މެޑްރިޑް (ސެޕްޓެމްބަރު 17) - ރެއާލް މެޑްރިޑްގެ ބްރެޒިލްގެ ފޯވާޑް، ވިނީޝިއުސް ޖޫނިއާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ނެށުމާ ބެހޭގޮތުން ސްޕެއިނުގެ މީޑިއާގައި މައްސަލަ ހޫނުވެ، އެންމެ ފަހުން ވިނީޝިއުސްގެ ދިފާއުގައި ރެއާލް މެޑްރިޑުން ބަޔާނެއް ނެރެފި އެވެ.
ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެރޭ އެތުލެޓިކޯ މެޑްުރިޑްގެ ދަނޑު ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ.
އެ މެޗުގެ ކުރިން، ސްޕެއިނުގެ ފުޓްބޯޅަ ޝޯއެއްގެ ތެރެއިން އެ ގައުމުގެ އެޖެންޓް އެސޯސިއޭޝަންގެ ރައީސް، ޕެޑްރޯ ބްރާވޯ ޕެނަލިސްޓެއްގެ ގޮތުގައި ހުރެ، ވާހަކަ ދެއްކިއިރު، ގޯލު ޖެހުމަށް ފަހު ވިނީޝިއުސް ނަށާ ނެށުން އިބާރާތް ކޮށްފައިވަނީ "ރާމާމަކުނެއް"ގެ ނެށުމާ އެއްގޮތަށެވެ.
އެ ވާހަކަތަކާ އެކު ސްޕެއިނުގެ ސޯޝަލް މީޑިއާގައި މައްސަލަ ހޫނުވެ، ދެ ޓީމުގެ ސަޕޯޓަރުން ވެސް އަންނަނީ ބަހުގެ ހަމަލާ ބަދަލުކުރަމުންނެވެ. އޭގެ ފަހުން ޕެޑްރޯ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އަށް ދެކެވުނު ވާހަކަތައް އޮޅުންުފިލުވައިދީ ގޯހެއް ހެދިފައިވާނަމަ މާފަށް އެދޭ ކަމަށް ބުނެފަ އެވެ.
މި ވާހަކަތައް ކުޅުންތެރިންނާ ހަމައަށް ދިޔައީ، ސްޕެއިނުގެ މީޑިއާ އަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން އެތުލެޓިކޯގެ ކެޕްޓަން ކޯކޭ ދެއްކި ވާހަކަތަކަކުންނެވެ. ކޯކޭ އަށް އަމާޒުވި ސުވާލެއްގެ ޖަވާބުގައި ބުނީ އެތުލެޓިކޯ އިން ރެއާލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެއްގެ މާހައުލަށް ބަލާއިރު، ވިނީޝިއުސް ގޯލެއް ޖެހުމަށް ފަހު ނެށުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ނުވާނެ ކަމަށް ބުނެފަ އެވެ.
އެކަމަކު، ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރާނެ ގޮތެއް ކަނޑައަޅާނީ އެ ކުޅުންތެރިއަކު އަމިއްލަ އަށް ކަމަށްވާތީ ވިނީޝިއުސް އަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ކޯކޭ ވަނީ ބުނެފަ އެވެ.
ކޯކޭގެ މި ވާހަކަތަކަށް ރައްދުދިނީ ބްރެޒިލްގެ އެކި ކުޅުންތެރިންގެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ބްރެޒިލްގެ ތަރި ނޭމާ ވެސް ވަނީ ގޯލު ޖެހުމަށް ފަހު ވިނީޝިއުސް ކުރިން ވެސް ކުރަމުން އައި ގޮތަށް އުފާފާޅުކުރެވޭނެ ކަމަށް ބުނެފަ އެވެ. ވިނީޝިއުސް ވެސް ވަނީ ނޭމާގެ އެ ކަމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޖަވާބު ދީފަ އެވެ.
ސޯޝަލް މީިޑިއާގައި ގިނަ ބަޔަކު ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރަން ފެށުމާ އެކު އެންމެ ފަހުން ރެއާލުން ނިންމީ ވިނީޝިއުސްގެ ދިފާއުގައި ތެދުވުމަށެވެ.
ރެއާލުން ބުނީ ފުޓްބޯޅަ އަކީ އެންމެން ގުޅުވައިދޭ ކުޅިވަރަކަށް ވީހިނދު، މި ފަދަ އެއްބައިވަންތަކަމާ އެކު ދާ ކުޅިވަރެއްގެ ތެރެއިން ނަސްލީ ގޮތުން ދިމާކުރުމާއި އެ ފަދަ ކަންކަން ނުކުރުމަށް އެ ކްލަބުން އެދޭ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ނަސްލީ ގޮތުންނާއި އެކި ގޮތްގޮތުން ވިނީޝިއުސްއާ ދިމާ ކުރަމުންދާދިއުން އެ ކްލަބުން ވަނީ ކުށްވެރިކޮށްފަ އެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ޒަމާނުއްސުރެން ބްރެޒިލް ކުޅުންތެރިންނަކީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ނަށަމުން އައި ކުޅުންތެރިން ކަމަށެވެ. އަދި އެކަން ކުއްލިއަކަށް ބޮޑު މައްސަލަ އަކަށް ހަދައިގެން އުޅެން ޖެހޭ ސަބަބެއް ނެތް ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.












