ސޮބާ އަށް އޮތީ ނިއު ފުރިހަމަ އަށް ތައްޔާރުވެގެން އެނބުރި އަންނާނެ ކަމުގެ ޔަގީންކަން

Aug 15, 2022, 4:59 AM
ނިއުގެ. މެޗެއްގެ ތެރެއިން ކޯޗު ސޮބާ: ރަނގަޅަށް ތައްޔާރުވެގެން ނިއު އެނބުރި އަންނާނެ ކަމަށް ސޮބާ ވަނީ ބުނެފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއުގެ. މެޗެއްގެ ތެރެއިން ކޯޗު ސޮބާ: ރަނގަޅަށް ތައްޔާރުވެގެން ނިއު އެނބުރި އަންނާނެ ކަމަށް ސޮބާ ވަނީ ބުނެފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ

މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވާދަކުރަން ޖެހުނީ ސަސްޕެންޝަނުން ސަލާމަތްވެގެން، ކުރު މުއްދަތެއްގެ ތެރޭގައި ޓީމެއް އެކުލަވާލައިގެން ކަމަށާއި އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ފުރިހަމަ އަށް ތައްޔާރުވެގެން ނިއު އެނބުރި އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

ފީފާ އާއި އެފްއޭއެމްގެ ސަސްޕެންޝަނެއްގައި މިދިޔަ ތިން އަހަރަށް ވުރެ ގިނަ ދުވަހު އޮތް ނިއު މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރީތައް ފެށީ މަހަކަށް ވުރެ ވެސް ކުޑަ ދުވަސްކޮޅެއް ވެފައި އޮއްވަ އެވެ. ސަސްޕެންޝަނުން ސަލާމަތްވާން ކްލަބްގެ ދަރަނިތައް ނިންމައި، ނިއު އިން ދެ ވަނަ ޑިވިޝަނަށް ޓީމެއް އެކުލަވާލި ވެސް ގޮންޖެހުންތަކާ އެކުގަ އެވެ.

ސޮބާގެ އިރުޝާދުގެ ދަށުން ނިއު އިން ވަނީ ދެ ވަނަ ޑިވިޝަނުގައި ފުރަތަމަ ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ. އެއީ ކްލަބް ޓީނޭޖް، ލޮރެންޒޯ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސް ކްލަބް އެވެ. އެކަމަކު، ގްރޫޕްގެ ފަހު ދެ މެޗުން އެލްޓީ އަތުން ބަލިވެ، މަހިބަދޫ ސްޕޯޓްސް ކްލަބާ ވަނީ އެއްވަރުވެފަ އެވެ. ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ގޮސް، އިއްޔެ ސެމީ ފައިނަލުގައި ނިއު ވަނީ ޕެނަލްޓީ ޖަހައިގެން ބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.

ނިއުގެ ކޯޗު ސޮބާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ނަތީޖާ ނިއު ސަޕޯޓަރުންނަށް ގަބޫލުކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

"އަޅުގަނޑު މިކަމާ ކުރިމަތިލީ ވަރަށް ކެރިގެން ނިއު ރޭޑިއަންޓް އަކީ ރާއްޖޭގައި ވަރަށް ބޮޑު ހިސްޓްރީއެއް އޮތް ކްލަބެއްކަން ދަނެގެން. އަދި މީގެ ކުރިން ނިއު ރޭޑިއަންޓާ އެކު ބައިވަރު ކާމިޔާބު ހޯދާފައިވާ މީހެއްގެ ހައިސިއްޔަތުން މިކަން ކުރުމުގެ ހެޔޮ ނިޔަތުގައި، އަދި އުފާކުރަން އަޅުގަނޑު ދެކެ ލޯބިވާ އިތުބާރުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބީމަ. އަބަދުވެސް ސަޕޯޓަރުން ބޭނުންވާ ނަތީޖާ އަކީ ޓީމު މޮޅުވުން،" ސޮބާ ބުންޏެެވެ.

"ހަގީގަތަކީ މި ފަހަރު އަލަށް ހަވާލުވި މެނޭޖްމަންޓްގެ ބުރަ މަސައްކަތުން ހަތަރު އަހަރަށް ފަހު ޓީމު މި އަހަރު ސަލާމަތްކުރިކަން. ކަންކަން ނިންމަން ޖެހުނީ ލިބިފައި އޮތް ޓައިމާ ބަލާފައި ވަރަށް އާޖެންޓްކޮށް އެލާޓްގައި ތިބެގެން. ފީފާ ބޭން ނެގީ މުބާރާތް ފެށެން ވަރަށް ކުޑަތަން ވެފައިވަނިކޮށް، ކުރަން ޖެހުނީ ވަރަށް ބުރަ މަސައްކަތްތަކެއް،"

