ދަރިވަރުންނަށް ތައުލީމު އުނގަންނައި ދިނުމުގައި އެކިޒަމާނަށް އެކި ބަދަލުތައް އަންނަމުން ދެ އެވެ. އަދި އެކި ޒަމާންތަކުގައި އެކިކަންކަމަށް ސަމާލުކަން ދޭމިންވަރު އިތުރުކުރުމާއި އަދި އަނެއްބައިކަންތައްތައް ނެތިގެން ދާކަންތައްތައްވެސް ހުރެ އެވެ. މި ލިއުމުގައި އަޅުގަނޑު ބަލައިލާނީ. ކަނޑިތީމު މަކުތަބުގެ ދަރިވަރުން މަކުތަބުގައި ކިޔަވާ އުޅުނުދުވަސްވަރު، ފަތިސް ނަމާދަށް ގޮވައި އުޅުނު އުޅުމުގެ މައްޗަށެވެ.
އެދުވަސްވަރު ކުދިން ކިޔަވަން ދާނީ އެދުރުބެޔާއި އެދުރު ދައިތަގެ ގެއަށެވެ. ނަމަވެސް އެރަށެއްގެ މީހުން އަމިއްލައަށް ތަންތަން ހަދައިގެން ކުދީންނަށް ތައުލީމު ދޭން ފެށުނެވެ. މިތަންތަނަށް ރަށުގެ ކަމުވޮށިގެންވާ މީހުންނާއި އަދި ފޯރުންތެރިކަން ހުރި މިންވަރަކުން ރަށްރަށުން އެދުރުން ގެނެސް ކިޔަވައިދޭން މަސައްކަތް ކުރި އެވެ. މި ގޮތުން މިރަށުގެ މަކުތަބުގައި ކިޔަވައިދޭން ފެށިއިރު ކިޔަވައިދިނުމުގެ އިތުރުން، އިތުރު ހަރަކާތްތައް ހިންގަމުން ގެންދިޔަ އެވެ. މިގޮތުން މަކުތަބުގެ ދަރިވަރުން ބަހާލައިފައިވަނީ ތިން ބަޔަކަށެވެ. އެއީ ފުނަބަޔާއި، ކާނިބަޔާއި އަދި މަދޮށިބަ އެވެ. މަކުތަބުގައި ގިނަ ހަރަކާތްތައް ހިންގަނީ މި ބައިތަކުގެ މެދުގަ އެވެ. ކަސްރަތާއި ކުޅިވަރުގެ އިތުރުން ކޮންމެ ހުކުރު ހޯމަ ވިލޭރޭއަކު ދެ ނަމާދު ދޭތެރޭގައި މައުލޫދު ކިޔުމާއި ކޮންމެ ރެއަކު ފަތިހު ފަތިސް ނަމާދަށް ދާން ގޮވުން އޮވެ އެވެ.
މަކުތަބުގެ ކޮންމެ ބައެއްގައި ބައިބޮޑެއް ހުރެއެވެ. ފަތިސް ނަމާދަށް ގޮވުމުގައި އިސްކޮށް ހުންނަނީ އެ ބައެއްގެ ބައިބޮޑެވެ. ނުވަތަ ބައިގެ މުރުޝިދެވެ. މި ދަރިވަރަކީ ވަރަށް ހީވާގި މުރާލި ދަރިވަރެކެވެ.
ފަތިސް ނަމާދަށް ގޮވުން ފެށުނުކަމަށް ފެންނަނީ، ނައިފަރު މޫސާ އީސާފުޅު ކިޔަވައިދެއްވި ދުވަސްވަރު އެވެ. އޭރު ދުވަސް ފެށުމުގެ ގޮތުން ފަތިހު ކުދިންނަށް ގޮވަން ފަށަ އެވެ. ކުދިންނަށް ގޮވައި ނިމުމުން، މުދައްރިސް ކުރީގައި ހުންނަވައިގެން “ލެފްޓް ރައިޓް” ކިޔުއްވަމުން ދަނޑިބުރި ހިއްޕަވައިގެން ދުރުވަނީ ގޮނޑުދޮށަށެވެ. އެ ތަނުގައި ފުރަތަމަ އޮންނާނީ ކަސްރަތު ކުރުމެވެ. އެއަށްފަހު ހުރިހާ ކުދިން މޫދަށް އެރި ފެތުމެވެ.
މޫދުން އެއްގަމަށް އަރައި ދެސަފުގައި އަންނަނީ އާފެންވަޅުދޮށަށް ފެންވަރާށެވެ. ފެންވަރާ ނިމުމުން ހުރިހާ ކުދިން ގެއަށްގޮސް ވީ އެންމެ އަވަހަކަށް މަދަރުސާއަށް އާދެ އެވެ. މަދަރުސާއިން ދެސަފުގައި ކުރީގައި މުދައްރިސް ހުންނަވައިގެން މިސްކިތަށް ފަތިސް ނަމާދަށް ދުރުވެ އެވެ. ހުރިހާ ކުދިންވެސް ފަތިސް ނަމާދު ކުރާނީ މުދައްރިސްގެ ފަހަތުގަ އެވެ. މިއީ ފަތިސް ނަމާދަށް ގޮވަން ފެށުނު ދުވަސްވަރު މިކަން ކުރިޔަށް ދިއަގޮތެވެ.
ފަހަކަށް އައިސް ކޮންމެ ރެއަކު ފަތިހު ތިންގަޑިބަޔާއި ހަތަރަކާއި ދޭތެރެ މުރުޝިދު ހޭލަ އެވެ. އެއަށްފަހު ބައިގެ ކުދިންނަށް ގޮވަން ފަށަ އެވެ. ކޮންމެ ކުއްޖެއްގެ ގޭދޮށަށްގޮސް އެ ކުއްޖެއްގެ ނަމުން ގޮވަ އެވެ. އަނެއް ކުއްޖަކަށް ގޮވަން ދާނީ ކުރިން ގޮވި ކުއްޖާ ނުކުތުމުންނެވެ.
މިގޮތަށް ކުދިންނަށް ގޮވައި ހޭލައްވައިގެން ހުރިހާ ކުދިން ފަހަތުލައިގެން ދާނީ ގޮނޑު ދޮށަށެވެ. ދެން ގޮނޑުދޮށަށް ފައިބައި ފާހާނާ ކުރުމަށްފަހު، ގޮނޑުދޮށުން ވެލި ނަގައިގެން ދަތް އުނގުޅަމުން ދާނީ މިސްކިތްދޮށަށެވެ. ޖަމާއަތުގައި ނަމާދު ކުރުމަށްފަހު ގެއަށްގޮސްފައި ހުރިހާކުދިން ދާނީ ބޯޅަ ކުޅޭށެވެ. ބައެއް ރޭރޭ ކުޅެން ދާއިރު، އަނދިރިކަމުން ކުޅެންވެސް ނޭނގޭނެ އެވެ.
ފަތިސް ނަމާދަށް ގޮވުމުގައި އަންހެން ކުދިންނަށްވެސް އެ ކުދިންގެ ބައިބޮޑުން އިސްވެގެން ގޮވާ އުޅުނެވެ. ނަމަވެސް އަންހެން ކުދިންނަށް ފަތިސް ނަމާދަށް ގޮވުން މާކުރިން ހުއްޓިއްޖެވެ.
ފަތިސް ނަމާދަށް ގޮވާއިރު ބައެއް ކުދިން ފަސޭހައިން ތެދުވެ އެވެ. އަނެއްބައި ކުދިންނަށް ގޮވާ ނެގުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. ހޭލައްވަން އުނދަގޫ ކުދިންގެ ތެރޭގައި ނިދިގަދަ ކުދިންނާއި ތަންމައްޗަށް ކުޑަކަމު ދެވިފައި ތިބޭ ކުދިން ތިބެއެވެ. ކުޑަކަމު ދެވިފައި ތިބިކަން އެނގިދާނެތީ ނުކުންނަން ނުކެރިފައި ތިބޭ ކުދިންވެސް ތިބެއެވެ. ކޮންމެ ގޮތެއްވިޔަސް އެކުއްޖަކު ގޮވައި ނަގައިފައިނޫނީ އެހެން ކުއްޖެއްގެ ގެއަކަށް ނުދާނެއެވެ. ބައެއް ފަހަރު އެއްގޭދޮށުގައި މާލަސްވާނަމަ، އެއްބަޔަކު ތިބެފައި ދެންތިބި ކުދިން އަނެއް ކުއްޖަކަށް ގޮވަން ފޮނުވައެވެ.
މަކުތަބުގެ ހާޒިރީއެކޭ އެއްފަދައިން ނަމާދު ހާޒިރީވެސް ކޮންމެ ދުވަހަކު ކިއައެވެ. ނަމާދު ބަރާބަރަށް އަދާނުކުރާ ކުދިންނަށް، ދޭންޖެހޭ އަދަބު ދިނެވެ.
މިއަދު މިވަނީ އެދުރުގެއާއި އެދުރުތައިތައިންގެ ޒަމާންނިމި މަކުތަބުގެ ޒަމާންވެސް ނިމި ގޮސްފައެވެ. މިއަދުވެސް ސްކޫލްތަކުގައި އެތައް ފަހަރަކު އެތައް ގޮތަކަށް ހާޒިރީ ކިޔަ އެވެ. ނަމަވެސް ތަފާތު އެކިސަބަބު ތަކާހުރެ މިއަދު ވަނީ ނަމާދު ހާޒިރީ ކިޔުން ހުއްޓާލައިފަ އެވެ.







