އިހުގައި ދިވެހިރާއްޖޭގައި، ކުޑަކުއްޖަކު ޖިންނި ޝައިތާނެއް ނުވަތަ ކޮންމެވެސް ޒާތެއްގެ ދެއްވެއްގެ ކިބައިން، ސަލާމަތްވުމަކީ ވަރަށް ދުރު ކަމެކެވެ. އަދި މީގެ އިތުރުން ކޮންމެވެސް މީހެއްގެ އެސްފީނާއެއް ނުވަތަ ދުލުވިހައެއް ނުޖެހޭ ކުއްޖަކު ދާދި މަދުވާނެއެވެ.
މިފަދަ މުސީބާތްތަކުން ކުދިން ސަލާމާތް ކުރުމަށްޓަކައި ކޮންމެ ކުއްޖެއްގެ ކަރުގައި ނުވަތަ ހަށިގަނޑުގެ ކޮންމެ ވެސް ތަނެއްގައި ތަވީދެއް، ތަވީދު ބަޑިއެއް ނުވަތަ ލާރިއެއް ފަދަ އެއްޗެއް ނެތުމަކީ ނާދިރު ކަމެކެވެ.
އެޒަމާނުގައި އެކިއެކި ސަބަބުތަކާހުރެ ޅަ އުމުރުގައި ކުޑަކުދިން ނިޔާވުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއް އާއިލާތަކުން އެ މީހުންގެ ތިން ހަތަރު ދަރިން ޅަ އުމުރުގައި ނިޔާވެއެވެ. އަނެއްބައި އާއިލާތަކުގައި ލިބޭ ހުރިހާ ކުދިން ޅަ އުމުރުގައި ނިޔާވެ އެވެ. މީހަކަށް ނުވަތަ ކުއްޖަކަށް ކަމެއް ދިމާވުމުން ދެވޭ ފަރުވާއަކީ ފެން ތައްޓެއް ކިޔަވާލުން، ތަވީދެއް އެޅުން، ފާލެއް ބަލައިލުން ނުވަތަ ނަދުރެއް ބުނުން ފަދަ ކަންކަމެވެ.
އާއިލާއަށް ކުރިން ލިބުނު ދަރިންނަށް، ބޮޑެތި ކަންތައްތައް ޖެހިފައި ތިބޭ މީހުން، ފަހުން ލިބޭ ދަރިންނަށް އެފަދަ ކަންތައްތަކުން ސަލާމަތްވުމަށް އެދި ތަފާތު ނަދުރު ބުނެ އެވެ. މި ގޮތުން ބުނެއުޅޭ އެއްނަދުރަކީ، ކުއްޖާ އުފަންވުމުގެ ކުރިން ބުނެއުޅޭ ނަދުރެއް ކަމުގައިވާ ދަރިން ވިއްކާލަން ބުނެއުޅޭ ނަދުރެވެ. މިގޮތުން ދެން ލިބޭ ދަރިފުޅެއް އެ ފަދަ ކުށުވެރިކަމުން ސަލާމަތް ވޭތޯ ބެލުމަށް މީހަކަށް ވިއްކާލަން ބުނެއުޅޭ ނަދުރެވެ. މި ނަދުރު ފުއްދުމަށްޓަކައި ކުއްޖާ ކިރުތުނބުން ވީއްލާ އުމުރަށް އެޅުމުން ތިމާގެ މީހެއްގެ ގާތަށް ދެ އެވެ. އެއަށްފަހު އެ މީހެއްގެ ގާތު ތިމަންނަގެ ދަރިފުޅު ވިއްކާލުމަށް ވާނީ ނަދުރު ބުނެފަ ކަމާއި ވީމާ މިކަން ކޮށްދިނުމަށް އެދެ އެވެ. ދެން އެ މީހަކު އެ ކުއްޖާފުޅު ގަންނާނެ އަގު ކިޔަ އެވެ. މި ގޮތުން އާންމުކޮށް ކިޔާ އުޅުނީ ބޮޑު ލާރިއެއްގެ ވަރެވެ. ބޮޑު ލާރިއަކީ ހަތަރު ލާރީގެ އަގު ހިމެނޭ ލާރި އެކެވެ. ދެން ގަންނަ މީހާ ކުއްޖާފުޅުގެ މައިން ބަފައިންނަށް ލާރި ހަވާލު ކުރެ އެވެ. މި ހިސާބުން ކުއްޖާ ވިއްކާލެވުނީ އެވެ.
މި ގަނެ ވިއްކުމަކީ ކުއްޖާފުޅު އެކިއެކި ނުރައްކާތަކުން ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ރަމްޒީ ވިޔަފާރި އެކެވެ. ދަރިފުޅު ވިއްކާލުމަކުން އެ ކުއްޖާފުޅު އުޅޭ ތަނާއި ކެއުމާއި ނިދުމާއި އަންނައުނު ދިނުމަކަށް ބަދަލެއް ނާދެ އެވެ. މި ހުރިހާ ކަމެއް ވެސް ކުރަނީ މައިން ބަފައިންނެވެ. އެކަމަކު މައިން ބަފައިން ދެކޭނީ ދަރިފުޅު އެއީ ނަދުރު ފުއްދުމުގެ ގޮތުން ވިއްކާފައި ހުރި ކުއްޖެއްގެ ގޮތުގަ އެވެ. ކުއްޖާފުޅު ބޮޑުވެ ފިރިފުރާވަރަށް އެރުމުން އަނެއްކާ ވެސް ކުއްޖާ ގަތް މީހާގެ ގާތަށް ދެ އެވެ. އެއަށްފަހު އޭނާ ގަތް އަގު އޭނާއަށް ދިނުމުން މައިންބަފައިންނަށް ދަރިފުޅު އަނބުރައި ލިބުނީ އެވެ.
މިނަދުރު ބުނެއުޅުމުގެ މައިގަނޑު ބޭނުމެއް ކަމުގައި ލަފާކުރެވެނީ، އެ އާއިލާއަކާއި އަޅައިގަނެގެން އުޅޭ ޖިންނި ސައިތާނުންނަށް އޮޅުވާލުމެވެ. ދަރިފުޅު އެހެން މީހަކަށް ވިއްކާލުމުން، އާއިލާ އާއި އަޅައިގަނެގެން އުޅޭ ޖިންނި ސައިތާނުންނަށް، އެއީ އެހެން ބައެއްގެ ދަރިއެއްކަން އެންގުމަށްޓަކައި ބުނެއުޅޭ ފަންޑިތައެއްގެ ގޮތުގައެވެ.








