ތިން ވަނަ ފަރާތްތަކުން ނުފޫޒު ފޯރުވާތީ ފީފާ އިން އިއްޔެ، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ސަސްޕެންޑްކުރަން ނިންމި ނިންމުމަކީ ފުޓްބޯޅަ އަށް ލިބުނު ދެރައެއްގެ ގޮތުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވެއްޖެ އެވެ.
މިދިޔަ މެއި މަހު 18 ވަނަ ދުވަހު އިންޑިއާގެ ސުޕްރީމު ކޯޓުން ވަނީ އޭއައިއެފްއެފްގެ ރައީސް ޕްރަފުލް ޕަޓޭލް މަގާމުން ދުރުކޮށް އިންޑިއާގެ ފުޓްބޯޅަ ފެޑެެރޭޝަން ހިންގުން ތިން މެމްބަރުންގެ ކޮމިޓީ އަކާ ހަވާލުކޮށްފަ އެވެ.
އެ ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބަލަން ފީފާ އާއި އޭއެފްސީގެ ޓީމެއް އިންޑިއާ އަށް ޒިޔާރަތެއް ކުރުމަށް ފަހު، އަންނަ މަހު 15 ގެ ކުރިން އޭއައިއެފްއެފްގެ އިންތިހާބެއް ބާއްވަން އަންގައި، އެކަން އެ ގޮތަށް ނުވެއްޖެނަމަ ފީފާ އިން އިންޑިއާ އަށް ފިޔަވަޅު އަޅާނެ ކަމަށް އޮތީ އިންޒާރު ދީފަ އެވެ.
އެކަަމަކު، ސުޕްރީމް ކޯޓުން ކަނޑައެޅި ތިން މެމްބަރުންގެ ކޮމިޓީން ފީފާ އިން އެންގި ގޮތާ އެއް މިނެއްގައި މަސައްކަތް ކުރަމުން ނުދާތީ އާއި އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާ ކަމަށް ބަލައި، ފީފާ އިން އިންޑިއާ ސަސްޕެންޑް ކުރީ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ޖަވާޒް ވިދާޅުވީ އިންޑިއާ ސަސްޕެންޑް ކުރުމަކީ ފުޓްބޯޅަ އަށް ކުރިމަތިވި ދެރަ ދުވަހެއް ކަމަށެވެ.
"ހަމަނުޖެހުންތަކެއްގެ ތެރެއިން ކަންތައްތައް ކޮށްގެންނާއި ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ފޯރުވައިގެން ކަންކަން ކުރުމަކުން ފީފާ އިން ފިޔަވަޅު އަޅަނީ ގައުމެއްގެ ބޮޑު މިން ނޫނީ ކުޑަ މިން ބަލައިގެނެއް ނޫންކަން ފެނިގެންދިޔައީ. ކުޅިވަރުގައި ހެދިފައި މިވާ ގާނޫނުތައް ނެގެހެއްޓުމަކީ ކުރަން ޖެހޭނެ ކަމެއް. އޭގެއާ ހިލާފަށް ކަންކަން ކޮށްގެން ކުރިއަށް ދެވޭނެ ގޮތެއް ނެތް،" ޖަވާޒް ވިދާޅުވި އެވެ.
އިންޑިއާ ފުޓްބޯޅައިގެ ރައީސްކަން ތިން ދައުރުކުރެއްވި، ޕްރަފުލްގެ އެންމެ ފަހުގެ ދައުރުގެ މުއްދަތު އޮތީ 2020 ޑިސެމްބަރަށް ހަމަވެފަ އެވެ. އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ސުޕްރީމް ކޯޓަށް މިދިޔަ އޭޕްރީލް މަހު ފޮނުވި ސިޓީގައި ބުނެފައިވަނީ އިތުރަށް ފަސް ނުކޮށް އިންޑިއާ ފުޓްބޯޅައިގެ އިންތިހާބުވީ އެންމެ އަވަހަކަށް ބާއްވަން ޖެހޭނެ ކަމަށާއި މި ވަގުތު އިންޑިއާ ފުޓްބޯޅައިގެ އިސް ވެެރިންގެ ގޮތުގައި ޕްރަފުލްގެ ލީޑަޝިޕްގެ މެމްބަރުން ތިބީ ގާނޫނީ ހައިސިއްޔަތަކުން ނޫން ކަމަށެވެ.
އިންޑިއާގެ ކުޅިވަރު ކޯޑުގައިވާ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސްގެ މަގާމުގައި އެކަކަށް ތިން ދައުރަށް ވުރެ އިތުރަށް ނުހުރެވޭނެ އެވެ. އިންޑިއާގެ ކުޅިވަރާބެހޭ އިސް ފަރާތްތަކުގެ އެއްބާރުލުމާ އެކު އެކުލަވާލި ސްޕޯޓްސް ކޯޑަށް 2011 ވަނަ އަހަރު ފެށިގެން އަންނަނީ އަމަަލުކުރަމުންނެވެ. އެ ގޮތަށް ބަލާނަމަ 2020 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އިންޑިއާ ފުޓްބޯޅައިގެ ރައީސަކަށް ޕްރަފުލް ހުންނެވީ އިންޑިއާގެ ކުޅިވަރު ކޯޑާ ހިލާފަށެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ޖެހޭ މައްސަލަތަކެއް 2017 ވަަނަ އަހަރުން ފެށިގެން އިންޑިއާ ސުޕްރީމް ކޯޓުގައި އެބައޮތެވެ. ފީފާ އިން އަންގާފައިވާ އެއް ކަމަކީ އަސާސީ ގަވާއިދުގެ ކަންކަމަށް ހައްލެއް ނުގެެނެސް އާ އިންތިހާބެއް ނުބޭއްވުމަށެވެ.
އެކަމަކު، ސުޕްރީމް ކޯޓުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގަން ކަނޑައެޅި ތިން މެމްބަރުންގެ ކޮމިޓީން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އަށް ވާގޮތެއް ބެލުމެއްނެތި އަންނަނީ އާ އިންތިހާބަކާ ހަމައަށް ދެވޭތޯ ބަލަމުންނެވެ. މިއީ ސަސްޕެންޝަނަކަށް ދާން ޖެހުނު ސަބަބުތަކުގެ ތެރެއިން އެއް ކަމެވެ.
އިންޑިއާގެ ނޫހަކަށް އޭއައިއެފްއެފްގެ ސީނިއާ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އިންޑިއާ ފުޓްބޯޅައިގެ ކަންކަން އިސްލާހުކޮށް އިންތިހާބަކަށް ދާން ތައްޔާރުވެފައި އޮއްވައި ސަސްޕެންޝަނެއް އައުމުން ލިބުނީ ހައިރާންކަން ކަމަށާއި މައްސަލަ އަށް ހައްލެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.











