މެންޗެސްޓާ (އޮކްޓޫބަރު 1) - ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި މީގެ ތިން އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ހެރީ މެގުއާ އަށް އިތުބާރު އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު ޔުނައިޓެޑުން މެގުއާ ގެނައީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގަ އެެވެ. އެއީ ލެސްޓާ ސިޓީ އަށް 80 މިލިއަން ޕައުންޑް (108 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. މެގުއާގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުން އަންނައިރު، އިނގިރޭސި ގައުމީ ޓީމުގެ ސަޕޯޓަރުންނާއި ޔުނައިޓެޑްގެ ސަޕޯޓަރުންގެ ނުރުހުން ވެސް ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.
ޓެން ހާގް ހަވާލުވި ފަހުން މެގުއާ، ގިނަ މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެންނައިރު، މީގެ ކުރިން ވެސް ޓެން ހާގް ވަނީ މެގުއާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
ބައިނަލްއަގުވާމީ މެޗުތަކަށް ފަހު މި ހަފްތާގައި އަލުން ޔޫރަޕްގެ ލީގުތަކުގެ ކުޅުން ފެށޭނެ އެވެ. ޔުނައިޓެޑުން މި ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ސިޓީއާ ކުޅޭއިރު، އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓެން ހާގް ވަނީ މެގުއާއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"މެގުއާ އަށް އަހަރެން އިތުބާރުކުރަން. އޭނަގެ ކިބައިގައި އެބަހުރި ކޮލިޓީ. މިހާރު އޮތީ އޭނަގެ އަތްމަތީގައި އެކަން ސާބިތުކޮށްދިނުން. އެކަން ކުރެވޭނެ ފެންވަރު އޭނަގެ އެބަހުރި. އެކަން އަހަރެން ގަބޫލުކުރަން،" މެގުއާ އަށް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ފުރުސަތު އެބައޮތްތޯ ނޫސްވެރިއަކު އެހުމުން ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ބުންޏެވެ.
ފަހަކަށް އައިސް ޔުނައިޓެޑުން ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ބޭނުންކުރަނީ އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒް އާއި ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން އެވެ.
ޓެން ހާގް ބުނީ ޓީމުން މެގުއާ އަށް ފުރުސަތު ނުލިބުނަސް އޭނާ ޓްރެއިނިންގައި ފެންނަނީ ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ މެގުއާގެ ކޮލިޓީ. އޭނަގެ ކެރިއަރުން އެކަން އެބަހުރި ފެންނަން. އިނގިރޭސި ޓީމަށް 50 މެޗު ކުޅެދީފި. އޭނަ ލެސްޓާ އާއި ޔުނައިޓެޑްގައި ވެސް ރަނގަޅަށް ކުޅެފައި އެބަހުރި. މިއީ ރަނގަޅު ލެވަލެއްގައި ކުޅެފައިވުމުގެ ހެކިތައް،" 29 އަހަރުގެ މެގުއާގެ ދިފާއުގައި ޓެން ހާގް ބުންޏެވެ.
އިނގިރޭސި ގައުމީ ޓީމު ދާދި ފަހުން ޔުއެފާ ނޭޝަންސް ލީގުގައި 3-3 އިން ޖަރުމަނާ އެއްވަރުވި މެޗުގައި މެގުއާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނުއިރު، އެ މެޗަށް ފަހު އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓަށް ނޫސްވެރިންގެ ސުވާލުތައް އަމާޒުވީ މެގުއާއާ ބެހޭގޮތުންނެވެ.
މީޑިއާގެ ސުވާލުތަކުގައި ސައުތުގޭޓް ވަނީ މެގުއާ ދިފާއުކޮށްފަ އެވެ.
ސައުތުގޭޓް ބުނީ އަންނަ ނޮވެމްބަރާއި ޑިސެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑަށް ކާމިޔާބެއް ހޯދުމުގެ އެންމެ ރަނގަޅު ފުރުސަތެއް އޮތީ މެގުއާ ޓީމުގައި ބަހައްޓައިގެން ކަމަށެވެ.












