ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ކުރިމަތިލާއިރު، މިއީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު، ޒަމާންދީ ދެ ވާދަވެރިންގެ ކުރިމަތިލުމެވެ. މުޅި ދުނިޔޭގެ ސަމާލުކަން ލިބޭ "އެލް ކްލަސިކޯ" މެޗަށް ދެ ޓީމު ކުރިމަތިލާއިރު، ދެ ޓީމު އޮތީ ވެސް ތަަފާތު ދެ ހާލަތެއްގަ އެވެ. މި މެޗަށް ކުރިމަތިލާއިރު، ބާސާ އޮތީ ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީގެ ނުތަނަވަސްކަމާ އެކު އެވެ. ރެއާލުން ވަނީ ހުސްވި ހަފުތާގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. އެހެންކަމުން "އެލް ކްލަސިކޯ" މެޗު ގެއްލިއްޖެނަމަ، ބާސެލޯނާ އަށް އިތުރު ޕްރެޝަރެއް ކުރިމަތިވާނެ އެވެ.
މި މެޗަށް މި ދެ ޓީމު ކުރިމަތިލާއިރު، ބާސެލޯނާ އާއި ރެއާލް އޮތީ 22 ޕޮއިންޓާ އެކު އެވެ. އެކަމަކު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ބާސެލޯނާ އަށެވެ. އެކަމަކު ރެއާލްގެ ދަނޑުގައި މިރޭ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ، ބާސެލޯނާ ފަހަތަށް ޖައްސާލައި ރެއާލް ތާވަލްގެ އެއް ވަނަ އަށް ޖެހިލާނެ އެވެ.
އެލް ކްލަސިކޯ އަކީ ބާސެލޯނާ އަށް ބޮޑު އިމްތިހާނެއް
ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ބާސެލޯނާ އާއި އިންޓަ މިލާން ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެ، ބާސެލޯނާ އަށް މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ. މާލީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި އޮތް ނަމަވެސް، ގޮތްތަކެއް ހޯދައި، ބާސެލޯނާ އިން މި ސީޒަންގައި ސްކޮޑް ވަރުގަދަކުރަން ބޮޑު ހޭދައެއްކުރި އެވެ. އެކަމަކު، ގިނަ ކުޅުންތެރިންތަކެއް ގެނެސް ސްކޮޑް ވަރުގަދަކުރި ނަމަވެސް، ޗެމްޕިއަންސް ލީގުގައި އެ ޓީމަށް ނާކާމިޔާބާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިރޭގެ މެޗުން ބާސެލޯނާ ބަލިވެއްޖެނަމަ، އެ ޓީމަށް ލީގުގެ އެއް ވަނަ ވެސް ގެއްލޭނެ އެވެ. އަދި އެ ހިސާބުން، ބާސެލޯނާ އަށް އިތުރު ޕްރެޝަރެއް ކުރިމަތިވާނެ އެވެ.
"އަހަންނަށް އެނގޭ ވަރަށް ޕްރެޝަރު ބޮޑުކަން. އަދި ޓީމަށް ވަރަށް ގިނަ ފާޑުކިއުންތައް އަމާޒުވާކަން،" މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ޒަވީ ބުންޏެވެ.
"އެކަމަކު، އަހަރެން މި ކުރާ މަސައްކަތް ހުއްޓުމެއް ނެތް. ނަތީޖާތައް ރަނގަޅުކުރަން ކެނޑިނޭޅި މަސައްކަތްކުރާނަން."
މިދިޔަ ސީޒަންގައި ރެއާލްގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 4-0 އިން ކާމިޔާބުކުރީ ބާސެލޯނާ އެވެ.
ޒަވީ ބުނީ މި ސީޒަންގައި ބާސެލޯނާއާ ގިނަ ކުޅުންތެރިންތަކެއް ގުޅުނުއިރު، ޓީމަށް "ގޮތްކިޔަން" އަދި ތަންކޮޅެއް އަވަސް ކަމަށެވެ.
"މިއީ މުހިންމު މެޗެއް ދެ ޓީމަށް ވެސް. ކުރި ލިބޭނެ ޓީމެއް ބަލަމާ،" ޒަވީ ބުންޏެވެ.
"ބާސެލޯނާ އަށް ޔޫރަޕްގައި މި ދިމާވީ ވަރަށް ދެރަގޮތެއް. ރަނގަޅު ކުޅުންތެރިންތަކެއް މި ޓީމާ ގުޅިއްޖެ. އެހެންވީމަ އަދި ޓީމާމެދު ގޮތެއްކިޔަން މާ އަވަސް."
ބާސެލޯނާއާ ގުޅޭގޮތުން އަންޗެލޮޓީ އަށް ކިޔައިދޭނެ އެއްޗެއް ނެތް
ރެއާލްގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ މެޗުގެ ކުރިން މާ ހާއްސަ ވާހަކަދެއް ނުދައްކަ އެވެ. އެކަމަކު، މިދިޔަ ސީޒަންގައި އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން ތަފާތު ބޮޑުކޮށް ބަލިވި މެޗުގެ މަތިން އެންޗެލޮޓީ ހަނދާނެއް ނުނެތެވެ.
ބާސެލޯނާގެ ފެންވަރާއި، އެ ޓީމުގެ ކުޅުމާ މެދު އެންޗެލޮޓީ އަށް މީހަކު ކިޔައިދޭނެ އެއްޗެއް ނެތެވެ.
"އެ މެޗު (މިދިޔަ ސީޒަންގައި ބާސެލޯނާ އަތުން ބަލިވި މެޗު) އަހަރެން ފަހުން ނުބަލަން. އަހަރަމެންނަށް ބާސެލޯނާ ވަރަށް ރަނގަޅަށް އެނގޭ. އެ މެޗުގެ އެއްވެސް އަސަރެއް މި މެޗަކަށް ނުކުރާނެ. މިއީ މުޅިން ތަފާތު އެލް ކްލަސިކޯއެއް،" އަންޗެލޮޓީ ބުންޏެވެ.
އެންޗެލޮޓީ ބުނީ އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ވެސް އެ ޓީމުގެ ގޯލްކީޕަރު ތިބައު ކޯޓުއާ އަށް ނުކުޅެވޭނެ ކަމަށެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާވި ޖަރުމަންގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އަށް މިރޭގެ މެޗުގައި ކުޅެވޭނެ ކަމަށެވެ.
ކްލަސިކޯ މެޗުގައި މިރޭ ރެއާލްގެ ގޯލު ބަލަހައްޓާނީ ޔޫކްރެއިންގެ ގޯލްކީޕަރު އަންޑްރީ ލުނިން އެެވެ. ރެއާލް އާއި ބާސެލޯނާ މިރޭ ބައްދަލުކުރާ މެޗު ފަށާނީ މާލޭ ގަޑިން 19:15ގަ އެވެ.












