ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މި ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، ނުރަސްމީ ދަތުރަކަށްވާތީވެ މަޖިލީހުގެ އިދާރާއަށް ވެސް މާ ގިނަ ތަފްސީލްތަކެއް ހިއްސާ ކުރައްވާފައިނުވާ ކަމަށެވެ.
އެހެންވެ ދަތުރުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ނުރަސްމީ ދަތުރެއްގައި ނަޝީދު މިއަދު އިންޑިއާއަށް ފުރާވަޑައިގެންނެވިއިރު، މި އަހަރުގެ އޭޕްރީލް މަހު ވެސް އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންފައިވެ އެވެ.
އެންމެ ފަހުން އިންޑިއާއަށް ކުރެއްވި އެ ދަތުރަކީ އެ ގައުމުގައި އޮތް ރޮއިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެކެވެ.

ނަޝީދު ސިޔާސީ އަދި ގާތް ގުޅުންތަކެއް ވެސް ބާއްވާ އިންޑިއާއަށް ކުރައްވާ ކޮންމެ ދަތުރެއްގައި އާންމު ގޮތެއްގައި ތަގުރީރު ދެއްވާ ރަސްމިއްޔާތުތަކުގައާއި މީޑިއާތަކަށް އިންޓަވިއު ދެއްވަ އެވެ.
އަދި ރާއްޖޭގެ އޭރެއްގެ ހާލަތަކާއި ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަ ދައްކަވަ އެވެ. ހާއްސަކޮށް ކުރީގެ ސަރުކާރުން އިންޑިއާއާ ވާދަވެރި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ވާހަކަ ދައްކަވަ އެވެ.












