ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 40 އަހަރު ފުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ހެކަތަން މިއަދު ފަށައިފި އެވެ.
ހޮޓެލް ޖެންގައި މިއަދު ހެކަތަން ފެށީ 30 އަށްވުރެ ގިނަ ބައިވެރިންނާ އެކު ކަމަށް ބީއެމްއެލްއިން ބުނެ އެވެ. ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހޯދުމަށް 48 ގަޑިއިރަށް ހެކަތަން ކުރިއަށްދާނެ އެވެ.
މި ހެކަތަން ބާއްވާނީ 'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' ތީމަށް ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.
"މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭންކިންގ ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ދިޔުމަކީވެސް އަޅުގަނޑުމެންގެ އަމާޒު. ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމްވެގެންދާނެ،" މި ހެކަތަންއާ ގުޅޭގޮތުން ބީއެމްއެލްގެ ޑިރެކްޓަރު އާއިޝަތު ނޫރައްދީން މީގެކުރިން ވިދާޅުވެފައި ވެއެވެ.
އޮކްޓޯބަރު 16، ގައި ހެކަތަންއިން މޮޅުވާ ޓީމުތައް އިއުލާނުކުރަން ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެ އެވެ.
މި ހެކަތަންގައި މޮޅުވާ 3 ޓީމެއް ހޮވައި މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުއްދަތުގެ ތެރޭގައި ކާމިޔާބުކުރާ ފަރާތަށް މަސައްކަތްކުރުމަށް ހާއްސަ އޮފީހަކާއި ކޮންމެ ޓީމަކަށް ވެސް އެލަވަންސްގެ ގޮތުގައި 20،000ރ. ދޭނެ އެވެ. އަދި، ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ބޭންކުން ދޭނެ އެވެ.









