ޖަލުގެ ވާހަކަ ދެއްކެވުމުގެ ހައްގު މައުމޫނަކަށް ނެތް

ޖަލުގެ ވާހަކަ ދެއްކެވުމުގެ ހައްގު މައުމޫނަކަށް ނެތް

ސެޕްޓެމްބަރު 20، 2003 ވަނަ ދުވަހުގެ ދަންވަރު ގަޑިން 2:00 ޖެހިއިރު މ. އޭޝިޔާގޭ ދޮރުގައި މީހަކު ޓަކިޖެހި އެވެ. ދޮރު ހުޅުވާލިތަނުން، އެއިރު އުމުރުން 41 އަހަރުގެ މަރިޔަމް މަނިކެއަށް ފެނުނީ އޭނާ ކުރިމަތީގައި ޖަލު ގާޑަކު ހުއްޓަ އެވެ.

މަރިޔަމް މަނިކެގެ ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ، އިވާން ނަސީމް، 19، ދިޔައީ އެއިރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެހެންކަމުން ޖަލު ގާޑު އޭނާ ގާތަށް އައީ އީވާންގެ ކަމަކާ ގުޅޭ ގޮތުން އެއްޗެއް ބުނަންކަން މަރިޔަމް މަނިކެއަށް އެނގުނެވެ. އަދި އެ މީހާ އައި ވަގުތުގެ ގޮތުން ސީރިއަސް ކަމެއް ދިމާވެއްޖެ ކަމުގެ އިހްސާސް މަރިޔަމް މަނިކެއަށް ކުރެވުނެވެ.

ޖަލު ގާޑު އެދުނީ މަރިޔަމް މަނިކެ، ހުރަގޭގެ ވެރިޔާއަށް ގުޅުމަށެވެ. އޭނާ ދިން ފޯނު ނަމްބަރަށް މަރިޔަމް މަނިކެ ގުޅާލުމުން އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުނީ "މަރިޔަމް މަނިކެގެ ދަރިފުޅު ރޭ މަރުވެއްޖެ" ކަމަށެވެ.

އެއަށްވުރެ އިތުރު މައުލޫމާތެއް މަރިޔަމް މަނިކެއަކަށް ސަރުކާރުން އެވަގުތު ނުދިނެވެ. މަރުވީ ކީއްވެ ކަމެއް ނުބުނެ އެވެ. އެހެންވެ، އޭނާ އަވަސްވެގަތީ ދަރިފުޅުމުގެ ހަށިގަނޑު ބާއްވާފައި އޮތް، މާފަންނު އާ ސަހަރާއަށް ދިޔުމަށެވެ. އެކަމަކު އެތަނުގައި ވެސް އޭނާއަށް މައުލޫމާތު ދޭނެ މީހަކު ނުވިއެ އެވެ. އީވާންގެ ހަށިގަނޑުގައި އޮތީ ހުދު ފޮތިގަނޑެއް އަޅައިފަ އެވެ.

"އަޅުގަނޑު ދިޔައިރު އެތާނުގައި ތިބީ ސިފައިން. އެމީހުން ބުނީ ހަމަ އެއްގޮތަކަށް ވެސް ވީ ގޮތެއް ނޭނގެޔޭ. ދެން ފޮތިގަނޑު ދަމައިގަތީ. ފޮތިގަނޑު ނެގީމަ އެނގުނު މިއޮތީ ސިފައިން ތަޅައި އަނިޔާކޮށްފަ މަރާލާފަކަން،" ފައިނޭންޝަލް ޓައިމްސްއަށް 2008 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި މަރިޔަމް މަނިކު ބުނެފައިވެ އެވެ.

އީވާންގެ މަރަށްފަހު ގައިދީން ހަޅުތާލު ކުރުމުން ސިފައިން ބަޑިޖަހައި ވެސް ތިން ޒުވާނަކު މަރައިލި އެވެ. އެއީ ޅ. ނައިފަރު، ސިނަމާގޭ، އަލީ އަސްލަމް، 18، އާއި ގއ. ވިލިނގިލީ، ޖަނަވަރީމާގޭ، އަހުމަދު ޝިޔާޒް، 18، އާއި މ. ބިންއުނިމާގޭ، އަބްދުﷲ "ކްލިންޓަން" އަމީން، 23، އެވެ.

