މެޑްރިޑް (ސެޕްޓެމްބަރު 20) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭ އަށް ލިވަޕޫލުން އެ ކްލަބްގެ ރެކޯޑް ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
މިި ފަހަރުގެ ސީޒަން ފެށުނު ޓްރާންސްފާ މާކެޓް ނިމެން އެއް ދުވަހަަށް ވެފައި ވަނިކޮށް ލިވަޕޫލުން ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައި ވަލްވޭޑޭ، 24، ގަންނަން 100 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. ރެއާލުން ވަގުތުން އެ އޮފާ އަނބުރާ ފޮނުވާލީ ވަލްވޭޑޭ އަކީ "ވިއްކާ ކުޅުންތެރިއެއް ނޫން" ކަމަށް ބުނެ އެވެ.
ވަލްވޭޑޭ ނުލިބުމުން ލިވަޕޫލުން ޓްރާންސްފާގެ ފަހު ދުވަހުގައި ގެނައީ ލޯން އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްގެ ބްރެޒިލް މިޑްފީލްޑަރު، އާތޫރު އެވެ. ލިވަޕޫލުން އަންނަ ޖެނުއަރީ މަހު އާތޫރުގެ ލޯން ކެންސަލްކޮށް އޭނާ އަނބުރާ ޔުވެންޓަސް އަށް ފޮނުވާލަން އުޅޭ ވާހަކަ މީޑިއާގައި ދެކެވުނު ނަމަވެސް އެ ރިޕޯޓްތަކުގައި ހަގީގަތެއް ނެތެވެ.
އާތޫރު މިހާރު އަންނަނީ ރަނގަޅު ޕްރީ ސީޒަނެއް ނުހެދޭތީ ލިވަޕޫލްގެ ރިޒާވް ޓީމުގެ މެޗުތަކުގައި ކުޅެމުންނެވެ.
އަންނަ ސީޒަނަށް ލިވަޕޫލުން އެންމެ ބޮޑަށް ބޭނުންވަނީ މިޑްފީލްޑަރުން ކަމަށްވާއިރު، އެ ޓީމުން ފާރަލާ ދެ ކުޅުންތެރިންނަކީ ވަލްވޭޑޭގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ދެން ވަލްވޭޑޭ ގަންނަން ކުރާ ބިޑްގެ ޖުމްލަ ޕެކޭޖްގެ އަގު، 120 މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތެެވެ. އެ ވަރުގެ ބިޑެއް ކޮށްގެން ލިވަޕޫލަށް ވަލްވޭޑޭގެ ސޮއި ހޯދިއްޖެނަމަ އޭނާ ވެގެންދާނީ ލިވަޕޫލުން އެންމެ ބޮޑު އަގެއް ދީގެން ސޮއިކުރާ ކުޅުންތެރިޔާ އަށެވެ.
އެކަމަކު، ރެއާލުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާ ވަލްވޭޑޭ އެ ކްލަބް ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ރެއާލްގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިނުގެ ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އުރުގުއޭގެ ކްލަބް ޕެނަރޯލް އިން 2016 ވަނަ އަހަރު ވަލްވޭޑޭ ބަދަލުވީ ރެއާލްގެ ދެ ވަނަ ޓީމު، ކަސްޓީއާ އަށެވެ. އެ ޓީމުގައި ކުރިއެރުން ހޯދައި، ވަލްވޭޑޭ ވަނީ ދެ އަހަރެއްހާ ދުވަސް ތެރޭ ސީނިއާ ސްކޮޑަށް އަރައިފަ އެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިނުގެ ޑިޕޯޓިވޯ ލަކަރޫނިއާ އަށް ވެސް ކުޅުނު ވަލްވޭޑޭ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ހަތަރު ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












