ތުނިޔައަކީ އޭގެ ތޮށިގަނޑުގެ ތެރެއިން މަސްގަނޑު ނެރެގެން ހަރަކާތްތެރިވެއުޅޭ ގޮޅާގެ ބާވަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކިވަރުގެ އެކި ކުލަކުލަ ހުންނަ ތިންސަތޭކައަށްވުރެ ގިނަ ވައްތަރުގެ ތުނިޔަ އުޅެއެވެ. މިލިޔުމުގައި މިބަލައިލަނީ ޓްރޮޕިކަލްގެ ތިލަފަޅުތަކުގެ ދޮންވެލިގަނޑުގެ ތެރޭގައި ދިރިއުޅޭ، "މިލްކު މޫން ސްނައިލް" އަށެވެ. މި ބާވަތަށް މޫން ސްނައިލް ކިޔަނީ މީގެ ބުރުހަމަ ނޫން ހަނދަކާ ވައްތަރުވާތީ އެވެ.
މި ވައްތަރުގެ ބޮޑެތި ތުނިޔައިގައި އާންމުކޮށް ހުންނީ 41.2 މިލިމީޓަރެވެ. ނަމަވެސް މި އާއިލާގެ ބައެއް ބާވަތްތަކުގައި ހައެއްކަ އިންޗި ނުވަތަ އަތްތިލައެެއްހާ ވަރުގެ ތުނިޔަ އުޅެ އެވެ. ރަނގަޅު ސީފުޑެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މީގެ ތޮށިގަނޑު ގަހަނާ ފަދަ ތަކެތި ހަދަން ބޭނުންކޮށް އުޅެއެވެ. މިސޮރުމެން ކައިބޮއިއުޅެނީ ތަފާތު ދިރޭތަކެއްޗާއި ކުދި ގޮޅާގެ ބާވަތްތަކެވެ. ޝިކާރަކުރުމުގައި މީގެ ބޮޑުމަސްގަނޑު އެތަކެތީގައި އޮޅައިލައިގެން އަތުލައިގަނެ އެވެ.
ގޮޅާގެ ގިނަ ބާވަތްތަކާއި ހިލާފަށް މި ތުނިޔަ ދިރިއުޅެނީ ވެލިގަނޑުގެ އެތެރޭގަ އެވެ. އެހެންކަމުން ވެލިގަނޑުގެ މަތިން މި ތުނިޔަ ދުވާތަނެއް ނުފެންނާނެއެވެ. މި ތުނިޔަ ހޯދާނަމަ ނުވަތަ ނަގާނަމަ ނަގަން ޖެހޭނީ މީގެ ރޮނގަށް ބަލައިގެންނެވެ. އިރުވައިގެ ވައިމަޑު އޮއިވަރު މަޑު ދުވަސްދުވަހު ތިލަފަޅުފަޅުގެ ދޮންވެލިގަނޑު މަތިން މިގޮތަށް ވެލިގަނޑުގެ ތެރޭގައި ދިރިއުޅޭ، އެކި ބާވަތުގެ ގޮޅަޔާއި ބޮއްޔާއި ފޫއެނބުރިތައް ދުވެފައި ހުންނަތަން ފެންނާނެ އެވެ. މި ރޮނގުތަކުގެ ތެރެއިން ތުނިޔަ ރޮނގު ތަންކޮޅެއް ފަލަވެފައި ފާޅުވާވަރު ބޮޑުވާނެއެވެ. މި ރޮނގު ބަލަމުން ގޮސް ރޮނގުގެ ކޮޅުކޮނެލުމުން ނުވަތަ މުއްޖަހާފައި އެތަނުގެ ވެލިގަނޑު ނަގާއިރު ތުނިޔަ އަތުޖެހޭނެ އެވެ. މި ކޮންމެ ރޮނގެއްގެ ކޮޅުގައި އޮންނާނީ ތުނިޔައެއް ނޫނެވެ. އެއީ ތުނިޔައަށްވުރެ ބޮޑެތި, ވެލިގަނޑުގައި ދިރިއުޅޭ ތަކެތިވެސް ރާއްޖޭގެ ފަޅުތަކުގައިވެސް ދިރިއުޅޭތީ، އެތަކެތީގެ ރޮނގުވެސް ތުނިޔަ ރޮނގާއި އެއްގޮތް ވާތީ އެވެ.

ދޮންފަސްގަނޑުގައި ބޮލިފަދަ ތަކެތި ދުވެފައިވާ ރޮނގުތައް އަދި އެރޮނގުތަކުން ނަގައިފައިވާ ބައެއް ފޫއެނބުރީގެ ވައްތަރުތައް. -- ފޮޓޯ: ހަސަން ޒަރީރު
މި ތުނިޔައިގެ އެންމެ ފާހަގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި މީގެ ސާފު ހުދުކުލައާއި މަސްގަނޑުގެ ހުދުކަން ފާހަގަ ކުރެވެއެވެ. އަހަރެންނަށް ތުނިޔަ ހާއްސަވާ އެއް ސަބަބަކީ އަހަރެން ކުޑައިރު މޫދަށް އެރިއުޅުނު ދުވަހަކު މެންދުރު މީގެ ބޮޑު ތުނިޔައެއް ފެނިގެން ގެއަށްގެނައުމުން މަންމަ އުނދުނުން ފިހެފައި އަހަރުމެންނަށް ކާންދިންކާންދިނުމެވެ. މީގެ މަސްގަނޑަކީ ތޮށިގަނޑާއި ބަލާއިރު މާބޮޑު މަސްގަނޑެކެވެ. އަދި މީގެ ނިޔަފައްޗަކީ މާރީތި ތުނި، ރީނދޫ އޮރެންޖު ނިޔަފައްޗެއް ކަމުން އަންހެން ކުދިންގެ ނިޔަފަތީގެ ރީތިކަން ސިފަކުރާއިރު ޅެންވެރިންނާއި ލިޔުންތެރިން ތުނިޔަ ނިޔަފައްޗާއި އެއްގޮތްކޮށް މިސާލު ޖަހާއުޅެ އެވެ.
ހާލި

ތުނިޔަ ހާލިހަދަން ފަށާގޮތް އަދި ހާލީގައި ލޮނދީގެ ފަށަލައެއް ލައި އުޅޭގޮތް. --ކުރެހުން: ހަސަން ޒަރީރު
ބިސްއަޅާ މޫސުން އައުމުން ބިސްއަޅާނެ ހާލި އަންހެން ތުނިޔަ ތައްޔާރުކުރެ އެވެ. މިކަމަށްޓަކައި ރައްކާތެރި ތަނެއް ހޯދާ ތުނިޔަ މަސްގަނޑު ނެރުމަށްފަހު ވަށައިގެން ތޮށިގަނޑުގައި އޮޅާލައި އެއްއަތަކަށް އެނބުރެމުން ހާލި ތައްޔާރުކުރެއެވެ.
މިގޮތަށް ހާލި ތައްޔާރުކުރަނީ ތުނިޔާގެ ލޮންޖާއި ވެލި އެއްކޮށްގެންނެވެ. އެއަށްފަހު ހާލީގެ މެދުގައި އޮވެގެން ރޭގަނޑުގެ ހިކި ދިޔަވަރުގައި ބިސްއަޅަ އެވެ.
ބިސްތައް
ބިސް އަޅާ ފަހަރުތަކުގައި އެތައް ހާސް ބިހެއް އަޅަ އެވެ. ބައެއް ލިޔުންތަކުގައި ފަސް ލައްކައެއްހާ ބިސް އަޅާކަމަށް ބުނެފައިވެ އެވެ. އެއަށް ފަހު އޭގެ މަސްގަނޑުގައިވާ ކުދިކުދި ފައިތަކަކުން ނުވަތަ ކެހެރިތަކަކުން ހާލީގައި ތަރުތީބުން ބިސްތައް ތަތްކުރެއެވެ. އެއަށްފަހު އަނެއްކާވެސް ބިސްތަކުގެ މަތިން ހާއްސަ ޖެލްއެއް ނުވަތަ ލޮނދި ފަށަލައަކާއި ކިސަޑު ފަދަ ވަރުގަދަ ފަށަލައެއްލަ އެވެ. މި ގޮަތަށް ހާލި ތައްޔާރުކުރުމުން ހާލީގެ ފަށަލަ ވަރުގަދަވެއެވެ. އަދި ރަބަރުގަނޑެއް ފަދައިން ހާލި ހަލާކުނުވެ ގޮތްގޮތަށް ހަރަކާތްތެރިވެއެވެ. އެއަށްފަހު އޭގެ މަސްގަނޑުގެ އެހީގައި ހާލިވަޅުލާ މަތިން ވެލިއަޅާ ފޮރުވާލުމަށްފަހު, ތުނިޔަ ކާނާ ހޯދުމަށް ނުވަތަ އޭގެ ދިރިއުޅުމަށްދެ އެވެ.

ހާލީގެ އެތެރޭގައި ބިސްތައް އަތުރާފައި. -- ކުރެހުން: ހަސަން ޒަރީރު
ހާލި ވެލިގަނޑުގެ ތެރޭގައި ހުންނައިރު ދިޔަވަރު ހިކި ވެލިގަނޑު ދެމޭއިރު ހާލީގެ މަތިން ވެލިގަނޑު ދެމިލައި ކޮންމެސްވަރަކަށް ފެންނަން ހުރެއެވެ. އަދި ދިޔަވަރު ފޫދެން ޖެހުމުން އަލުން ވެލިއަރާ ހާލި ފޮރުވާލައެވެ. އަދި މި ހާލީގެ އަނގަމަތިން ބިސްއެޅި ތުނިޔާގެ ބޮޑުމިން އެނގެއެވެ.
މި ހާއްޔަކީ މިފަދަ މަހުލޫގެއް ކޮށްފައިވާ އަޖައިބެއް ފަދަ ރީތި ފުރިހަމަ މަސައްކަތެކެވެ. މި މަސައްކަތް ކޮށްފައި ހުންނައިރު އެންމެ ވެލިފުކެއްވެސް އޭގެ ތަރުތީބުން ކައްސާލައި ބޭރަށް ނުވަތަ އެތެރެއަށް ޖެހިފައެއް ނުހުރެއެވެ. އަދި ވަށްކޮށް ކޮއިލެއްހެން އޮޅާލައިފައި ހުންނައިރު މި ހާލީގެ އަނގަމަތި ހުންނަނީ ގުޅިއެއްހެން ތުންފަތް ހަަދައި ލަންބާލައިފައެވެ.
މި ހާލި ގޮނޑުދޮށަށް ލައްގާފައި ނުވަތަ އޮޅުތަކުން ފެނިގެން މީ ކޮންއެއްޗެއްގެ މަސައްކަތެއްތޯ މީހުން ގާތު އަހައިގެން އޭރުގައި އޮޅުމެއް ނުފިލި އެވެ. އެކަމަކުވެސް މިއީ ކޮން މަހުލޫގެއްގެ މަސައްކަތެއްކަން ބެލުމުގެ ޝައުގުވެރި ކަމެއް ނުފިލި އެވެ. ދެން ކެމެރާ ލިބެން ފެށުމުން މިތަކެތި ފޮޓޯ ނަގައި ރައްކާކޮށްފައި ހުއްޓާ އިންޓަނެޓް ލިބި ދުނިޔެ ކުޑަވެ މުށަށް ލެވޭވަރުވުމުން އެކިއެކި މައުލޫމާތު ހޯދުމުގެ ތެރެއިން މީގެ ފޮޓޯއެއް ފެނިގެން މީ ކޮން އެއްޗެއްކަން އެނގުނެވެ.

ގޮނޑުދޮށަށް ލައްގާފައިވާ ތުނިޔަ ހާލި -- ފޮޓޯ: ހަސަން ޒަރީރު
ވިހެއުން
ބިސްތައް ދަރިމައިވެ ވިހެއުމަށްޓަކައި ހަފުތާއަކުން ފެށިގެން ދޮޅުމަހެއްހާ ދުވަސް ނަގާކަމަށްވެ އެވެ. ހާލީގައި ބިސްތައް ވިހެއުމުން ހާލީގެ ބައިތައް އެކި ދިމަދިމާލުން ވަކިވެ ވެއްޓެއެވެ. އެއާއެކު ހާލީގެ ވަށައިގެން ޅަ ތުނިޔަތައް ނުކުމެ ފީނަން ފަށައެވެ.
އެ ސޮރުމެން ވިހާ ހާލިން ނުކުމެ ތޮށިގަނޑު އުފެދި ހަރުވަން ފެށުމުން އަޑިއަށް ފެތި ވެލިގަނޑުމަތިން ކާނާ ހޯދުމުގެ މަސައްކަތް ފަށަ އެވެ. ތޮށިގަނޑު އުފެދިގެން އަންނަނީ މެދުން ނުވަތަ ފުލުން ފެށިގެން ވަށައިގެން ހޮޅިއެއްގޮތަށެވެ.
އުމުރު
އާންމު ގޮތެއްގައި ތުނިޔައެއްގެ އުމުރަކީ ދެއަހަރާއި ހަތްއަހަރާ ދެމެދުގެ މުއްދަތެކެވެ. ތުނިޔަ މަރުވުމުން އޭގެ ތޮށިގަނޑު އޮއިވަރާއި ރާޅުގެ އެހީގައި ގޮނޑު ދޮށަށް ލައްގައެވެ. އެއާއެކު އެކިވަރުގެ ބަރަވެލިތައް މި ތޮށިގަނޑަށް ބަދަލުވެއެވެ. އަހަރުމެންނަށް މިބާވަތުގެ ތުނިޔަ ތޮށިތޮށި އެއްގަމުން ފެންނަނީ ބަރަވެލި އޭގެ ތޮށިގަނޑުގެ ގޮތުގައި ބޭނުންކުރާތަނެވެ. ބަރަވެއްޔަކީ އޭގެ ތޮށިގަނޑު އޭގައި އުފެދި ބޮޑުވާއެއްޗެއް ނޫނެވެ. އެހެންކަމުން ބަރަވެލި އަބަދުވެސް ޖެހެނީ އޭތި ބޮޑުވާވަރަކުން ހެޔޮވަރު ތޮށިގަނޑެއް ހޯދާށެވެ. ހެދުން ބަދަލުކުރާހެން ބާރުވުމުން ނުވަތަ ރީތި އާތޮށިގަނޑެއް ފެނުމުން ބަދަލުކުރާށެވެ.








