އަލިފުބާއިން ޚަތިމްކުރުމާ ހަމައަށް

އަލިފުބާއިން ޚަތިމްކުރުމާ ހަމައަށް

އެއްވެސް ޒަމަނެއްގައި ކިޔަވައިގެން ތިބި މީހުންނާއި ނުކިޔަވައި ތިބި މީހުން ހަމަހަމައެއް ނުވެ އެވެ. އެނގޭ މީހުންނާއި ނޭނގޭ މީހުން ހަމަހަމައެއް ނުވެ އެވެ. މި ޒަމާނުގައިވެސް ހުނަރާއި ތަޖުރިބާ ހުއްޓަސް، ސަނަދެއް ނެތްނަމަ އެމީހާ މީހަކަށް ނުވެއެވެ. މާއިހުން ފެށިގެންވެސް ޤުރުއާން ކިޔަވަން ދަސްވި ކަމުގައި ވިޔަސް، ނަމާދު ނުކުރާ މީހަކު އެއީ ޤުރާއާން ކިޔަވަން ދަންނަ މީހެއް ކަމުގައި ނުދެކެ އެވެ.

ކޮންމެ ކުއްޖަކުވެސް އެންމެ ފުރަތަމަ ކިޔަވާ އެއްޗަކީ އަރަބީގެ އަލިފުބާއެވެ. އަލިފުބާ ދަސްކުރަނީ އެދުރުން ނުވަތަ އެދުރު ދައިތަ ގާތަށް ގޮސްގެންނެވެ. އަކުރު އަޅައިދެނީ ލަކުޑިން ހަދާފައި އޮންނަ ފިލައެއްގައި ލިޔެގެންނެވެ. ފިލާގައި ހުންނާނީ ގޮނޑުދޮށަށް ލައްގާފައި ހުންނަ މަށި ލައިގެން ހުދުކޮށްފަ އެވެ. ފިލާގައި މަށި ލުމަށްޓަކައި މަށި ފުނޑަންޖެހެ އެވެ. ދައިން ރަނގަޅަށް ފުނޑުމަށްފަހު ގުޅަ ހަދައިގެން އަވީލާ ރަނގަޅަށް ހިއްކަން ޖެހެއެވެ. އެއަށްފަހު ފިލައިގާ ފެންފޮދެއް ލައިގެން ހޭކުމުން ފިލާގައި ވަރަށް ރަނގަޅަށް ކުލަ ހިފައެވެ. ދެން ފިލާ ހިއްކީމައި ހުންނާނީ ސާފު ހުދު ކުލައެވެ. ދަސްކުރަންވާ އަކުރުތައް ނުވަތަ ތަނެއް އެދުރުމީހާ ފިލާގައި ލިޔެއެވެ. ލިޔުމަށް ބޭނުންކޮށް އުޅުނީ އޮނު ގަލަމެވެ.

އެދުރު މީހާ ލިޔެދިން ފިލާވަޅު ރަނގަޅަށް ދަސްކޮށް، ހިތުން ކިޔައިދޭން ޖެހެއެވެ. ކުށްނުލައި ރަނގަޅަށް ކިޔައި ދިނުމުން ފިލާ ދޮންނަން އެދުރު މީހާ އަންގައެވެ. ފިލާ ދޮވުމަށްޓަކައި ކުޑަ ފެންފޮދެއް ފިލައިގެ މައްޗަށް އަޅައި އިނގިލިތަކު ކުރިން ކާއްތާލުމަށް ފަހު، ލިޔެފައި ހުރި އަކުރުތަކުގެ ދެއްޔާއި މަށިކޮޅު ބޯލަންޖެހެއެވެ. މިއީ ހިތް އަލިކުރަން ކުރަންޖެހޭ ކަމެއް ކަމުގައި މައިންބަފައިން ދަރިން ގާތު ބުނެއެވެ. އެހެންކަމުން ވަރަށް ގިނަ ކުދިން، ފުރަތަމަ ދޮވެލާ ފެންފޮދު ލޯ މަރާލާފައި ނަމަވެސް ދިރުވާލައެވެ. ފިލާގައި ލިޔެއުޅެނީ ޢައްމާފޮތުގެ ސޫރަތްތައް ނިމެންދެންނެވެ. ޚަތިމަށް ލަނީ ޢައްމާފޮތް ދަސްކޮށް ނިމުމުންނެވެ.

