ރިސޯޓްތަކުން ޕެޓް ޕްލާސްޓިކް އެއްކޮށް، ރަނގަޅު ގޮތުގައި ބޭނުންކުރަން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ކުރިއަށް ގެންދާ ޕްރޮގްރާމްގައި އައްޑޫ އީކުއޭޓާ ވިލެޖް ރިސޯޓުން ބައިވެރިވެއްޖެ އެވެ.
އީކުއޭޓާ ވިލެޖާއި މޯޕާއިން އިއްޔެ ސޮއިކުރި އެމްއޯޔޫއަކީ މޯޕާގެ މަސައްކަތް ރާއްޖޭގެ ދެކުނު ސަރަހައްދަށް ފުޅާ ކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އީކުއޭޓާ ވިލެޖާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ އެ ރިސޯޓްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެމްއޯޔޫގައި އީކުއޭޓާ ވިލެޖްގެ ފަރާތުން ސޮއިކުރެއްވީ އީކުއޭޓާގެ ރިސޯޓް މެނޭނަރު މުހައްމަދު ވަހީދެވެ. މޯޕާގެ ފަރާތުން ސޮއިކުރެއްވީ މޯޕާގެ ކޯ ފައުންޑާ އަދި ރައީސް ތޯރިގު އިބްރާހީމެވެ.
ކަނޑުތަކުން ޕްލާސްޓިކް މަދުކުރަން މޯޕާއިން ކުރާ މަސައްކަތުގައި އީކުއޭޓާ ވިލެޖުން ބައިވެރިވިކަމަށް އިއްޔެގެ ރަސްމިއްޔާތުގައި ތޯރިގު އެ ރިސޯޓްގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ޝުކުރުއަދާކުރެއްވި އެވެ.
އީކުއޭޓާ ވިލެޖުން ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތުގައި ބައިވެރިވުމަކީ ރިސޯޓްތަކުން ޕްލާސްޓިކް އެއްކުރަން މޯޕާއިން ހިންގާ ޕްރޮގްރާމް ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ފުޅާކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. ރިސޯޓްގައި ބޭނުންކުރާ ޕެޓްފުޅި އެއްކޮށް، ރިސައިކަލް ކުރުމަށްޓަކައި ފޮނުވުމުގެ މަސައްކަތް އެ އެމްއޯޔޫގެ ދަށުން ދެން ކުރާނީ ދެފަރާތް ގުޅިގެންނެވެ.
ރިސޯޓްތަކުން ޕެޓްޕްލާސްޓިކް އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މުހިއްމު ގިނަ ފަރާތްތަކެއް ބައިވެރިވެގެންނެވެ. އޭގެ ތެރޭގައި ހެޕީމާކެޓާއި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ހިމެނެ އެވެ.

ރިސޯޓްތަކުން ޕެޓްފުޅި އެއްކުރުމުގެ ޕްރޮގްރާމް މޯޕާއިން ފެށީ އެ ޖަމާއަތުގެ އަހަރީ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެވެ.