މައުމޫން އީވާން ނަސީމްގެ މޫނު ބެއްލެވުމަށް ޒިޔާރަތް ކުރެއްވި ވަގުތު: މައުމޫން ވިދާޅުވީ ޖަލުގައި އަނިޔާ ކުރައްވާކަން އެނގިވަޑައިނުގަންނަވާ ކަމަށް -- ފޮޓޯ: ސްކްރީން ކެޕްޗާ

އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިފައިންތަކެއް އަނިޔާކޮށް މަރާލި އެކެއްގެ ވާހަކަ އެވެ. އަދި ޖަލުގައި ހިނގައިދިޔަ އަނިޔާތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ވާހަކަ އެވެ. މައުމޫން މި ރާއްޖޭގައި ވެރިކަން ކުރެއްވިއިރު ޖަލުގެ އަނިޔާވެރިކަމުގެ ވާހަކައަކީ އެންމެނަށް އެނގޭ ހަގީގަތެކެވެ. އަދި ޖަލަށްލެވޭ މީހާ ޖަލަށްލެވޭ ސަބަބަކީ ކޮންމެފަދަ ސަބަބަކަށް ވެދާނެކަން ވެސް އަހަރުމެން އެންމެނަށް ރަނގަޅަށް އެނގެ އެވެ.

އެކަމަކު ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓްއިން އިއްޔެ ބުނީ އެމަނިކުފާނު 2008 ގައި ވެރިކަމުން ދުރުވެވަޑައިގެންނެވި ފަހުން "ޖަލުތަކުގެ ހާލަތަށް" ކުރިއެރުން އައިސްފައިނުވާ ކަމަށެވެ.

"ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންސާނީ ހައްގުތަކުގެ ހާލަތާއި ވާނުވައި ޖަހައި ޖަލަށްލުމާއި އިޖްތިމާއީ ރައްކާތެރިކަމާއި ކޮރަޕްޝަނާއި ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުން ފަދަ އެތައް ކަމަކަށް އެކަށޭނެ އިސްލާހާއި ކުރިއެރުން އައިސްފައިނުވާކަން ރައްޔިތުން ފާގަހަ ކުރޭ،" މައުމޫންގެ ސިޔާސީ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެކަމަކު އެއީ ދޮގު ވާހަކަތަކެކެވެ. ގައިދީންގެ އެތައް ހައްގެއް މިއަދުވެސް ނުލިބޭ ކަމީ ހަގީގަތެވެ. މީހުން ބަންދުކޮށްފައި ތިބޭ ތަންތަން ބެލުމަށް ސަރުކާރުން ދައުވަތު ދީގެން މިއަހަރު ގެނައި އދ. ގެ ޓީމުން ވެސް ބުނީ ގައިދީންގެ އިންސާނީ ހައްގުތައް ކުރިއަރުވަންޖެހޭ ވާހަކަ އެވެ. އެކަމަކު އެމީހުން ފާހަގަ ކުރީ ޖަލުގައި އޮތް ޖާގައިގެ ދަތިކަމާއި އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ވެންޓިލޭޝަން ފަދަ ކަންކަމުގެ މައްސަލަ އެވެ.

ނަމަވެސް، ފުރިހަމަ ބާރާއާއެކު މައުމޫން ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި 10،958 ދުވަހު ޖަލާމެދު ދައްކަން އޮތީ އެތަނުގެ ތިބޭ ގައިދީންނަށް ސިފައިންނާއި ގާޑުން އަނިޔާ ކުރި ވާހަކަ އެވެ. މައުމޫންގެ ވެރިކަމުގައި ޖަލުގައި ކުރި އަނިޔާއާ ގުޅޭ ގޮތުން އިލްމީ ދިރާސާތައް ހަދާފައި އެބަހުއްޓެވެ. މައުމޫނުގެ ވެރިކަމުގައި ވަކި ތަރުތީބަކުން އިންތިޒާމްވެގެން ޖަލުގައި އަނިޔާކުރި ކަމަށް 100 އަށް ވުރެ ގިނަ ގައިދީން ބަޔާން ދީފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ ވާދަވެރިން، ނޫސްވެރިން، ދީނީ އިލްމުވެރިން، ވިޔަފާރިވެރިން، ލަވަކިޔުންތެރިން، ކުރެހުންތެރިން، ދަރިވަރުން، ފިލްމީ ތަރިން، ވާހަކަ ލިޔުންތެރިން ހިމެނެ އެވެ.

