އާކްޓިކް ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުން ދަނިކޮށް، އެމެރިކާއިން ފުރަތަމަ ފަހަރަށް އާކްޓިކްއަށް ހާއްސަ ސަފީރަކު ކަނޑައަޅަން ނިންމައިފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވެޑަންޓް ޕަޓޭލް ވިދާޅުވީ އެމްބެސެޑާ އެޓް ލާޖްގެ ޒިންމާއަކަށް ވާނީ ދުނިޔޭގެ އެންމެ އުތުރު ބިތުގައި އެމެރިކާގެ ސިޔާސަތު ކުރިއެރުވުން ކަމަށެވެ.
ހުކުރު ދުވަހު ނޭޓޯގެ ޗީފް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ ދުނިޔޭގެ އެންމެ އުތުރު ބިތަށް ރަޝިއާގެ ނުރައްކާ އެބަ އޮތް ކަމަށެވެ. އޭގެ އިތުރުން އާކްޓިކްގައި ޗައިނާގެ ނުފޫޒު ފެތުރޭތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އާ ސަފީރުގެ މަސައްކަތުގައި އާކްޓިކްގެ ހަަތް ގައުމާ އެކު ގުޅުން ބާއްވާނެ ކަމަށް އެމެރިކާއިން ބުންޏެވެ. އެއީ ކެނެޑާ، ޑެންމާކް، ފިންލޭންޑް، އައިސްލޭންޑް، ނޯވޭ، ސްވިޑަން އަދި ރަޝިއާ އެވެ.
އާކްޓިކްގެ ސަފީރު ކަމަށް ކަނޑައަޅާ ބޭފުޅެއްގެ ނަން ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ އެވެ. އެއަށްފަހު ސެނެޓުގެ ރުހުން ހޯދަން ނަން ހުށަހަޅާނެ އެވެ.
ދުނިޔޭގެ އެންމެ އުތުރުގައި ނޯތު ޕޯލް ކައިރީގައި ރަޝިއާގެ ހަރަކާތްތައް އިތުރުކޮށްފައިވާ އިރު، ޗައިނާއިން ވެސް ދަނީ އާކްޓިކްގައި ދިރާސާ ކުރާ މަރުކަޒުތައް އަޅަމުންނެވެ.










