ބޮޑު ޗުއްޓީއޭ ބުނުމުން ހިތަށް ފެންނަނީ އިރުވައިގެ ދަހަނގު ދުވަސްތަކެވެ. ވައި މަޑު ހޫނުގަދަ މޫދުގެ ރާޅުތައް ހަމަހިމޭންވެ އުޑުމަތީގައި ތިބޭ އެކި ބައްޓަމުގެ އެކި ކުލަތަކުގެ ވިލާތައް އޭގެ ދަޅަތައް ކަނޑަށް އެޅި އުޑެއް ބުޑެއް ވަކިނުވާހާ ހިތްގައިމު ތަސްވީރެއް ފަދަ ދުވަސްތަކެއްގެ މަތިންނެވެ. ކަނޑުފަޅުގެ ނޫކަމާއި އަލިމަހެއް ފަދަ މޫދުގައި އުފެދޭ ކުދި ބާނީގެ ދަޅަތަކުން ދުރަށް ފޮނުވާ ދަޅަތަކުން މޫދަށް އެރި ނުލައި ނުތިބޭށޭ ބުނެލާހެންނެވެ. ހަވީރު ވެގެން އަންނައިރު އުދަރެސްމަތީގައި އުފެދޭ ކޮންމެ ވިލާ ރޮށްޖަކީ އުފާވެރި އާ ދުވަހެއް ނިމިއްޖެކަން އަންގާލަ ދޭ ވިލާ ރޮށްޖަކަށް ނުވެނުދެ އެވެ. ރޭގަނޑު ތަރިތަކާއި ހަނދުގެ ދޯދިތަކާއި ކަނޑާއި ގޮނޑުދޮށުގެ ރެދަންފަށްތަކަކީ ހަނދާންނުން ފޮހެވިގެން ނުދާނެ ހަނދާންތަކެވެ.
ޒަމާން ބަދަލުވެ އިރުވައި މޫސުމުގެ ހިތްގައިމު ބޮޑު ޗުއްޓީތެރެއަށް ޖޫން ޖުލައި ގަދަކުރިމަތިވެ، ކުއްޖަކަށް މީހަކަށް ކަނޑު މައްޗަށް މަގުމައްޗަށް ނުނިކުމެވި، ނާންނަ ހުމަކަށް ބޯ ރަޖައެއް ލައިގެން ގޭގައި އޮންނަން ޖެހުމަކީ ބަލައި ގަނެވޭ ކަމަކަށް ނުވިއެވެ.
އަހަރެން ހަނދާން ވަނީ އަހަރުމެން ކުޑައިރު ބޮޑު ޗުއްޓީގައި މަސްވެރިކަމަށް އެކުވެރި ކުދިންނާއިއެކު އުޅުނު އުފާވެރި ދުވަސްވަރެވެ. ޗުއްޓީވުމުން ގޮނޑުދޮށުން ބާނާ ކޮރަކައްޔާއި އޮރީގެ ބަދަލުގައި ތޮށިމައްޗަށް ގޮސްލަން ލިބޭ ފުރުސަތެއްގެ ގޮތުގަ އެވެ. ބޭނުންވާ ސާމާނު ހިފައިގެން ހިނގައިފައި ތޮށި މައްޗަށް ގޮސް ގަލަކަށް އަރައިގެން މަސްވެރިކަން ކުރާ ހަނދާނެވެ.