މައުމޫން
މައުމޫން

މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާ ކުރަން ގެންގުޅުނު ބައެއް އުކުޅުތަކުގެ ކުރެހުމެއް: މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބުނު 100 އަށް ވުރެ ގިނަ މީހުން އެމީހުންގެ ވާހަކަތައް ވަނީ ހިއްސާކޮށްފައި -- ކުރެހުން: ނައުޝާދް ވަހީދު (ނައުބެ)

ރުކާއެކު ބިޑި އެޅުވުމާއި އަނދަގޮނޑި ޖެހުމާއި އޭންގަލަށް ނެގުމާއި މޫދަށް ފެއްތުމާއި ކެއުމަށް ވެއްޔާއި އެހެނިހެން ކުނި އެއްކޮށްފައި ދިނުމާއި ނިދި ނުލިބޭ ގޮތް ހެދުމާއެކު 24 ގަޑިއިރު ބާރުގަދަ އަޑު އިއްވުމާއި ރޭޕާއި ޖިންސީ ހާނިއްކައަކީ މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ޖަލުތަކުގައި އިންތިޒާމްވެގެން ގައިދީންނަށް ކުރި ބައެއް އަނިޔާ އެވެ. މިއީ ހިޔާލީ ވާހަކައެއް ނޫނެވެ. މިއީ އަނިޔާ ލިބުނު އެތައް ބައެއް އަސަރާއެކު ދައްކާފައިވާ ވާހަކަތަކެވެ. ހަގީގަތެވެ.

މައުމޫންގެ ވެރިކަމުގައި ޖަލުގައި ބަޔަކަށް އަނިޔާ ލިބުނު ވާހަކައާ މައުމޫން ވެސް ދެކޮޅެއް ނުހައްދަވަ އެވެ. އީވާން ނަސީމްގެ މަރުގެ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ރައްޔިތުންގެ މަޖިލީހަށް ޖެނުއަރީ 27، 2004 ވަނަ ދުވަހު ވަޑައިގެން މައުމޫން ވިދާޅުވީ ޖަލުގައި އެއްވެސް އަނިޔާއެއް ކުރާ ނަމަ އެއީ އެމަނިކުފާނު ހުއްދަ ދެއްވައިގެން އަދި އެމަނިކުފާނަށް އެނގިވަޑައިގެން ކުރަމުންދާ އަނިޔާއެއް ނޫން ކަމަށެވެ.

"ތަހުގީގުގެ މަރްހަލާގައި ވެސް އަދި ހުކުމް ތަންފީޒު ކުރުމުގެ މަރްޙަލާގައި ވެސް، އެއްވެސް މީހަކަށް، އެއްވެސް ކަހަލަ އަނިޔާއެއް ކުރުމަކީ، މީހެއްގެ ގަޔަށް އަތްލައި، ޖިސްމާނީ ގޮތުން ދަތިވާފަދަ ނުވަތަ ގެއްލުންވާފަދަ އެއްވެސް ކަމެއް ކުރުމަކީ، ސަރުކާރުން އެއްވެސް އިރެއްގައި ހުއްދަކޮށްފައި އޮތް ކަމެއް ނޫން. އެކަން ހިނގަމުންދާ ކަމުގައިވަނީ ނަމަ، އެއީ ސަރުކާރަށް އެނގިގެން ހިނގާ ކަމެއް ނޫން،" ޖަލުގައި ކުރާ އަނިޔާ އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް އިޝާރާތް ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