ކުއްޖާ ޚަތިމަށްލާ ދުވަހު ކުއްޖާގެ ފަރާތުން އެދުރު މީހައަށް ފަރިވަޅެއް ދެއެވެ. އާންމުކޮށް ދީ އުޅެނީ ބޮނޑިބަތް ފަރިވަޅެވެ. ކޯޅިތައްޓަކަށް ބޮނޑިބަތް އަޅައި މަތީގައި ކެޔޮފަތްއަޅާ އޭގެ މަތިން ރީއްޗަށް ރުމާލަކުން ބަނދެލައެވެ. މި ފަރިވަޅު އެދުރު މީހާއަށް ގެންދަނީ ޚަތިމަށް ލާކުއްޖާގެ މަންމަ ނުވަތަ ބެލެނިވެރިޔާއެވެ. ދެން ޞަލަވާތް ކިޔެވުމަށްފަހު ކުއްޖާއަށް ޚަތިމުގެ ފުރަތަމަ ސޫރަތް ނަގައިދެއެވެ. ފިލާވަޅުގެ ގޮތުގައި އެދުރު މީހާ އާންމު ގޮތެއްގައި ނަގައިދީ އުޅެނީ ފަހަރަކު މަގުރައެކެވެ. ނަމަވެސް ކުއްޖާ ޤުރުއާނަށް ފަރިތަ ވާވަރަކުން ދެ މަގުރަ ތިން މަގުރަ އަދި އެއަށްވުރެ އިތުރަށް ވެސް ނަގައިދެ އެވެ.

ސޫރަތަކަށްފަހު ސޫރަތެއް ނަގައިދެމުން އައިސް “ސޫރަތުލް އަންޢާމް” ނަގައިދޭ ދުވަހަކީވެސް ހާއްސް ދުވަހަކެވެ. މި ސޫރަތް ނަގައިދޭންވުމުން އެދުރު މީހާ ބެލެނިވެރިންނަށް އަންގަ އެވެ. ދެން ޖެހިގެން އަންނަ ދުވަހު ކުއްޖާގެ ފަރާތުން ދުފާ މަލާފަތެއް ގެނެސް އެދުރު މީހާއަށް ދެ އެވެ. އެދުރު މީހާ ދުފުމަށްފަހު ކުއްޖާއަށްވެސް ދުފަން ދެ އެވެ. އެ ހިސާބުން އެކުއްޖާއަށް ގޭގައި ހުންނަ މަޑިސީލައިން ދުފުން ހުއްދަވީއެވެ. ޚަތިމް ދެބައިވާ ދުވަހަކީވެސް އެދުރު މީހާއަށް ފަރިވަޅެއް ދޭ ދުވަހެކެވެ.

ނިޔާކުރުމޭ ކިޔަނީ ކުއްޖާ ޤުރުއާން ކިޔަވާ ނިންމުމަށެވެ. މިކަމާ ގުޅިގެން އާދަކާދައިގެ މަތިންކޮށް އުޅޭ ކަންތައް ތަކެއް ހުރެއެވެ. މި ގޮތުން ނިޔާކުރިކޭން ކެއްކުމާއި ނިޔާކުރި ބިލެތް ބެހުން ހިމެނެއެވެ. ކުއްޖާ ޚަތިމްކޮށް ނިމުމުން ފެން ތައްޓެއް ބަހައްޓާ ޞަލަވާތް ކިޔަވާ ސޫރަތުއްޟުޙާގެ ތިރީގެ ސޫރަތްތައް އެދުރު މީހާ ކިޔަވައިދެ އެވެ. އެދުރު މީހާގެ އަޑުދަށުން ކުއްޖާ ކިޔަވަ އެވެ. ކޮންމެ ސޫރަތެއް ނިމުމުން ތަކުބީރު ކިޔަ އެވެ. ކުއްޖާވެސް ފަހަތުން ކިޔަން ޖެހެއެވެ. އެއަށްފަހު ކުރިން ބެހެއްޓި ފެންތަށިން އެއްބައި ކުއްޖާއަށް ބޯންދިނުމަށްފަހު އަނެއްބައި ކުއްޖާގެ ހަށިގަނޑުގައި އުނގުޅައެވެ.