ސޮބާ ބުނީ ފައިނަލަށް ދިއުމަކުން، އަދި ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ދިއުމަކުން އަދި ފުއްދާލެވޭކަށް ނެތް ކަމަށެވެ. ފުރަތަމަ ޑިިވިޝަނަށް ކޮލިފައިވާން ރެލިގޭޝަން ކުޅެން ޖެހުމަކީ އުނދަގޫ މަރުހަލާއެއްކަން ފާހަގަކޮށް ސޮބާ ބުނީ ފުރަތަމަ ޑިވިޝަނަށް ޔަގީންކަމާ ކޮލިފައިވާން ވަރުގަދަ ސްކޮޑެއް ބޭނުންވާ ކަމަށެވެ.

"ނިސްބަތުން ބަލާއިރު (މި ފަހަރު) ލިބުނީ ވަރަށް ލިމިޓެޑް ތަޖުރިބާ ހުރި ކުޅުންތެރިންތަކެއް. ރާއްޖޭގައި މުބާރާތް ހިންގާ ގަވައިދު އަދި ފޯމެޓް އަހަރަކު އެއް ފަހަރު ބަދަލުވުމަކީ ވެސް އިތުރު ޗެލެންޖެއް،" ސޮބާ ބުންޏެވެ.

ސޮބާ ފާހަގަކުރި އެ ޗެލެންޖަކީ ފުރަތަމަ ޑިވިޝަނުން ރެލިގޭޝަން ކުޅެން އަންނަ ދެ ޓީމުގެ ފެންވަރު ހުރިހާ ގޮތަކުން ވެސް ރަނގަޅުވުމެވެ. މެޗު ފިޓްނަސް އާއި ކުޅުންތެރިންގެ ފެންވަރަށް ބެލިޔަސް ފުރަތަމަ ޑިިވިޝަނުގައި ގިނަ މެޗުތަކެއް ކުޅެފައި އަންނަ ދެ ޓީމާ ދެ ވަނަ ޑިވިޝަނުގެ ދެ ޓީމު ވާދަ ކުރުމަކީ ފަސޭހަަކަމެއް ނޫން ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

ކްލަބް ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިން ސޮބާ ބުނީ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބި ރަނގަޅު ސްކޮޑެއް ނެތި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން އުޅުމަކީ ވުުމަށް ވުރެ ނުވުން ކައިރި ކަމެއް ކަމަށެވެ.

"މިކަން ނޭނގޭ ބަޔަކު ކޮންމެ އެއްޗެއް ކީ ކަމުގައި ވިޔަސް ﷲ ދެނެވޮޑިގެންވާނެ ޓީމެއްގެ ގޮތުގައި ކަންކަން ރަނގަޅުކުރަން އެންމެން ކުރި ބުރަ މަަސައްކަތް. މި ފަަހަރު ޔަގީނުން ވެސް ފާހަގަވި އަދި ފެނުނު މަންޒަރަކީ ނިއު ރޭޑިއަންޓް، ވިކްޓަރީ އެނބުރި އައުމާ އެކު ދަނޑަށް ދިރުން ލިބުނުކަން. ފުޓްބޯޅައިގެ ރޫހު އޮތްކަން. ނިއު ރޭޑިއަންޓް ދެ ވަނަ ޑިވިޝަނުގައި ކުޅުނު ކަމުގައި ވިޔަސް ރާއްޖޭގެ ޓޮޕް ޑިވިޝަނަށް ވުރެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެންދިޔަކަން. މުބާރާތް ފޮލޯކުރިކަން،" ސޮބާ ބުންޏެވެ.

"އިންޝާﷲ ނިއު ރޭޑިއަންޓް ފުރިހަމަ އަށް ތައްޔާރުވެ އެނބުރި އަންނާނެކަމުގެ ޔަގީންކަން އެބައޮތް،"

ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ ކްލަބް ޓީނޭޖާއި ބުރު ސްޕޯޓްސް ކްލަބަށް ވަނީ އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާން ކޮލިފިކޭޝަން ކުޅެން ފުރުސަތު ލިބިފަ އެވެ. އެ ދެ ޓީމު ކުޅެން ޖެހޭނީ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފަހަތުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަރާނެ އެވެ.

ސަސްޕެންޝަނުން ސަލާމަތްވެ، ވިކްޓަރީ އާއި ނިއު އަށް ފުރަތަމަ އަހަރުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން ކުރި މަސައްކަތުގައި ލިބުނު ނާކާމިޔާބީން ފިލާވަޅު ނަގައި އަންނަ އަހަރު ވަގުތު ލިބިގެން ރަނގަޅަށް ތައްޔާރުވާނެކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox