މި ސަރަހައްދުގެ އެންމެ ބިޔަ ހޮސްޕިޓާލިޓީ ޓްރޭޑްޝޯ ކަމުގައިވާ "ހޮޓެލް އޭޝިއާ" އަންނަ އޮކްޓޫބަރު މަހުގެ މެދުތެރޭގައި ބާއްވަން ތާވަލުކޮށްފި އެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ހޮޓެލް ސާވިސަސް އާއި ލަންކާގެ އެގްޒިބިޝަން އެންޑް ހޮޓެލް ސާވިސަސް އާއި ބެސްޓް ބައި މޯލްޑިވަސް ގުޅިގެން އިންތިމާޒުކުރާ ހޮޓެލް އޭޝިއާއަކީ ރާއްޖޭގައި ބާއްވާތާ އެންމެ ދުވަސްވެފައިވާ އެއް އެގްޒިބިޝަނެވެ.
މިއީ މި އެގްޒިިބިޝަން ބާއްވާ 16 ވަނަ ފަހަރެވެ. މީގެ ކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އައި މި އެގްޒިބިޝަން މިފަހަރު މި ބާއްވަނީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި އެގްޒިބިޝަން ނުބާއްވައި އޮތުމަށް ފަހު އެވެ.
އެގްޒިބިޝަނާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އެގްޒިބިޝަން އިންތިޒާމުކުރާ ފަރާތްތަކުން ބުނީ މިފަހަރުގެ އިވެންޓުގައި ވެސް ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް ފަރާތްތަކާއި ބްރޭންޑުތަކުން ބައިވެރިވާނެ ކަމަށެވެ.
އަދި ރާއްޖެ އާއި ބޭރުގެ އެގްޒިބިޓަރުންގެ އުފެއްދުންތަކާއި ޕްރޮޑަކްޓުތައް ތައާރަފުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ މީހުން ފާހަގަކުރި އެވެ.
"މިއީ ޕްރޮޑަކްޓެއް ތައާރަފުކުރަން ބޭނުންވާ ރާއްޖެ އާއި ބޭރުގެ ވިޔަފާރިތަކާއި، ވިޔަސް އާ ވިޔަފާރިތަކަށް ވެސް ލިބޭ ފަހި ފުރުސަތެއް" އެގްޒިބިޝަން އިންތިޒާމު ކުރުމުގައި އުޅުއްވާ އޮފިޝަލަކު ވިދާޅުވި އެވެ.
އޭގެ އިތުރުން އެގްޒިބިޝަނުގެ ތެރެއިން ބާއްވާ ކަލިނަރީ ޗެލެންޖު އޮންނާނެ ކަމަށާއި މި އަހަރުގެ ޗެލެންޖުގައި ވެސް 20 ކެޓެގަރީއަކުން 500 ޝެފުންގެ 650 ވައްތަރުގެ އުފެއްދުންތައް ފެންނާނެ ކަމަށް ބުންޏެވެ.
މިއީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އާއި ވާލްޑް ޝެފްސް ގިލްޑުން އެންޑޯސްކޮށްގެން ބާއްވާ ޗެލެންޖެކެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިޔަށް ދާނީ އޮކްޓޫބަރު 10، 11، 12، މި ތިން ދުވަހު ދަރުބާރުގޭގަ އެވެ.










