މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ގެނައުމަށް އިސްލާމިން މިނިސްޓްރީން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު މިއަދު ސޯޝަލް މީޑިއާގައި ލިޔުއްވާފައި އޮތީ ޒިމްބާބުވޭއަށް ނިސްބަތްވާ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ އަންނަ އޮކްޓޯބަރު 28، އިން ފެށިގެން ތިން ދުވަހަށް ކަމަށެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގެން ހިންގަވާނެ ހަރަކާތެއް ޑރ. ޒާހިރު ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް މީގެ ކުރިން ވެސް ދެ ފަހަރު ރާއްޖެ ވަޑައިގަނެފައިވާ މެންކް ދިވެހިންނަށް ހާއްސަކޮށް ދަރުސް ދޭނެ ކަމަށް ބެލެވެ އެވެ.
މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގެންނެވީ މީގެ ދެ އަހަރު ކުރިން ޖެނުއަރީ، 2020 ގަ އެވެ. އެފަހަރު މެންކް ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ދަރުސް ދެއްވައިފަ އެވެ. އަދި އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް ފޯރަމެއް ވެސް ބާއްވައިފައިވެ އެވެ.
ސައުދީ އަރަބިއްޔާގެ މަދީނާއިން ދީނީ އިލްމު ކިޔަވާ ވިދާޅުވި މުފްތީ މެންކަކީ މުޅި ދުނިޔެއަށް މަޝްހޫރު އިސްލާމީ އިލްމުވެރިއެކެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވެސް މެންކް ވަނީ މަގްބޫލުކަން ހޯއްދަވައިފަ އެވެ.