ނިޔާކުރުމުގެ ދެވަނަ ހަރަކާތެއްގެ ގޮތުން އެދުވަހު ދޮލަނގަކަށް ބިލެތާއި ފޯކާއި ކަރަންފުލާއި ބިލެތް ހުންޏާއި އަދި ފޮނިތޮށި ކާފޫރުތޮޅީގެ އިތުރުންވެސް ދުފުމަށް ބޭނުންވާ އެއްޗެއް ވާނަމަ އެއެއްޗެއް އަޅައެވެ. އެއަށްފަހު "ނިޔާކުރި ބިލެތް" ބަހަން ނުކުމެ އެވެ. ނިޔާ ކުރީ އަންހެން ކުއްޖެއް ނަމަ ބަހާނީ އަންހެނުންނަށެވެ. ފިރިހެން ކުއްޖެއްނަމަ ބަހާނީ ފިރިހެނުން ނަށެވެ. ނަމަވެސް ފަހަކަށް އައިސް ދެޖިންސްގެ މީހުންނަށްވެސް ބިލެތް ދެއެވެ. މި ބިލެތް ބެހުމަށް ހިނގާނީ ނިޔާކުރި ކުއްޖާއެވެ. ނުވަތަ އޭނާގެ ގާތް ތިމާގެ ކުއްޖެކެވެ.

ނިޔާކުރުމުގެ ތިންވަނަ ކަމެއްގެ ގޮތުން ހަމަ އެދުވަހު “ނިޔާކުރިކޭން” ކައްކަ އެވެ. މިއީ އެ ބައެއްގެ ފޯރުންތެރިކަން ހުރިވަރަކުން ކައްކާ ރަނގަޅު ކޭމެކެވެ. އެދުރު މީހާގެ އިތުރުން ގާތްތިމާގެ ރަޙުމަތްތެރިންވެސް މި ކޭމުގައި ބައިވެރިވެ އެވެ.

ކޮންމެ މީހަކަށްވެސް ނިޔާކުރުމާއެކު ނަމާދުކޮށް ލިޔަން ކިޔަން އެނގެން ޖެހެއެވެ. މީގެ އިތުރުން ފިރިހެނެއްނަމަ ގޭގޭގައި ޞަލަވާތް ފާތިޙާ ކިޔަވައިދޭން ޖެހޭނެއެވެ. މި ކަންތައްތައް ނޭނގޭނަމަ އެމީހަކީ މުޖުތަމަޢުގައި އެއްވެސް އުރައްޕެއް ހުރި މީހެއް ނޫނެވެ.

މައިންބަފައިން އެމީހުންގެ ދަރީންނަށް ވީ އެންމެ ޅައުމުރެއްގައި މި ކަންތައްތައް ދަސްކޮށްދޭން ވަރަށް މަސައްކަތް ކުރެއެވެ. ކިޔެވުމާދުރު ކުދިން ގާތު މައިންބަފައިން ބުނެއެވެ. "ކަލޭ ޤުރުއާން ނުކިޔަވާ، ޞަލަވާތް ފާތިޙާ ދަސްނުކޮށް ހުންނާށޭ، ގައިމު ތިގޮތަށް ހުރެގެން ކަލޭއާ އިންނާނެ މީހަކުވެސް ނުވާނެ އެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox