ބަޔާނުން މި ފަހަރު ވެސް ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލަށް ފުރަަތަމަ މޮޅު

Sep 13, 2022, 9:24 PM
ބަޔާންގެ ސަޑިއޯ މާނޭ (މ) އަތުން ބޯޅަ ހޯދަން ބާސެލޯނާގެ ލެވަންޑޯސްކީ (ކ) އާއި ސާޖީ ބުސްކެޓްސް މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބަޔާންގެ ސަޑިއޯ މާނޭ (މ) އަތުން ބޯޅަ ހޯދަން ބާސެލޯނާގެ ލެވަންޑޯސްކީ (ކ) އާއި ސާޖީ ބުސްކެޓްސް މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

މިއުނިކް (ސެޕްޓެމްބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން މިއުނިކުން 2-0 އިން ބާސެލޯނާ ބަލިކުރިިއިރު، އަޔަކްސްގެ މައްޗަށް 2-1 އިން ކުރިހޯދައި ލިވަޕޫލުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުގެ މަރުގެ ގްރޫޕްގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ވިކްޓޯރިއާ ޕްލެޒެން އަތުން އިންޓަ މިލާން ވަނީ 2-0 އިން މޮޅުވެފަ އެވެ. ވިކްޓޯރިއާ އިން ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި މި މެޗުގައި އިންޓަަގެ ގޯލުތައް ޖެހީ އެޑިން ޖެކޯ އާއި ޑެންޒެލް ޑަމްފްރީސް އެވެ.

ފުރަތަމަ މެޗުގައި އިންޓަ އަތުން މޮޅުވި ބަޔާނުން މިރޭ ބާސެލޯނާ ބަލިކުރިއިރު، ގޯލުތައް ޖެހީ ދެ ވަނަ ހާފުގެ ފުރަތަމަ 10 މިނިޓް ތެރޭގަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 50 ވަނަ މިނިޓްގައި ޔޯސުއާ ކިމިކް ނަަގައިދިން ކޯނަރަކުން ލޫކަސް ހެނާންޑޭޒް ބޮލުން ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ބަޔާންގެ ޒުވާން އެޓޭކަރު، ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ލެރޯއި ސާނޭ ވަނީ ބަޔާންގެ ދެ ވަނަ ގޯލެއް ޖަަހައިދީފަ އެވެ.

ބަޔާނުން ދެ ގޯލުގެ ލީޑެއް ނެގި ފަހުން ބާސެލޯނާ އިން ގޯލެއް ޖެހޭތޯ ގިނަ އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން އޭރިއާތެރެއިން ބާސެލޯނާގެ ޕެޑްރީ ގޮންޒާލޭޒް ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ރަފީނިއާ ޖެހި ބޯޅައެއް ދަނޑިކައިރިން ބޭރުން ދިޔައިރު، ފެރާން ޓޮރޭޒަށް ވެސް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނެވެ.

ބަޔާން ދޫކޮށް މި ފަހަރު ބާސެލޯނާ އަށް ބަދަލުވި ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ހުއްޓުވުމުގައި ބަޔާން ޑިިފެންޑަރުން ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ބަޔާނުން މި ވަނީ އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ބަޔާން ދަނޑުގައި ބާސެލޯނާ އިން މޮޅެއް ހޯދަން ކުރާ އިންތިޒާރު ދިގުވެފައިވާއިރު، މިއީ މި ސީޒަނުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ.

