ޕެރިސް (އޮކްޓޫބަރު 18) - ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑާއި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ހޯދިއިރު، މިދިޔަ އަހަރެކޭ އެއްގޮތަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ބާސެލޯނާ އާއި ސްޕެއިނުގެ ތަރި އަލެކްސިއާ ޕުޓޭޔާސް އަށް ލިބިއްޖެ އެވެ.
މިއީ 1998 ވަނަ އަހަރު ޒިނެދިން ޒިދާން ބެލޮންޑިއޯ އެވޯޑް ހޯދި ފަހުން، ފްރާންސްގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަަމަ ފަހަރެވެ. މީގެ ކުރިން ވެސް ބެންޒެމާ އަށް މި އެވޯޑް ލިބޭނެ ކަމަށް ބެލެވިފައި އޮތް އެންމެ ބޮޑު ސަބަަބަކީ މިދިޔަ ސީޒަނުގައި ރެއާލާއި ފްރާންސް ޓީމަށް އޭނާ ދެއްކި މޮޅު ކުޅުމުންނެވެ.
ރެއާލަށް 46 މެޗުން 44 ގޯލު ޖަހައިދިން ބެންޒެމާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ފްރާންސަށް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދޭން އެހީތެރިވި އެވެ.
"ބެލޮންޑިއޯ އަކީ އިންޑިވިޖުއަލް އެވޯޑަކަށް ވެދާނެ. އެކަމަކު، އަހަންނަށް ފެންނަނީ މިއީ ގުޅިގެން ކުރާ މަސައްކަތަކަށް ލިބޭ އެވޯޑެއްގެ ގޮތުގައި، މިއީ މީހުންގެ މަސައްކަތުން ލިބުނު އެވޯޑެއް. މި ޓްރޮފީ ހޯދުމަކީ އަހަރެންގެ ސިކުނޑީގައި އަބަދުވެސް އޮތް ކަމެއް،" ރޭގެ އެވޯޑް ހަފްލާގައި ބެންޒެމާ ބުންޏެވެ.
ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ގޮތަށް ބެލޮންޑިއޯ އެވޯޑް ބަދަލުކުރި ފަހުން ބެންޒެމާ، 34، އަށް މި އެވޯޑް ލިބުނުއިރު، ޔުއެފާ އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސް ބެލޮންޑިއޯ އިން ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ ޓްރޮފީއާ އެކު: އޭނާ ވަނީ މިދިޔަ ދެ އަހަރު ވެސް މި ޓްރޮފީ ހޯދާފައި.
ބެލޮންޑިއޯ އެވޯޑްގެ ދެ ވަނަ ހޯދީ މިދިޔަ ސީޒަނުގައި ލިވަޕޫލާ އެކު އެފްއޭ ކަޕާއި ލީގު ކަޕް ކާމިޔާބުކޮށް، ސެނެގާލަށް އެފްރިކަން ކަޕް ނޭޝަންސް ކާމިޔާބުކޮށްދޭން އެހީވި ސަޑިއޯ މާނޭ އެވެ. މާނޭ އަށް ވަނީ ރޭގެ އެވޯޑް ހަފްލާގައި ސްކޮރަޓެސް އެވޯޑް ވެސް ލިބިފަ އެވެ. މިއީ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު އިޖުތިމާއީ ހިދުމަތްތައް ކުރާ ކުޅުންތެރިއަކަށް ދޭ އެވޯޑެކެވެ.
ބެލޮންޑިއޯ އެވޯޑްގެ ތިން ވަނަ އަށް ދިޔައީ ޔުއެފާގެ އެންމެ މޮޅު މިޑްފީލްޑަރުގެ އެވޯޑް ހޯދި މެންޗެސްޓާ ސިޓީގެ ތަރި ކެވިން ޑިބްރޭނާ އެވެ.
ގަދަ 10ގެ ބާކީ ވަނަތަކަށް ބަލާއިރު، ހަތަރަކަށް ދިޔައީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކަށް ކުޅުނު ރޮބަޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީ އަށް ވަނީ ބެލޮންޑިއޯ އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފޯވާޑަށް ދޭ މުލާ ޓްރޮފީ ލިބިފަ އެވެ.
ފަސް ވަނަ އަށް ލިވަޕޫލްގެ މުހައްމަދު ސަލާހު ދިޔައިރު، ހަ ވަނަ އަކީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އެވެ. ހަތް ވަނަ ހޯދީ އެންމެ މޮޅު ކީޕަރަށް ދޭ ޔަޝިން ޓްރޮފީ ހާސިލްކުރި ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އެވެ.
ރެއާލާއި ބްރެޒިލްގައި ވިދަމުން އަންނަ ވިނީޝިއުސް ޖޫނިއާ އަށް ވަނަ އަށް ދިޔައިރު، ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗް ދިޔައީ ނުވަ ވަނަ އެވެ. މެންޗެސްޓާ ސިޓީގައި މިހާރު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އާލިން ބްރައުޓް ހާލަންޑް ދިޔައީ 10 ވަނަ އެވެ.
ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދައި ރެކޯޑެއް ގާއިމްކޮށްފައިވާ ލިއޮނަލް މެސީ މި ފަހަރު ގަދަ 30 ގެ ތެރޭގައި ނެތެވެ. މި އެވޯޑް ގިނަ ފަހަރުތަކެއް މަތިން ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ދިޔައީ 20 ވަނަ އެވެ. މިއީ 17 އަހަރު ތެރޭ ރޮނާލްޑޯގެ އެންމެ ދަށް ރޭންކިން އެވެ.
މިދިޔަ ސީޒަނުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ހޯދީ ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ގަވީ އެވެ. ރެއާލް މެޑްރިޑުގެ ފްރާންސް މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ދެ ވަަނަ ހޯދިއިރު، ތިން ވަނަ ދިޔައީ ބަޔާންގެ ޖަމާލް މުސިއަލާ އެވެ.
އެންމެ މޮޅު ކްލަބްގެ އެވޯޑް ލިވަޕޫލް ފަހަތަށް ޖައްސާލުމަށް ފަހު ހޯދީ މެންޗެސްޓާ ސިޓީންނެވެ. މި އެވޯޑް ދެނީ ސީޒަނުގައި ޓީމުގެ ކާމިޔާބީ އާއި ބެލޮންޑިއޯ ނޮމިނޭޝަންސް އަށް ބެލުމަށް ފަހު އެވެ.












