ރާއްޖޭގައި ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް މިއަދު މީހަކު ވަޅިން ދިން ހަމަލާ ކުށްވެރިކުރައްވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ސިފަކުރެއްވި ގޮތުގައި ރާއްޖޭގައި ހިންގަނީ އިންތިޒާމްވެގެން ހިންގާ ހަރުކަށި ފިކުރުމުގެ އަމަލުތަކެވެ.
އަލީ ސޯލިހަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު ހައްޔަރުކޮށްފައި ވާއިރު، އެމީހާ އަކީ މީގެ ކުރިން ސަލްމާން މިސްކިތުގެެ މިންބަރަށް އަރައި، މަސްލަހަތު ނަގައިލަން މަސައްކަތްކުރުމުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވާ މީހެކެވެ. އޭރު އޭނާ ދޫކޮށްލީ، އެނގިފައިވާ ގޮތުގައި އެއީ ނަފުސާނީ މައްސަލަތަކެއް ހުރި މީހަކަށް ވާތީ އެވެ.
"ޖުމްހޫރީ ޕާޓީގެ ތަރުމާނު އަލީ ސޯލިހަށް ދިން ހަމަލާ އިންތިހާއަށް ކުށްވެރިކުރަން. ރާއްޖޭގައި އިންތިޒާމްވެގެން ހިންގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މާބޮޑަށް ހަރުދަނާވެ، އިތުބާރު ހިފެން ޖެހޭ،" ޓުވީޓްގައި ނަޝީދު ވިދާޅުވި އެވެ.
ހުޅުމާލޭގެ މަގެއްގެ މަތީގައި އަލީ ސޯލިހަށް މިއަދު ވަޅިއަކުން ހަމަލާދިން މީހާ މަސައްކަތްކުރީ އަލީގެ ކަރަށް ވަޅި ހަރައި މަރައިލަން ކަމަށް އަލީ މިއަދު " އަދަދު" އަށް ވިދާޅުވި އެވެ.

މިހާރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލެއްގެ މަތީގައި އިން އަލީއަށް ހަމަލާދިން މީހާ ގައިގާ ހުރިހާ ބާރެއް ލާފައި ވަޅިއަޅަން މަސައްކަތްކުރީ އަލީގެ ކަރުގަ އެވެ. ފުރަތަމަ ފަހަރު އޭނާ ވަޅި މަޅައިލުމުން އަލީ ދިފާއުވީ ހަމަލާދިން މީހާއާ ދުރަށް އަރިވެގެންނެވެ. ދެވަނަ ފަހަރަށް އޭނާ ހަމަލާ ދިނީ ވީޑިއޯއިން ފެންނަ ގޮތުގައި އަލީގެ ކުރިމަތިން ވަރަށް ކައިރިއަށް ޖެހި ހުރެ އެވެ.
ކަރުގައި ވަޅި އަޅަން އުޅުމުން އަލީ އޭނާގެ ވައަތް ހުރަސްކޮށް އެ ހަމަލާއިން ސަލާމަތްވެ، ސައިކަލް ދޫކޮށްލާފައި ދުވެފައި ދާތަން ވީޑިއޯއިން ފެނެ އެވެ.
އެވަގުތު މަގުމަތީގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން، ހަމަލާދިން މީހާއާ ދިމާލަށް ދިޔަކަން ވީޑިއޯއިން އެނގެ އެވެ.
"ނާންނާތި އެއް ... ވެސް، އަތް ލައިފިއްޔާ ކަތިލާނަން،" ހަމަލާދިން މީހާ އެވަގުތު ބުނާ އަޑު އިވެ އެވެ.