ނަމަވެސް 2003 ވަނަ އަހަރު އީވާން ނަސީމް މަރާލުމުގެ ކުރިން ވެސް މިފަދަ އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ. މިސާލަކަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށްލާފައި ހުއްޓާ އޯގަސްޓް 26، 1994 ގައި އުމުރުން އެންމެ 17 އަހަރުގެ އައިޝަތު ސުދާ މަރުވި ހާދިސާއަކީ މިހާރު ނުދެކެވޭ ނަމަވެސް އެއިރު ގާމާދޫ ޖަލުގައި އުޅުނު ގައިދީން ދުވަހަކު ވެސް ހަނދާނުން ނެތޭނެ ހާދިސާއެއް ނޫނެވެ. ސުދާއާ ގުޅޭ އެތައް ވާހަކައެއް ގައިދީން އަސަރާއެކު ކިޔައިދެ އެވެ. އޭނާ ރޭޕްކޮށް، ހަށިގަނޑުގައި ފަތް ބަނދެ ބަކަރި ކޮއްޓަށް ލީ ވާހަކައެއް ކިޔައިދެ އެވެ. ސުދާ މަރުވީ އޭނާއަށް ކުރި އަނިޔާގެ ސަބަބުން ކަމަށް އެތައް ބަޔަކު ބުނެ އެވެ.

ޖަލުގައި އަނިޔާކޮށް މަރާލި ކަމަށް ބުނާ ސުދާ: އޭނާ މަރުވީ އުމުރުން އެންމެ 17 އަހަރުގައި 1994 ވަނަ އަހަރު -- ފޮޓޯ: ފައިލް
ޖަލުގައި އަނިޔާކޮށް މަރާލި ކަމަށް ބުނާ ސުދާ: އޭނާ މަރުވީ އުމުރުން އެންމެ 17 އަހަރުގައި 1994 ވަނަ އަހަރު -- ފޮޓޯ: ފައިލް

ޖަލުގައި އަނިޔާކޮށް މަރާލި ކަމަށް ބުނާ ސުދާ: އޭނާ މަރުވީ އުމުރުން އެންމެ 17 އަހަރުގައި 1994 ވަނަ އަހަރު -- ފޮޓޯ: ފައިލް

ސުދާ މަރުވި ގޮތް ބެލުމަށް މައުމޫން ކޮމެޓީއެއް އުފެއްދެވި އެވެ. އެހެންކަމުން އެއިރު ވެސް ޖަލުގައި ކުރަމުންދިޔަ އަނިޔާ މައުމޫނަށް ފާހަގަ ކުރެއްވިފައި ހުންނަވާނެ އެވެ. ޖަލު ރިޕޯމް ކުރުމުގެ ބައެއް ކަންކަން އީވާން ނަސީމްގެ މަރަށްފަހު 2004 ގައި މައުމޫން ކުރެއްވި ނަމަވެސް ގައިދީންނަށް ކުރަމުންދިޔަ އަނިޔާ މައުމޫނަށް ސިއްރުވެފައި އޮންނާނެ ކަމަށް ބުއްދިއަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ހަމަޖެހޭ ވާހަކައެއް ނޫނެވެ. އަދި އެމަނިކުފާނަށް ޖަލުގައި ހިނގި އެއްވެސް އަނިޔާއެއްގެ ވާހަކަ ނޭނގޭ ކަމަށް ވިދާޅުވުމަކީ ޒިންމާއިން ރެކެވަޑައިގެންނެވިދާނެ ގޮތެއް ވެސް ނޫނެވެ.

އަހަންނަށް ބެލެވޭ ގޮތުގައި މައުމޫންގެ ސިޔާސީ ޕާޓީގެ ފަރާތުން އިއްޔެ ކުއްލި ގޮތަށް ސަރުކާރަށް ފާޑުކިޔައި ބަޔާނެއް ނެރުނީ "ޖަލުތަކުގެ ހާލަތު" ރަނގަޅުނުވެގެނެއް ނޫނެވެ. އެއީ މައުމޫން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވި ރައްދު ހަމަލާއެކެވެ. ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް ފެށި ދުވަހުގެ ރޭ ދެ ޖުމްލަ ދޭތެރެއިން އެހެންނަމަވެސް ސާފުކޮށް ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އުފެދުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި ކުރަމުންދިޔަ އަނިޔާ ކަމަށެވެ.

