ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި (ޑިއަގޯ ގާސިއާ) ހިމެނޭ ގޮތުން ޗާގޯސް އައިލެންޑްސްގެ މިލްކުވެރިކަމާ ބެގޭ ގޮތުން މޮރިޝަސް އިން އެފަދަ ކަންތައްތަކާ ބެހޭ ބައިނަލްއަގުވާމީ ކޯޓުގައި ކޮށްގެން އުޅޭ ދައުވާގެ މައްސަލަ ރާއްޖޭން ފުންކޮށް ބަަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދަޅާޅުވެއްޖެ އެވެ.
ފޯޅަވަހީގެ ވާހަކަ ރައްްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެށުނީ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
ޖާބިރު އަސްލަމާ ކުރެއްވި ސުވާލުގައި އެއްސެވީ ޑިއަގޯ ގާސިއާގެ މައްސަލައިގައި ހައްގު ހޯދަން މޮރިޝަސް އިން މަސައްކަތްކުރަމުން އަންނަ އިރު ރާއްޖޭން އެ މަސައްކަތް ނުކުރަނީ ކީއްވެތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް އެއީ ރާއްޖޭގެ މަސްލަހަތު އޮތް ކަމަކަށް ވާތީ ރާއްޖޭން ވެސް އެ މައްސަލައިގައި ބައިވެރި ވާކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމްގެ ޖަވާބަށް ފަހު ރިޔާސަތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ފޯޅަވަހި މައްސަލައިގައި މޮރިޝަސް އާއި ރާއްޖޭން ގުޅިގެން މަސައްކަތްކުރަން އެމަނިކުފާނުގެ ވެރިކަމުގައި 2011 ވަަނަ އަހަރު ނިންމެވި ކަމަށެވެ. މޮރިޝަސް ސަރުކާރުން އެ މައްސަލައިގައި ކޯޓަށް ދިޔައީ އޭގެ ފަހުން ރާއްޖެއާ އެކަމުގައި މުއާމަލާތްކުރެވޭތޯ މަސައްކަތްތަކެއް ކުރުމަށް ފަހުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު މިއަދު ވިދާޅުވީ ރާއްޖޭން ފޯޅަވަހި މައްސަލަ ފުންކޮށް ބަލަން ޖެހޭ ކަމަށް

"މޮރިޝަސް އިން ދެކޭ ގޮތުގައި ފޯޅަވަހީގެ އެންމެ އުުތުރު އަތޮޅު، އެއަތޮޅުގެ އެންމެ ތިލަ ތަނާއި އެތަނުން ފެށިގެން 200 މޭލު މިން އެޅީމާ ދިވެހިރާއްޖޭގެ މަސްކަނޑުގެ ތެރެއަށް އެތަން ވަދޭ. ދިވެހިރާއްޖޭން މި މައްސަލަ ފުންކޮށް ބަލަމުން ގެންދާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ގެންދަނީ ދިރާސާކޮށް، ރާއްޖޭން އެކަމުގައި ދައްކަން ޖެހޭ ވާހަކަތައް ދައްކަމުންނެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވެސް އެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް, އެއީ ހައްސާސް މައްސަލައެއް ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޖާބިރުގެ ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭން ބައިވެރިވަނީ ވަކިކޮޅެއް ނަގައިގެން ނޫން ކަމަށެވެ. އެހެން ނަމަވެސް ފޯޅަވައްސަކީ ރާއްޖެއާ ސަރަހައްދީ ރޮނގު ހިއްސާކުރާ ތަނަކަށް ވާތީ އެ މައްސަލަ ކުރިއަށްދާ ގޮތް ރާއްޖޭން ބަލަމުން އަންނަނީ ކަމަށް އޭނާ ވިދާޅުވި އެވެ.












