރެއާލްގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ.
އެލްޗޭ ދަނޑުގައި ރޭ ކުުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި ބެންޒެމާ ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އެ ގޯލު ބަލައިނުގަންނަން ނިންމީ ބެންޒެމާ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ވީނީޝިއުސް އޮފްސައިޑް މަގާމެއްގައި ހުރުުމުންނެވެ. އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
ރެއާލުން ލީޑުނެގީ މެޗުގެ 10 ވަަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ފެޑެރީކޯ ވަލްވޭޑޭ ޖެހި ގޯލުންނެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
މެޗުގެ 26 ވަނަ މިނިޓްގައި ރެއާލްގެ ޑޭވިޑް އަލަބާ ޖެހި ގޯލެއް ވެސް ވަނީ ވީއޭއާރް އިން އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ރެއާލްގެ ޑެނީ ކާވަހާލް ނެގި ހުރަހަކުން ބެންޒެމާ އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޖެހި ގޯލު ވެސް ނިންމީ އޮފްސައިޑް ކަމަށެވެ. މިއީ ވެސް ވީއޭއާރް އިން ޔަގީންކުރުމަށް ފަހު ނިންމި ނިންމުމެކެވެ.
ނަތީޖާ ހަމަހަމަކުރަން އެލްޗޭ އިން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ރެއާލްގެ ގޯލު ބެލެހެއްޓި އަންޑްރީ ލުނިން ވަނީ މަތަކޮށްފަ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި ރޮޑްރީގޯ ދިން ބޯޅައަކުން ބެންޒެމާ ވަނީ ރެއާލްގެ ލީޑުފުޅާކޮށްފަ އެވެ. އޭރިއާތެރެއިން ބެންޒެމާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ބަދަލަކަށް ކުޅެން އެރި މާކޯ އަސެންސިއޯ ރެއާލްގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. އަސެންސިއޯގެ ގޯލަށް ވެސް ފުރުސަތު ހޯދައިދިނީ ރޮޑްރީގޯ އެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ލީގު ސީޒަންގެ ފުރަތަމަ 10 މެޗު ބަލިނުވެ ނިންމާލުމަކީ ކުރިއަށްދާން ބަލާއިރު، ރަނގަޅު ކަމެއް ކަމަށެވެ. އަދި ސީޒަނުގެ މުހިންމު ހިސާބެއްގައި ގިނަ މެޗުތަކުން މޮޅުވުމަކީ ޓީމުގެ ކޮންފިޑެންސަށް ވެސް ރަނގަޅެއްގެ ގޮތުގައި އަންޗެލޮޓީ ދެކެ އެވެ.












