ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާ މެމްބަރުން މަދުވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި އިރު އެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ އެންމެ 24 މެމްބަރުންނެވެ. މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއަށް ވަޑައިނުގެން ތިއްބެވި މެމްބަރުންގެ ތެރެއިން ވަކި ގޮތެއް އަންގަވާފައި ވަނީ ނުވަ މެމްބަރެކެވެ. އެއީ، ސަލާމުގައި ތިއްބެވި ހަ މެމްބަރަކާއި ރަސްމީ ދަތުރުތަކުގައި ވަޑައިގެން ތިއްބެވި ތިން މެމްބަރެކެވެ.
އެހެންވެ، ޖަލްސާ ފެއްޓެވުމުގައި އާއްމު އުސޫލުން ހާޒިރީ އިއްވަވަމުން ރިޔާސަތުން ނަޝީދު މިއަދު އެކަން ފާހަގަކުރެއްވި އެވެ.
"ނުވަ އިއްޒަތްތެެރި މެމްބަރުން މަޖިލީހަށް ވަޑައިނުގެންނެވޭ ގޮތަށް އެބަ ތިއްބެވި. އެހެން ނަމަވެސް 87 އިއްޒަތްތެރި މެމްބަރުންގެ މަޖިލީހެއްގައި އަދި ގަވައިދުން މުސާރަ ލިބެމުންދާ ތަނެއްގައި، ހެނދުނުގެ ޖަލްސާ ފަށާއިރު 24 މެމްބަރުން ތިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ގާނޫނީ ވާޖިބަށް އަޅުގަނޑުމެނަށް ފަރުވާތެރިކަން ނުބެހެއްޓެނީ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ހެނދުނު ފަށާ އިރު އެންމެ އަވަހަށް ވަޑައިގަންނަވާ ބޭފުޅަކީ ނަޝީދެވެ. މަޖިލީހުގެ ޖަލްސާތައް ފަށަނީ 9:00 ގައި ކަމަށް ވިޔަސް، އެނގިފައިވާ ގޮތުގައި އެމަނިކުފާނު މަޖިލީހުގެ އިދާރާއަށް ހެނދުނު ވަޑައިގަންނަވަނީ 8:00 ގެ ވެސް ކުރިންނެވެ. ޖަލްސާތަކަށް ވަޑައިގަންނަވާ މެމްބަރުންގެ އަދަދު މަދުކަމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް އެމަނިކުފާނު ފާޅުކުރެއްވި އެވެ. ސަލާމުގައި ދިގު މުއްދަތަކަށް ތިއްބަވާ މެމްބަރުންގެ ނަންތައް ވެސް ބައެއް ފަހަރު ހާމަކުރައްވަ އެވެ.

މަޖިލިސް ހާޒިރީން އެނގޭ ގޮތުގައި މި ދައުރު ފެށި ފަހުން އާންމުކޮށް ޖަލްސާތަކަށް އަންނަނީ 30 މެމްބަރުންނެވެ.
ބިލުތައް ނިންމުން ވެސް ލަސް
މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެ މަސައްކަތް ނުނިމި ލަސްވާތީ އެކަމާ ބެހޭ ގޮތުން ވެސް ރިޔާސަތުން މިއަދު ނަޝީދު ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިލުތައް ނުނިމި ލަސްވާ އެއް ސަބަބަކީ އެ ބިލުގެ މަސައްކަތް ވަކި ގޮތަކަށް ގެންދަން ސަރުކާރުން ބޭނުންވާތީ އެވެ.
"ދެން އެެއަށް ފަހު ސަރުކާރުގެ ފޮލޯއަޕް ނުލިބި ލަސްވެގެން ދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ކުުދިކުދި އިސްލާހުތަކުގެ ބިލުތައް ވެސްް މަޖިލީހުގައި ގިނަ އަދަދަކަށް އެބަހުރި ކަމަށެވެ. އެ ބިލުތަކުގެ މަސައްކަތް ކޮމިޓީތަކުން ނިންމާނެ ސުންގަޑިއެއް ދެއްވަން މެމްބަރުންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ނުނިމި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ބައެެއް ބިލުތަކުގެ ނަންތަކާއި އެ ބިލުތަކުގެ މަސައްކަތް ކުރާ ކޮމިޓީތަކުގެ ނަންތައް ހާމަކުރައްވައި، އެ ބިލުތަކުގެ މަސައްކަތް އަވަސްކުރަން ވެސް އެދިވަޑައިގެންނެވި އެވެ. ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުން އަންނަ ބޮޑު ބިލެއް ކަަމަށްވާ އިފްލާސް ކުރުމުގެ ބިލުގެ ވާހަކަ އެގޮތުން ވިދާޅުވި އެވެ.
"އަޅުގަނޑު ހުރިހާ އިއްޒަތްތެރި މެމްބަރުންގެ އަރިހުން އެދެން ގިނަ ވަގުތު މިކަަމަށް ހޭދަކުރައްވައި ވީހާ ވެސް ގިނަ މަސައްކަތެއް އަވަހަށް ނިންމަވައި ދެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަޅުމުގައި ބަހުސްކޮށް ނިމި، ބަލައިގަތުމާއި މެދު ވަކި ގޮތެއް ނިންމުމަށް ޓަކައި ވޯޓަށް އެހުމުގެ މަރުހަލާގައި ނުވަ ބިލެއް އެބަ އޮތެވެ. އެެ ބިލްތަކަށް މިއަދު ވޯޓަށް އެހުމުން އެ ބިލުތައް ވެސް ދާނީ ކޮމިޓީތަކަށެވެ.













