މެންޗެސްޓާ (އޮގަސްޓް 17) - ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އޭޑްރިއަން ރަބިއޯ، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ބޮޑު މުސާރަ އަކަށް ކިޔާތީ އެ ޓީމުން އޭނާ ނުގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީއެސްޖީ ދޫކޮށް ޔުވެންޓަސްއާ 2019 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ގުޅުނު ރަބިއޯ މި ވަގުތު ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންވެ، ޔުވެންޓަސް އިން ބޭނުންވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ރަބިއޯ އަށް ރަނގަޅު ފީއެއް ލިބޭނަމަ ދޫކޮށްލާށެވެ.
އެ ގޮތުން ޔުނައިޓެޑުން، ރަބިއޯ، 27، ގަންނަން ކުރި 20 މިލިއަން ޑޮލަރުގެ ބިޑް ވެސް ޔުވެންޓަސް އިން ބަލައިގަތެވެ. އެކަމަކު، ރަބިއޯ ޔުނައިޓެޑަށް ސޮއިކުރުވަން މިހާތަނަށް ކުރި މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބި އެކަން ހުއްޓާލަން ޖެހުނީ ރަބިއޯ ބޭނުންވާ މުސާރަ ދޭން ޔުނައިޓެޑުން ދެކޮޅު ހަދާތީ އެވެ.
ތި އެތުލެޓިކް އާއި ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި ރަބިއޯގެ އޭޖެންޓް، އޭނާގެ މަންމަ ވެރޯނިކް ބޭނުންވަނީ ހަފްތާ އަކު 200،000 ޑޮލަރު ލިބޭ ގޮތަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެެކެވެ. ޔުނައިޓެޑުން ހުށަހަޅަން ތައްޔާރުވީ 125،0000-150،000 ޑޮލަރު ލިބޭ ގޮތަށް ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. އަދި އެ އެއްބަސްވުމުގައި ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ރަބިއޯ މަޑުކުރެވޭ ގޮތަށް މާއްދާއެއް ކޮންޓްރެކްޓްގައި ހިމެނުމަށެވެ.
އެކަމަކު، މުސާރަ އަކާ މެދު އެއްބަސްނުވެވި މަޝްވަރާތައް ވެސް ދިގުލައިދާތީ ޔުނައިޓެޑުން ރަބިއޯ ހޯދުމުގެ ރޭހުން މި ވަގުތަށް ވަކިވީ އެވެ. ސްކައި އިޓަލީން ރިޕޯޓްކުރާ ގޮތުގައި މުސާރަ ކުޑަކުރަން ރަބިއޯ އެއްބަސްވާނަމަ އަދިވެސް ޔުނައިޓެޑުން އޮތީ އޭނާ ގެންދާ ގޮތަށެެވެ.
ރަބިއޯ ވަނީ މީގެ ކުރިން 2008 ވަނަ އަހަރު މެންޗެސްޓާ ސިޓީގައި ޓްރަޔަލެއް ފުރިހަމަކޮށްފަ އެވެ.












