އަނިޔާވެ ހަށިގަނޑަށް އައީ ބަދަލު، ސުޒެއިނުގެ އަޒުމެއް ނުގުޑި!

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖެވްލިން އުކުމުން ރަން މެޑަލް ހޯދި ސުޒޭން: ހައި ޖަމްޕާއި ލޯންގް ޖަމްޕަށް ހާއްސަ ސުޒެއިން ކަރުގައި ރަން މެޑަލް އެޅީ ޖެވްލިން އިން ގައުމީ ޗެމްޕިއަން ޝައްމޫން ބަލިކޮށްފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖެވްލިން އުކުމުން ރަން މެޑަލް ހޯދި ސުޒޭން: ހައި ޖަމްޕާއި ލޯންގް ޖަމްޕަށް ހާއްސަ ސުޒެއިން ކަރުގައި ރަން މެޑަލް އެޅީ ޖެވްލިން އިން ގައުމީ ޗެމްޕިއަން ޝައްމޫން ބަލިކޮށްފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"އަނިޔާ އިން އެއްކޮށް ރަނގަޅުވިއިރު މީހާ ގައިގައި ހުރި 93 ކިލޯ، ލޯން ޖަމްޕު ޖެހުމުގެ ކުރީގެ ފޯމަށް ދާން ކުރަން ޖެހޭ މަސައްކަތް ވެސް ބުރަ. އެހެންވެ، ކޯޗު ދިން ޓާގެޓެއް މިއީ ޖެވްލިން އަށް ފޯކަސްކޮށްގެން ވަނަ ހޯދުން،"

އިއްޔެ މާލޭގައި ފެށި މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ޖެވްލިން އުކުމުން އެއް ވަނަ ހޯދި ސުޒެއިނު މުހައްމަދު، އޭނާ ހޯދި ކާމިޔާބީގެ ދަތުރު ފަށަން ޖެހުނު ގޮތް ކިޔައިދިނީ މިހެނެވެ.

މީގެ އެއް އަހަރު ކުރިން މި މުބާރާތުގެ މި އިވެންޓުން ވަނައެއް ހޯދުމުގެ އަމާޒެއް ސުޒެއިނުގެ ނެތެވެ. ޖެވެލިން އުކުމަކީ އޭނާގެ ތިން ވަނަ އިވެންޓެވެ. އެންމެ ފުރަތަމަ އިސްކަންދެނީ ހައި ޖަމްޕް އަށެވެ. އެ އަށް ފަހު ލޯން ޖަމްޕް އަށެވެ.

ގދ. ތިނަދޫގެ ކޯޗު ރައުހަތު ގުދުރަތުﷲއާ އެކު ތަމްރީން ހަދަމުން އަންނަ ސުޒެއިން އަށް އޭނާގެ ފީލްޑް އިވެންޓުތަކުގެ އޯޑަރު ބަދަލުކުރަން ޖެހުނު ހިސާބަކީ މިދިޔަ އަހަރުގެ މެދުތެރޭގައި ފަޔަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ފަޔަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަން އޭނާ އޮޕަރޭޝަން ވެސް ކުރަން ޖެހުނެވެ. ދެ މަސް ވަންދެން ހޮސްޕިޓަލްގައި އޮންނަން ޖެހުނެވެ. އެނބުރި ތަމްރީންތަކަށް ނުކުންނަން އިތުރު މަހެއް ވެސް ހޭދަވި އެވެ.

"އަނިޔާ ރަނގަޅުވިއިރު، މީހާ ހުރީ އެއްކޮށް ފަލަވެފައި. ލޯން ޖަމްޕާއި ހައި ޖަމްޕް ޖަހަން ފިޓުވާން ކުރަން ޖެހޭ މަސައްކަތް ދެ ގުނަ. އެކަމަކު ވެސް ބޭނުުންވި އަވަހަށް ފިޓުވާން. ހުރިހާ ޝުކުރެއް ހަމަ އޮތީ ކޯޗަށް. ކޯޗުގެ ދިން ޓާގެޓްތަކަށް މަސައްކަތްކޮށްގެން މިވަރު މިވީ" ގދ. އަތޮޅު މަދަރުސާގެ ގްރޭޑް 9 ގައި ކިޔެވި ދުވަސްވަރު ސްކޫލް އެތުލެޓިކްސް މުބާރާތުން ފުރަތަމަ ފާހަގަވި ސުޒެއިން ބުންޏެވެ.

ބޮޑު އަނިޔާއަކުން އެނބުރި އައިސް ފުރަތަމަ މުބާރާތުން ސުޒެއިން އަށް ލިބުނު ރަން މެޑަލްގެ ހުރިހާ ޝުކުރެއް ހައްގުވަނީ ކޯޗު ރައުހަތު އަށެވެ.

ސުޒެއިން އަނިޔާއިން ރަނގަޅުވެ، އޭނާ ތަމްރީންތަކަށް ނެރެން ކޯޗު ރައުހަތު ނިންމީ ވަރަށް ވެސް ފަރުވާތެރިކަމާ އެކުގަ އެވެ. ކޮންމެ އިވެންޓަކުން ވެސް ޓާގެޓްތަކެއް ދެމުން އައިސް ގާތްގަނޑަކަށް ހަ މަސް ތެރޭގައި ގައުމީ ލެވެލްގެ ރަން މެޑައްޔެއް ސުޒެއިން ހޯދީ އެވެ. މިއީ ވިސްނުންތެރިކަމާ އެކު ކޯޗަކު ކިޔައިދިން ކަންކަން، ހިކުމަތްތެރިކަމާ އެކު އަޑުއަހައިގެން މެނުވީ އެހާ ފަސޭހައިން ހާސިލްކުރެވޭނެ ކަމެއް ނޫނެވެ.

"ސުޒެއިން އަނިޔާއިން ރަނގަޅުވެ ފީލްޑަށް ނެރެފައި ދިނީ ހަމަ ޓޭގެޓްތަކެއް. ދެން މަޑު މަޑުން ރަނގަޅު ކުރަމުން އައިސް މި މުބާރާތަށް (އެސޯސިއޭޝަން ޗެމްޕިއަންޝިޕް) އަންނަވެސް ދިނިން ހަމަ ޓާގެޓްތަކެއް. އޭރު ބުނިން އެ ޓާގެޓްތައް އެޗީވް ނުވެއްޖެއްވާ މި މުބާރާތުގައި ވާދަނުކުރެވޭނެ ވާހަކަ. ސުޒެއިން ވަރަށް ބޭނުންވި ލޯންގް ޖަމްޕްގެ ކުރީގެ ފޯމަށް ދާން. އެކަމަކު އެކަމަށް ވަގުތު ނަގާނެކަން ކޯޗަށް އިނގޭ. ޖެވްލިން ޓާގެޓް އޭނާ ހާސިލްކުރި. އެހެންވެ މި މުބާރާތަށް އައި އިރުވެސް އިނގޭ ކާމިޔާބު ލިބޭނެކަން" ގދ. ތިނަދޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރުގެ އުއްމީދީ ކޯޗު ބުންޏެވެ.

ޖެވްލިންގެ އިވެންޓުގައި ސުޒެއިން ބަލިކުރި ގައުމީ ޗެމްޕިއަން ހަސަން ޝަމްއޫން އަކީ ފީލްޑް އިވެންޓުތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓެވެ. މި އިވެންޓުގެ ގައުމީ ޗެމްޕިއަނެވެ. ފީލްޑް އެތުލީޓަކަށް ހުރެ، އެންމެން ހައިރާންކޮށްލައި، 2016 ވަނަ އަހަރު ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑް ހޯދީ ވެސް ޝައްމޫން އެެވެ. އެކަމަކު، 20 އަހަރުގެ ސުޒެއިން ޖެވެލިން އަތަށް ހެޔޮވަރުކޮށް އެއްލާލިއިރު ފެނުނީ އިތުބާރާއި ޔަގީންކަމެވެ.

ޝައްމޫން ތިން ވަނަ އަށް ނިންމި އިވެންޓުން ފާހަގަވި ސުޒެއިންގެ މޫނު މަތިން ފެނުނީ ހަމަޖެހިލައިގެން ހުރެ ވާދަކޮށް ކާމިޔާބީ ލިބޭނެކަމުގެ އުއްމީދެވެ.

"އެއްވެސް އިރަކު އިވެންޓެއްގައި އުޅޭއިރު ޕްރެޝަރެއް ނީނދޭ. ވަރަށް ހަމަޖެހިލައިގެން ހުރެ ޖެވެލިން އެއްލީ ވެސް. އިތުބާރު އޮތް އެއްވަނަ ލިބޭނެކަން ވެސް" ގދ. ގައްދޫ އަށް އުފަން ސުޒެއިން ބުންޏެވެ.

ސުޒެއިނު ކަރުގައި މެޑަލް އަޅާލައިގެން: އޭނާ ހުރީ ކުރިން ވާދަކުރި އިވެންޓްތަކުގައި ވެސް ކުރިއަށް އޮތްތަނުގައި ތަފާތެއް ދެއްކުމުގެ އަމާޒުގައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޒުވާން ސުޒެއިން ފަހަތަށް ޖައްސާލި ޝަމްއޫން އަކީވެސް ގައްދޫގެ އެތުލީޓެކެވެ. ސުޒެއިން ބުނީ ކޮންމެ ފަހަރަކުވެސް ޖެވްލިން އެއްލަން ދިޔަ ވަގުތު ޝަމްއޫންގެ ފަރާތުން ވަރަށް ހިތްވަރު ލިބުނު ކަމަށާއި އެހެން ސީނިއާ އެތުލީޓުން ވެސް ވަރަށް ސަޕޯޓްކުރި ކަމަށެވެ.

ފީލްޑް އިވެންޓްތަކުގައި ކާމިޔާބީ ހޯދަން ބަލާއިރު، ސީނިއާ އެތުލީޓުންގެ ފަރާތުން ލިބޭ އެއްބާރުލުން ސުޒެއިން ފާހަގަކުރަނީ އުފަލާ އެކުގަ އެވެ.

ސުޒެއިންގެ މިހާރުގެ އަމާޒަކީ ގައުމީ މުބާރާތުގައި ޖެވްލިންގެ ގައުމީ ރެކޯޑު އާ ކުރުމެވެ. މި ފަހަރު އޭނާ ރަން މެޑަލް ހޯދީ 41.74 މީޓަރަށް ޖެވްލިން އެއްލައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު ހަދާފައިވަނީ 2010 ވަނަ އަހަރުގެ 13 ވަނަ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި އަބްދުﷲ މާހިރު އެވެ. މާހިރު ގައުމީ ރެކޯޑު ހެދީ 47.60 މީޓަރަށް ޖެވެލިން އުކައިގެންނެވެ.

މީގެ ކުރިން އެތުލެޓިކްސް އިވެންޓެއްގެ ތެރެއިން ސުޒެއިނަށް ޓްރޮފީއެއް ހަވާލުކުރަނީ.

ޖެވެލިން އިން ކާމިޔާބީ ހޯދަން ސުޒެއިން ވިސްނި ކަމުގައި ވިޔަސް އޭނާގެ ރަސްމީ ދެ އިވެންޓު ކަމަށްވާ ލޯންގް ޖަމްޕާއި ހައި ޖަމްޕުގައި ބޭނުންވާ ކާމިޔާބީ ހޯދަން ފިޓުވުމަކީ ވެސް އޭނާގެ އަމާޒެވެ.

ކޯޗު ރައުހަތު ގަބޫލުކުރާ ގޮތުގައި ސުޒެއިނަކީ އެންމެ ކުރީސުރެން ވެސް ލޯންގް ޖަމްޕާއި ހައި ޖަމްޕް ހުނަރު ހުރި އެތުލީޓެކެވެ. މި ދެ އިވެންޓަކީ ކުރިއަށް އޮތްތާނގައި ވެސް އޭނާގެ ރަސްމީ ދެ އިވެންޓަށް ވާނެ އެވެ.

ސުޒެއިންގެ ކާމިޔާބީގެ ސިއްރުގެ ގޮތުގައި އޭނާ ފާހަގަކުރަނީ ކޯޗު ރައުހަތުގެ އިތުބާރެވެ. ކޯޗު ދޭ ޓާގެޓްތަކަށް އެއްވެސް ޝަކުވާއެއް ނެތި، ކޯޗަށް އިތުބާރުކޮށް މަސައްކަތް ކުރުމަކީ ސުޒެއިނުގެ ކެރިއަރުގައި ކުރިއަށްދާން އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުގެ ގޮތުގައި ގަބޫލުކުރެ އެވެ.

"އަސްލު ކޯޗު ދިން ހިތްވަރު ފާހަގަކުރަން. ކޯޗު ކޮންމެ ޓާގެޓެއް ދިނަސް ގިވްއަޕް ނުކޮށް މަސައްކަތް ކުރަނީ. އިނގޭ ކޯޗު އުނދަގޫ ޓާގެޓެއް ދިނަސް އެ ދެނީ ކާމިޔާބު ވާނެތީކަން" ސުޒެއިން ބުންޏެވެ.

ސުޒެއިންގެ ކާމިޔާބީއާ މެދު ކޯޗު ރައުހަތުގެ ފަޚުރުވެރިވެ އެވެ. އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެހެން ކުދިންނަށް ވެސް ސުޒެއިންގެ މަސައްކަތުން ލިބޭ މެސެޖެވެ. ހިތްވަރާ އެކު ޝަކުވާއެއް ނެތި ކޯޗުގެ އިރުޝާދަށް މަސައްކަތް ކުރުން ކާމިޔާބު ލިބޭނެ ކަމެވެ. ކޯޗުންނަށް އިތުބާރު ކުރުމުގެ މުހިންމު ކަން ސުޒެއިނުގެ މި ކާމިޔާބީ އަކީ ހެއްކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox