މެޑްރިޑް (ސެޕްޓެމްބަރު 3) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް ބެޓިސްގެ މައްޗަށް 2-1 އިން ކުރިހޯދައި ރެއާލް މެޑްރިޑުން އެ ޓީމުގެ ސައްތަ އިން ސައްތަ ރެކޯޑް ދެމެހެއްޓިިއިރު، ރަށުންބޭރުގައި ސެވިއްޔާ 3-0 އިން ބަލިކޮށް ބާސެލޯނާ އިން ލީގުގައި ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދައިފި އެވެ.
ރެއާލް އެއް ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި އޮތް ބެޓިސް އަށް ވަނީ ހަަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އެވެ. މިއީ ޑޭވިޑް އަލަބާ މަތިން ކުރިއަށް ކުޅުނު ބޯޅައެއް ބެޓިސްގެ ޑިފެންސް ފަހަތުން ހޯދައިގެން ގޮސް ވިނީޝިއުސް ޖެހި ގޯލެކެވެ. ވިނީޝިއުސް ޖެހި ބޯޅަ ގޯލަށް ވަނީ ބެޓިސްގެ ކީޕަރު ރުއީ ސިލްވާ ބޯމަތިން ގޮހެވެ.
އެކަމަކު، ބެޓިސް އަށް މިހާރު ކުޅެމުންދާ ރެއާލްގެ ކުރީގެ މިޑްފީލްޑަރު ސާޖިއޯ ކަނާލެސް ވަނީ މެޗުގެ 17 ވަނަ މިނިޓުގައި ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އޭރިއާތެރެއިން ކަނާލެސް ޖެހި ބޯޅަ ގޯލަށް ވަނީ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ފައި ކައިރިންނެވެ. ރެއާލް މެޗުން މޮޅުވި ގޯލު ޖެހީ 65 ވަނަ މިނިޓުގައި ރޮޑްރީގޯ އެވެ. މިއީ މި ސީޒަންގައި އޭނާ ރެއާލަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ފެޑެރީކޯ ވަލްވޭޑޭ އޭރިއާތެރެއިން ދިން ބޯޅަ ރޮޑްރީގޯ ގޯލަށް ފޮނުވާލީ ބެޓިސް ކީޕަރު ރުއީ ސިލްވާ އަތުގައި ޖައްސައިފަ އެވެ.

ބެޓިސްގެ ފޯވާޑް ބޯހާ އިގްލީސިއަސް (ވ) ކައިރިން ރެއާލްގެ ރޮޑްރީގޯ ބޯޅަ ހިފައިގެން.--- ފޮޓޯ: އޭއެފްޕީ
ސެވިއްޔާ އިން މިރޭގެ މެޗު ފަށައިގެން ބާސެލޯނާ އަށް ޕްރެޝަރު ކުރި ނަމަވެސް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ބާސެލޯނާ އިން ވަނީ މެޗުގެ 22 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އޭރިއާތެރެއިން ރޮބަޓް ލެވަންޑޯސްކީ ގޯލަށް ޖެހި ބޯޅައެއް ސެވިއްޔާ ޑިފެންޑަރު ސަލާމަތްކުރަން އުޅުމުގެ ތެރޭހައި ރަފީނިއާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 36 ވަނަ މިނިޓްގައި ލެވަންޑޯސްކީ ބާސެލޯނާގެ ލީޑުފުޅާކޮށްދިނީ ޖޫލްސް ކޫންޑޭ ދިން ބޯޅައަކުންނެވެ. ސެވިއްޔާ ދޫކޮށް މި ފަހަރު ބާސެލޯނާ އަށް ބަދަލުވި ކޫންޑޭ މަތިން ހުރަސްކޮށްލި ބޯޅަ އޭރިއާތެރެއިން މެއިން ކޮންޓްރޯލް ކުރުމަށް ފަހު ލެވަންޑޯސްކީ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި އެރިކް ގާސިއާ ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ވެސް ކޫންޑޭ ދިން ބޯޅައަކުންނެވެ.
ހުލެން ލޮޕެޓެގީ ކޯޗުކޮށްދޭ ސެވިއްޔާ މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އެ ޓީމު އޮތީ ލީގުގެ 17 ވަނައިގައި ކުުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އެވެ.
ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް އާއި ރެއާލް ސޮސިއެޑާޑް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.












