މާލޭގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކާޑު ގުދަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް އެ ގުދަނަށާއި މެޑިކަލް ގުދަނުގެ ބޮޑު ބަޔަކަށް ސޯލާ ހަކަތައިން ކަރަންޓު ދޭން ފަށައިފި އެވެ.
މިއީ އެ ކުންފުނީގެ "ގްރީން އިނީޝިއޭޓިވް" ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ހިންގި ޕައިލޮޓް ޕްރޮޖެކްޓެކެވެ.
އެ ކުންފުނިން ބުނީ ކާޑު ގުދަނުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއް ވެސް ފޯރުކޮށްދެވޭ ކަމަށެވެ. އަދި، މުޅި ކާޑު ގުދަނަށް މިހާރު ކަރަންޓު ދެނީ ސޯލާ ހަކަތައިންނެވެ.
ސޯލާ ޕެނަލް ހަރުކުރުމުގެ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހު އެވެ. އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނިމިފައި ވަނީ އިއްޔެ އެވެ.
އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓެވެ.
އެ ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓު އުފެއްދުމަށް އިޔާދަކުރަނިވި ހަކަތައިގެ އިތުރުން އިތުރު ޕްރޮޖެޓުތަކާއި ގްރީން އިނީޝިއޭޓިވް ދަށުން ގިނަ ޕްރޮޖެކްޓުތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.











