މެޑްރިޑް (އޮކްޓޫބަރު 17) - ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލްކްލަސިކޯ މެޗު، 3-1 އިން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެއް ވަނަ އަށް ޖެހިލައިފި އެވެ.
މިއީ މި ވަގުތު ހާލަތުގެ ގޮތުން ބާސެލޯނާ އަށް ހިތްދަތި ނަތީޖާ އެކެވެ. ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އިންޓަ މިލާނާ އެއްވަރުވެ، އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ ވާހަކަތަކުން ބާސެލޯނާ އަށް ހަމަޖެހުމެއް ނުލިބިގެން އުޅެނިކޮށް، މި ވަނީ އެލް ކްލަސިކޯ މެޗުން ވާދަވެރި ރެއާލް އަތުން ބަލިވެ، ލީގުގެ ފުރަތަމަ ނާކާމިޔާބީއާ އެކު، ތާވަލިގެ އެއް ވަނަ މަގާމު ވެސް ގެއްލިފަ އެވެ.
ބާސެލޯނާ އަތުން ހޯދި މޮޅާ އެކު ރެއާލް އެއް ވަނައިގައި އޮތީ ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ނުވަ މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ.
މިރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިިދިނީ ކަރިމް ބެންޒެމާ އެވެ. ރެއާލްގެ ވިނީޝިއުސް ޖޫނިއާ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ފޮނުވާލި ހަމަލާ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން އަތުގައި ޖެހިފައި ނުކުތް ވަގުުތު ބެންޒެމާ ވަނީ ހަމަޖެހިލާފައި ބޯޅަ ގޯލަށް ވައްދާލައިފަ އެވެ. މިއީ އެންމެ ފަހުން ކުުޅުނު ފަސް މެޗުގެ ތެރެއިން ބެންޒެމާ ޖެހި ފުރަތަަމަ ގޯލެވެ.

ބާސެލޯނާގެ އޮސްމާން ޑެމްބެލޭ (ވ) ކައިރިން ރެއާލްގެ ފެޑެ ވަލްވޭޑޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ
ރެއާލުން ވަނީ މެޗުގެ 35 ވަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. ފާލަންޑް މެންޑީ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ ވަނީ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ ކްލަސިކޯ މެޗުތަކުގައި ވަލްވޭޑޭ ޖެހި ތިން ވަނަ ގޯލެވެ. މީގެ ކުރިން ޖެހީ ސައުދީ އަރަބިއްޔާގައި ކުޅުނު ސުޕަ ކަޕް މެޗާއި ބާސެލޯނާ ދަނޑުގަ އެެވެ.
ދެ ވަނަ ހާފްގެ ހަ ވަނަ މިނިޓްގައި ރެއާލްގެ ބެންޒެމާ ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، މި ލަނޑު ބަލައިނުގަންނަން ނިންމީ އޮފްސައިޑްވުމުންނެވެ. އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ޔަގީންކޮށްފަ އެވެ.
މެޗުގައި ބާސެލޯނާ އިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 83 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ހުސްކޮށް އަރައި، ފެރާން ޓޮރޭޒް މި ގޯލު ޖެހީ ރޮބަޓް ލެވަންޑޯސްކީ ޖައްސާލި ބޯޅައަކުންނެވެ. ބާސެލޯނާގެ އަންސޫ ފާޓީ ނެގި ހުރަސް ލެވަންޑޯސްކީ ފައިގައި ޖެހިފައި އައިއިރު، ޓޮރޭޒް ހުރީ ގޯލު ކުރިމަތީގައި ހުސްކޮށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރެއާލަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގައި ރޮޑްރީގޯ އެވެ. މިއީ ރޮޑްރީގޯ އަށް ބާސެލޯނާގެ އެރިކް ގާސިއާ ކުރި ފައުލަކަށް ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީ އަކުން ރޮޑްރީގޯ ޖެހި ގޯލެކެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާގެ އެންމެ ބޮޑު އެއް ކާމިޔާބަކީ ރެއާލް ދަނޑުގައި 4-0 އިން ހޯދުނު މޮޅެވެ. އެކަަމަކު، މި ފަހަރު ރެއާލް ދަނޑުގައި މި ޖެހުނީ ގޯސް ނަތީޖާއަކާ ކުރިމަތިލާށެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ރެއާލް ދަނޑުގައި ބަލިވާ މެޗަކަށް ފަހު، ޓީމުގެ ފަރާތުން ރަނގަޅަށް ދިޔަ ކަމެއް ފާހަގަކޮށް އުފާކުރެވޭނެ ހާލަތެއް ނެތް ކަމަށެވެ.