ކަނދުފައްޗާއި ފައްތިޔަލާއި ބޮއްކުރާ ފަހަރުގައި ދާދުވަސްތަކުގެ މަތީންނެވެ. ހޭޅިމަތިން ބަރަވެއްޔާއި ރާޅުފަށުމުން ރިނދައްޔާއި ގޮނބޯ ނަގައިގެން ރިތުން ކަނބާފައި ނުކުންނަ ދުވަސްތަކެވެ. ބޭރުމަތީގެ ކުލަކުލައިގެ ގާތަކާއި މުރަތަކާއި މާދުރަށް ފެތުރިފައި އޮންނަ ހަތާތަކުގެ ތެރެއިން ކުލަކުލައިގެ ހިކާތަކާއި ރޮނޑުތަކާއި ލަނޑާތަކާއި ތަށިމުށިކަޅަ މަސްތައް އެ ގޮތް މިގޮތަށް ފީކޯތްކުޅޭ މަންޒަރުތަކެވެ. އަހަރުމެން ބާނަން ބޭނުންވާ ދެބުރިދެކުލަ މުންޑުހިކަޔާއި ކާށިދޫ ހިކަޔާއި ތެޔޮފުޅި ހިކަޔާއި ނަންބަރު ހިކަޔާއި މަރިޔަނބު ހިކަޔާ ގަޅިކެނޑި ހިކަޔާ ފަތްމިނި ހިކައިގެ އިތުރުން ހުސޭނުބޭ ފިޔޮއްސާއި އެތައް ހިކައެއް ކައިރީގައި އެނބުރިސެނބުރި އުޅޭތަނެވެ. ބޭރަށް އޮޑި ޖެހިލާއިރު ފުއްބޫރާއި ފާނައިގެ ވައްތަރުތައް ގަތުމަކީ އަދި މާ ވަރުގަދަ މަސްވެރިކަމެކެވެ.
ބޮޑު ޗުއްޓީގެ މަސްވެރިކަމުގެ ތެރެއިން ދަސްވާ ކަންވާރުގައި އަސްކޮޅު ލުމާއި އެކި ހިކަޔަށް ބޭނުންވާ އެކިވަރު ބުޅިޔާއި އެންކޮޅު އަޅަންޖެހޭ ގޮތާއި، މަސް ގަތުމުން ގަލަށް ނުވަންނަނީސް ގެނައުމާއި ގަލަށް ވަދެއްޖެނަމަ ކަނޑާނުލާ ބުޅި ނައްޓަން އަޑިޔަށް ގޮސް ފީނުމަކީ އޭރުގައި ދަސްވެގެންދާ އަގުހުރި ފިލާވަޅުތަކެވެ. މީގެ އިތުރުން ބާނާ ހިކާކޮޅު ގެނެސް ގޭދޮށުގައި ކައްކާ ލައިގެން ބަނބުކެޔޮ ފަތްމަތީގައި އަތުރާލައިގެން ލުނބޮޔާއި މިރުސް ޖަހައިގެން، ފައި ވަށްކޮށް ތިބެ ކާކެއުމާއި، ހަރަ ބަލައިން ބޯލާ ގަރުދިޔަ ކޮޅަކީ ދެބައި އުމަރަށް ދިޔަޔަސް ހަނދާން ނުނެތޭނޭ ލޮނު ހެޔޮވަރު ހަނދާންތަކެވެ.
ފައްތިޔަލެއް ކަނދުފައްޗެއް ބޭރު މައްޗަށް ނުވަތަ އުރަފަށަށް ދާން ލިބުނަސް، މި ގޮތަށް މަސްވެރިކަމުދާން އޮޑިއެއް ބޮއްކުރައެއް ލިބޭނީ މަދު ފަހަރަކު އެވެ. ލިބޭނީ އެތައް ސަރުތުތަކަކާ އެކުގަ އެވެ. ނަމަވެސް ފަލި ޖަހަމުން ކަނބާފައި ނެރުން ނުކުންނައިރު ދުނިޔެމަތީގެ އެހެން ކަމެއް ހަނދާނެއް ނުހުންނާނެ އެވެ. ފަޅަށް ވަންނަން ހަނދާން ވާނީ އިރުއޮއްސޭން ފެށީމަ އެވެ. އޭރު ފަލިޖަހާނެ ވަރެއް ކަނބާނެ ވަރެއް ގަޔަކު ނުހުންނާނެ އެވެ. އޮޑިގަނޑު ފަޅަށް ވަށްދާކަށް ނެރެއް ބެރެއް ނުބަލާނެ އެވެ. ވައްދާނީ ހުރި ދިމާލުން ތޮށި މަތީން، އެންމެން ފައިބައިގެން ގާތަކު ތެރެއިން ކޮށްޕާފަ އެވެ. ފަށަނަކަށް ބަނޑުފިލައަކަށް މަޑުލަކަށް ބަލައިގެންނެއް ނޫނެވެ. އޮޑިވަޅަށް އާދެވޭއިރު ފައްޔެއް ރިތެއް ޅާނބެއް މެއްކެއް ހަޅިބައިނެއް ދާވަންޏެއް ދިޔަހިއްކާފަޔާ މަޅުތައް ވެސް ހަމައަކަށް ނުހުންނާނެ އެވެ. ކޮންމެވެސް ކުއްޖަކު އޮޑިގަނޑު އައްސާލަން ވާއިރަށް، އެ ކުއްޖަކު ޖެހުނު ދިމާލަކުން އެއްގަމަށް އަރައިގެން ފިލައިގެން ބަޗާނޭ އެވެ.
މިއީ އަހަރުމެންގެ އަހަރީ ބޮޑު ޗުއްޓީއާ ގުޅިފައި ހުރި އެތައް ކަމެއްގެ ތެރެއިން ބޭރު މައްޗަށް މަސްބާނަން ދާދިޔުމުގެ އުފާވެރި ހަނދާންތަކުގެ ތެރެއިން ދެ ދުވަހެއްގެ ހަނދާންތަކެވެ. މިހާރުގެ ބޮޑު ޗުއްޓީގައި ދާ ދަތުރުތަކާއި އާއިލީ މަސް ދަތުރުތަކާއި ރޭގަނޑުގެ ބާބެކިއުތަކާއި ތަފާތު އެކި ރަށްރަށުގައި ހަދާފައިވާ ތަފާތު ޕާކުތަކާއި ރައްޓެހި ރަހުމަތްތެރިންގެ ގާތަށް ޒިޔާރަތްކުރުމުގެ ވާހަކަތައް އަދި ނުދައްކަމެވެ.
ޒަމާނުން ފެށިގެން ބޮޑު ޗުއްޓީ އަންނަ ދުވަސް މިއަދު މިވަނީ ބަދަލުވެފަ އެވެ. ކޮންމެ ދިމާއަކުން ހަބަރު ބަލައިލިޔަސް ފެންނަނީ ބޮޑު ޗުއްޓީގެ ހިތްދަތި ރަށުބަންދުގެ ވާހަކަ އެވެ. ތަންތަނަށް ދެވުނު މީހުންނަށް ސްކޫލު މަދަރުސާތައް ކިޔެވެން ފަށަންވާއިރަށް ރަށު ބަންދުން ވީއްލި ހުޅަނގުގެ ގަދަވަޔާއި ވާރޭން ސަލާމަތްވެގެން އުޅަނދު ފަހަރަށް ދަތުރު ނުކުރެވޭ ވާހަކަ އެވެ.
އިރުވައި މޫސުމުގައި ވެސް ވައިގަދަ ކަނޑުގަދަ ހަޅަޖަަހާ ދުވަސްތައް އާދެ އެވެ. ދަތުރުނުކުރެވިފައި ތިބެން ޖެހޭ ދުވަސްތައް ވެސް އާދެ އެވެ. އެކަމަކު ހުޅަނގު މޫސުމާއި އިރުވައި މޫސުމާ އެއްގޮތެއް ނުވާނެ އެވެ. މުސްކުޅިން ބުނާ ގޮތުން އިރުވައި މޫސުމުގައި ވެސް "ކޮންމެ ދެމަފިރިއަކަށް ހަޅައެއް" ނުޖަަހައި ނުދަނީ ތިންހަޅަ ނުޖަހާ އަހަރުތަކުގަ އެވެ. ކޮންމެ ގޮތެއް ވިޔަސް ބޮޑު ޗުއްޓީ އަހަރުމެންނަށް ޗުއްޓީއަކަށް ވާނީ ކުރިން އޮތް ދުވަސްވަރުގައި އޮވެގެންނެވެ.








