މެޑްރިޑް (ސެޕްޓެމްބަރު 19) - އެތުލެޓިކޯ މެޑްރިޑް ދަނޑުގައި އެ ޓީމު 2-1 އިން ބަލިކޮށް، ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޑްރިޑް ޑާބީ އަށް ދެ ޓީމު ނުކުތްއިރު އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. ރެއާލަށް އެއް ވަނަ އަށް އެރެން އޮތީ ރޭ އެތުލެޓިކޯ ބަލިކޮށްގެން ކަމަށްވާއިރު، އެ ޓީމުން އެކަން ހާސިލްވީ މެޗުގެ ފަހު ސިކުންތާ ހަމައަށް ރަނގަޅު ކުޅުމެއް ދައްކައިގެންނެވެ.
ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވި ރެއާލް އެއް ވަނައިގައި އޮތީ 18 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި އޮތީ ރޭ ޖިރޯނާ އަތުން 2-1 އިން މޮޅުވި ރެއާލް ބެޓިސް އެވެ. ބެޓިސް އަށް ވަނީ ހަ މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.
އެތުލެޓިކޯ އިން އެންޓޮއިން ގްރީޒްމަން ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު މި މެޗުގައި އެ ޓީމުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ފަހަތަށް ކުޅޭ ފިލިލޭ އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން އޭރިއާތެރެއިން އެތުލެޓިކޯގެ ފޯވާޑް، ޔަނިކް ކަރާސްކޯ ޖެހި ބޯޅައެއް އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އޭރިއާބޭރުން ޖެފްރޭ ކޮންޑޮގްބިއާ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިިން ބޭރުންނެވެ.
ރެއާލުން މެޗުގެ 17 ވަނަ މިނިޓްގައި ލީޑުނެގީ ރޮޑްރީގޯ ޖެހި ގޯލުންނެވެ. ރެއާލްގެ މިޑްފީލްޑަރު، އައުރޭލިން ޗުއަމެނީ އޭރިއާތެރެއަށް މަތިން ފޮނުވާލި ބޯޅަ އަށް އަރައި، ރޮޑްރީގޯ ވަނީ އެއް ފަހަރުން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި ރެއާލަށް ދެ ވަނަ ގޯލެއް ޖަަހައިދިނީ ފަހަކަށް އައިސް ގޯލު ޖެހުމުގެ ރަނގަޅު ފޯމެއްގައި ހުރި މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭ އެވެ. ރެއާލްގެ ވިނީޝިއުސް ޖޫނިއާ (ވިނީ) އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޖެހި ޝޮޓް ދަނޑީގައި ޖެހިފައި ލިބުނު ވަގުތު ވަލްވޭޑޭ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ވަލްވޭޑޭ ޖެހިޖެހިގެން ލަނޑު ޖެހި ތިން ވަނަ މެޗެވެ.
ފުރަތަމަ ހާފުގައި އެތުލެޓިކޯ އަށް ގޯލެއް ޖަހައިދޭން ޔަނިކް ކަރާސްކޯ ޖެހި ޝޮޓެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އެތުލެޓިކޯ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މާރިއޯ ހާމޯސޯ އެވެ. މެޗުގެ 82 ވަނަ މިނިޓްގަައި ކޯނަރަކުން ރެއާލްގެ ކީޕަރު ކޯޓުއާ އަތުގައި ނުޖެހި ދިޔަ ބޯޅަ ގޯލަށް ވަނީ ހާމޯސޯ ގައިގައި ޖެހިފަ އެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ވަނީ ހާމޯސޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އެތުލެޓިކޯ އަތުން ލިބުނު މި މޮޅުގެ ހާއްސަ ކަމަކީ ޓީމެއްގެ ގޮތުގައި ރެއާލް ވަރުގަދަވުން ކަމަށެވެ. އެތުލެޓިކޯ ދަނޑުގައި މޮޅެއް ހޯދޭނީ ޓީމެއްގެ ގޮތުގައި ވަރަށް އޮގަނައިޒްކޮށް ކުޅެގެން ކަމަށްވާއިރު، ސީޒަނުގެ ކުރީކޮޅުގައި ރެއާލްގެ ފަރާތުން އެ ފަދަ ރަނގަޅު ކުޅުމެއް ފެންނާތީ އަންޗެލޮޓީ ހުރީ ހިތްހަމަޖެހިފަ އެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މުޅި މެޗަށް ބަލާއިރު، ރެއާލުން ކުރި މަސައްކަތް ބަލައިގަންނަން ޖެހޭ ކަމަށާއި އެތުލެޓިކޯ ކޮޅަށް ނަތީޖާ އެނބުރޭ ވަރަށް އެ ޓީމަށް ފުރުސަތުތަކުގެ ބޭނުން ނުހިފުނު ކަމަށެވެ.












