ބޭރު ގައުމުތަކަށް ފައިސާ ފޮނުވަން ބޭނުންކުރާ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ ހިދުމަތް އަލުން ފަށަން އަދިވެސް ހުއްދައަށް އެދިފައި ނުވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިންގެ މެދުގައި ވެސް މަގުބޫލު މި ރެމިޓެންސް ހިދުމަތް ދޭން އައިލެންޑް ފައިނޭންޝަލް ސާވިސަސްއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓީ ހުސްވި ހަފުތާގެ ހޯމަ ދުވަހު އެވެ.
އޭރު އެެމްއެމްއޭއިން ބުނީ ހުއްދަ ހިފެހެއްޓީ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރަން ކަމަށެވެ. ވެސްޓަން ޔޫނިއަންގެ ރަސްމީ ވެބްސައިޓުގައި ވެސް ލިޔެފައިވަނީ ހިދުމަތް ހުއްޓުނީ "އިންޓާނަލް އަޕްޑޭޓް"ތަކެއް ގެންނަން ކަމަށެވެ.
އެކަމަކު މިއަދާ ހަމައަށް ވެސް އެކަންކަން ފުރިހަމަކުރުމަށް ފަހު އަލުން ހުއްދައަށް އެދިފައި ނުވާކަން "އަދަދު" ނޫހަށް އެނގިފައިވެ އެވެ. އަދި, އެމްއެމްއޭގެ އޮފިޝަލަކު ވަނީ އައިލެންޑް ފައިނޭންޝަލްސްއިން އަލުން ހުއްދައަށް އެދި ހުށަހަޅާފައި ނުވާ ކަން މި ނޫހަށް ޔަގީންކޮށްދީފަ އެވެ.
އައިލެންޑް ފައިނޭންޝަލްސްއަކީ ވިލާ ޓްރެވަލްސްއާ ގުޅުން އޮންނަ ކުންފުންޏެކެވެ. މި ހިދުމަތް ހުއްޓުމާ ގުޅިގެން އެ ކުންފުނީގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައި ވަނީ ވަރަށް އަވަހަށް މައްސަލަ ހައްލުކުރުމަށް ފަހު މި ހަފުތާގެ ކުރީކޮޅު ހިދުމަތް ފެށޭނެ ކަމަށެވެ.
މި ހިދުމަތް އަލުން ފެށޭނެ ތާރީހަކާ ގުޅިގެން އައިލެންޑް ފައިނޭންޝަލްސްގެ ބަހެއް ލިބޭ ގޮތް ނުވެ އެވެ.