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ކުޅުނު ފުރަތަމަ މެޗުން ލަދުވެދި ގޮތަކަށް ނަޕޯލީ އަތުން ބަލިވި ލިވަޕޫލުން މިރޭ އަޔަކްސް އަތުން ހޯދީ އުނދަގޫ މޮޅެކެވެ. މެޗުގެ 17 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން ލިވަޕޫލްގެ މުހައްމަދު ސަލާހު ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ލިވަޕޫލަށް ލީޑުހިފަހައްޓައިލެވުނީ 10 މިނިޓެވެ. މެޗުގެ 27 ވަނަ މިނިޓްގައި އަޔަކްސް އިން ކުރި އެޓޭކެއްގައި އެ ޓީމުގެ ސްޓީވެން ބާގައިސް ދިން ބޯޅަ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު މުހައްމަދު ކުޑޫސް ޖެހި ޝޮޓް ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލަށް އަލުން ލީޑުނަަގައިދޭން ވާޖިލް ވެން ޑައިކް ބޮލުން ގޯލަށް ފޮނުވާލި ދެ ބޯޅަ ވެސް އަޔަކްސްގެ ކީޕަރު ރެމްކޯ ޕެވީރް ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލުން ދެ ވަަނަ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ކޯނަރަކުން ކޮސްޓާސް ސިމިކާސް ނެގި ބޯޅައަކުން ޖޮއެލް މަޓިޕް އެވެ. މަޓިޕް ބޮލުން ޖެހި ބޯޅަ އަޔަކްސް ކެޕްޓަން ޑޫސާން ޓަޑިޗަށް ސަލާމަތްކުރެވުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ.

އަޔަކްސް އަށް މެޗުގައި ލީޑުނަގައިދޭން ޑޭލީ ބްލިންޑަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. މިއީ މި ސީޒަނުގައި އަޔަކްސް ބަލިވި ފުރަތަމަ މެޗެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި މާދަމާރޭ ނަޕޯލީން ރަށުންބޭރުގައި ރޭންޖާސްއާ ކުޅޭނެ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި މިރޭ ބަޔާ ލެވަކޫސަން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެެވެ. މެޗުގެ ފަހު 10 މިނިޓް ތެރޭ ލެވަކޫސަނުން ދެ ގޯލު ޖެހިއިރު، މި ދެ ގޯލު ވެސް ޖެހީ މިޑްފީލްޑަރުންނެވެ. އެ ގޮތުން މެޗުގެ 84 ވަނަ މިނިޓްގައި ރިބާޓް އަންޑްރިޗް ލެވަކޫސަނަށް ލީޑުނަގައިދިންއިރު، އޭގެ ތިން މިނިޓް ފަހުން، މޫސާ ޑިއާބީ ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޕޯޓޯ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް މޮޅުވީ 4-0 އިންނެވެ. ޕޯޓޯ ފުރަތަމަ މެޗުގައި ފަހު ވަގުތު އެތުލެޓިކޯ އަތުން ވެސް ވަނީ ބަލިވެފަ އެވެ.

ގްރޫޕް ޑީގައި މިރޭ ސްޕޯޓިން ލިޒްބަން އިން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރިއިރު، ދެ ގޯލު ވެސް ޖެހީ މެޗުގެ އިތުރު ވަގުތުގަ އެެ. އެ ގޮތުން އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޕެޑްރޯ ގޮންކާލޭސް ނެގި ކޯނަރަކުން ޕައުލީނީއޯ ބޮލުން ޖެހި ގޯލުން ވަނީ ސްޕޯޓިން އަށް ލީޑުނަގައިދީފަ އެވެ. އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ސްޕޯޓިންގެ ދެ ވަނަ ގޯލު ޖެހީ އާތޫރު އެވެ. މިއީ އިންޑިވިޖުއަލީ މޮޅު ގޯލެކެވެ. އާތޫރު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ބޯޅަ ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ.

ފުރަތަމަ މެޗުގައި ޓޮޓެންހަމް އަތުން ބަލިވި މާސޭ ދަނޑުގައި މިރޭ ކުޅުނު މެޗުން ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް ވަނީ 1-0 އިން މޮޅުވެފަ އެވެ. ފްރޭންކްފާޓް ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ސްޕޯޓިން އަތުން ބަލިވި ނަމަވެސް މިރޭ ކުޅުން ރަނގަޅުކޮށް މާސޭ ދަނޑުގައި މޮޅުވީ ރަނގަޅަށް ކުޅެގެންނެވެ. މެޗުގެ ހަމައެކަނި ގޯލު 43 ވަނަ މިނިޓްގައި ޖެހީ ޖެސްޕާ ލިންޑްސްޓްރަމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox