ބާމިންހަމް، އިންގްލެންޑް (އޮކްޓޫބަރު 14) - ވުލްވްސް އަށް ކުރިން ކޯޗުކޮށްދިން، ޕޯޗުގީސް ކޯޗު، ނޫނޯ އެސްޕިރީޓޯ ސަންޓޯ އަލުން އެ ޓީމަށް ގެންނަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވުލްވްސްގެ ކޯޗުގެ ވަޒީފާ މި ވަގުތު ހުސްކޮށް އޮތްއިރު، އެ ޓީމުން އަންނަނީ އެކި ކޯޗުންނާ މަޝްވަރާ ކުރަމުންނެވެ. ވުލްވްސްގެ ކޯޗުގެ މަގާމު ހުސްވީ ކުރިން ހުރި ކޯޗު ބްރޫނޯ ލާޖް ދަށް ނަތީޖާތަކުގެ ސަބަބުން ވަކިކުރުމުންނެވެ.
ވުލްވްސް އިން ދެން ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރީ ކުރިން އޮލިމްޕިއާކޯސް އިން ފެނުނު ޕެޑްރޯ މާޓިންސް، ސްޕޯޓިން ލިޒްބަންގައި ހުރި ރުބެން އަމޮރިމް، ޕޯޓޯއާ ހަވާލުވެ ހުރި ސާޖިއޯ ކޮންސެސާއޯ އަދި ސެވިއްޔާގެ ހުލެން ލޮޕެޓެގީ ތެރެއިން ކޯޗެކެވެ.
ކުރިން ސްޕެއިން ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް ވެސް ކޯޗުކޮށްދިން ލޮޕެޓެގީ، ވުލްވްސް އަށް އަންނަން ބޭނުންވި ނަމަވެސް އާއިލާ ނުރުހޭތީ އޭނާ އަށް އެ އޮފާ ގަބޫލުކުރެވޭ ގޮތެއްނުވި އެވެ.
އާ ކޯޗެއް ހޯދުމުގެ ކަންކަން ދިގުލައިދާތީވެ، ވުލްވްސްގެ ބޯޑުން ލަފާދީފައިވަނީ އެ ޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗު ނޫނޯ އަލުން ގެނައުމަށެވެ.
ވުލްވްސް އިން މީގެ އެއް ސީޒަން ކުރިން ވަކިވި ނޫނޯ ވަނީ އޭގެ ފަހުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ކޯޗުކޮށްދީފަ އެވެ. ޓޮޓެންހަމް އިން ފަސް ވަރަކަށް މަހަށް ފަހު ނޫނޯ މަގާމުން ވަކިކުރިއިރު، އޭނާ މިހާރު ހުރީ ސައުދީ އަރަބިއްޔާ އަލް-އިއްތިހާދުގެ ކޯޗަކަށެވެ.
ވުލްވްސްގެ ހުށަހެޅުމެއް ލިބިއްޖެނަމަ ނޫނޯ އިިޖާބަދޭނެ ކަމަށާއި ނޫނޯ އެދިއްޖަނަމަ އިއްތިހާދުން ވެސް އޭނާގެ ކޮންޓްރެކްޓް އުވާލައިދޭން ތައްޔާރުކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.