"އެމްޑީޕީ އުފެދިގެން އައީ ޤަބޫލުކުރާ ހަމަތަކަކާ، އުސޫލުތަކަކާ، ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށް. އެއްކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުން އޭރު އިވެމުންދިޔަ ރުއިމުގެ އަޑު. އާދެ، އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުން. ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން ނުވަތަ ހީވާހީވުމަކުން ވެސް މީހާގެ އަޖަލު އޭނާގެ ދޮރުގާ ޓަކި ޖަހައިފާނެ. އެކަމަށް ވަކި އިރެއް ހިނދެއް، މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް. ވަންނާކަށް ވަކިގެއެއް، ދައްކާކަށް ކޯޓުއަމުރެއް، ފުރިހަމަ ކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯވޭ،" މައުމޫނުގެ ވެރިކަމުގައި އޮތް އަނިޔާވެރިކަން ވަރަށް ފުރިހަމައަށް ސިފަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސްޕީޗުގައި އެވާހަކަ ވިދާޅުވިތާ ހަތަރު ދުވަސްފަހުން "ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވަމުންދާ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުން ބައެއް ކަންކަން ރައްޔިތުންނަށް އޮޅުން އެރުން އެކަށީގެންވާތީ، އެމްއާރްއެމްއަށް ފެންނަ ގޮތް ދަންނަވާލުމަށް މިފުރުސަތުގައި ބޭނުން ކުރަން" ކަމަށް ވިދާޅުވެ މައުމޫން ނެރުއްވި ފަސް ޕެރެގުރާފުގެ ބަޔާނުގެ ހަގީގީ ބޭނުމަކީ ސިޔާސީ މައިދާނުގައި އެމަނިކުފާނަކީ އަދިވެސް މުހިންމު ބޭފުޅެއްކަން ދެއްކެވުމެވެ. އަދި އެމަނިކުފާނަށް އިހްތިރާމް ކުރައްވަންޖެހޭނެ ކަމަށް ރައީސް ސޯލިހަށް ދެންނެވުމެވެ. އެހެންނޫން ނަމަ އެމްއާރްއެމް ވެސް ހިމެނޭ ގޮތަށް އޮތް ސަރުކާރު ކޯލިޝަނުގެ މަސްލަހަތު ނޯންނާނެ ވާހަކަ ދެންނެވުމެވެ.

"އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ [ކޯލިޝަން] ތެރޭގައި މަސްލަހަތު ގެއްލޭ ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުން. ހަމަ ގައިމުގެ މިހާތަނަށް އަޅުގަނޑުމެން އެފަދަ ކަމެއް ނުކުރަން. އިރާދަ ކުރެއްވިއްޔާ ނުވެސް ކުރާނަން. ނަމަވެސް ބައެއް އެހެން ފަރާތްތަކުން އެއް ފަހަރު ދައްކަވާ ވާހަކަތަކުން ނުވަތަ ކަންތައްތައް ކުރައްވާ ގޮތުން މަސްލަހަތު ގެއްލޭ ގޮތް ވޭ،" ނޮވެމްބަރު 30، 2020 ގައި މައުމޫން ވިދާޅުވެފައިވެ އެވެ.

ސިޔާސީ ގޮތުން މައުމޫނަކީ އަދިވެސް ލީޑަރެއް ކަމާމެދު ޝައްކެއް ނެތެވެ. އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް ރިލަވެންޓް ބޭފުޅެކެވެ. އެކަމަކު ރާއްޖޭގެ ޖަލުތަކުގެ ހާލަތުގެ ވާހަކަ ދެއްކެވުމުގެ ހައްގެއް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވަ އެވެ. އަބަދު އެ ވާހަކަ ނުދެއްކިކަމުގައިވި ނަމަވެސް މައުމޫން ވެރިކަން ކުރި 30 އަހަރު ރާއްޖޭގެ ޖަލުތަކުގައި ކުރި އަނިޔާއަކީ ދިވެހިންގެ ހިތުން ފިލާނެ މާޒީއެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox