ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 40 އަހަރު ފުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހެކަތަންގެ ވަނަތައް ހޮވައިފި އެވެ.
ޖުމުލަ 30 އަށްވުރެ ގިނަ ބައިވެރިންނާ އެކު 48 ގަޑިއިރުގެ މުހުލަތަކަށް މި ހެކަތަން ކުރިއަށްގެންދިޔައީ ހޮޓެލް ޖެންގަ އެވެ. މިއަހަރުގެ ހެކަތަން ބޭއްވީ 'ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަ އެކްސްޕީރިއެންސް' ތީމަށެވެ.
އެ ތީމުގެ ދަށުން ހުށަހެޅި ތިން ހިޔާލަކަށް ބީއެމްއެލްގެ އިނޮވޭޝަން ލެބުގައި ހަ މަސް ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ އެވެ. އެ ޓީމުތަކަކީ؛
- އަޙުމަދު މަހުފޫޒު، ހުސައިން ޒަޔާން، މޫސާ އިރުޝާން – ހުށަހަޅާފައިވަނީ ޑިޖިޓަލް އޮންބޯޑިން
- މުހައްމަދު އާތިކް އަލީ ރިޒާ، ފާތިމަތު އަރީން ނަސީމް، މުޙައްމަދު ޔާނިއު ރަމީޒު – ހުށަހަޅާފައިވަނީ އެކްސްޕެންސް ޓްރެކަރު
- މުހައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް، މުހައްމަދު އީމާން – ހުށަހަޅާފައިވަނީ ޕާސަނަލް ފައިނޭންސް މެނޭޖާ
މި މުއްދަތުގެ ތެރޭގައި ކާމިޔާބުކުރާ ފަރާތަށް މަސައްކަތްކުރުމަށް ހާއްސަ އޮފީހަކާއި ކޮންމެ ޓީމަކަށް ވެސް އެލަވަންސްގެ ގޮތުގައި 20،000ރ. ދޭނެ އެވެ. އަދި، ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ބޭންކުން ދޭނެ އެވެ.
"މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭންކިންގ ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ދިޔުމަކީވެސް އަޅުގަނޑުމެންގެ އަމާޒު. ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމްވެގެންދާނެ،" މި ހެކަތަންއާ ގުޅޭގޮތުން ބީއެމްއެލްގެ ޑިރެކްޓަރު އާއިޝަތު ނޫރައްދީން މީގެކުރިން ވިދާޅުވެފައި ވެއެވެ.










