އެސްޓީއޯއިން ހަތް ލީޓަރުގެ މެޓެކްސް ނިޕޯން ޕެއިންޓް ތައާރަފުކޮށްފި އެވެ.
މި ޕްރޮޑަކްޓް އިފްތިތަހުކޮށްފައިވަނީ މިއަދު އެސްޓީއޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވީ މިއަދު ތައާރަފުކުރީ ނިޕޯން ޕެއިންޓުގެ މުޅިން އާ ޕްރޮޑަކްޓެއް ކަމަށާއި، އޭގެ ސަބަބުން މިހާރު ކުރިމަތިވާ ވަރަށް ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ހާއްސަ ގޮތެއްގައި ރާއްޖޭގެ ރަށްރަށުގައި ގެންގުޅޭ ޕެއިންޓަކީ ކުލަ މިކްސް ކޮށްގެން ބޭނުންކުރާ ޕެއިންޓެއް. އެހެން ހަދާއިރު ވާގޮތަކީ ކުލައިގެ ބޭސް ހުސްވެއްޖިއްޔާމު، ކިތަންމެ ވަރަކަށް ކުލަ ހުއްޓަސް ކަސްޓަމަރުންނާ ހަމައަކަށް ނުގެނެސްދެވޭނެ.
މިއަދު މި ތައާރަފުކުރި ޕްރޮޑަކްޓާއެކު އެ ދަތިތަކަށް ހައްލު ލިބިގެންދާނެކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ މެޓެކްސް ނިޕޯން ޕެއިންޓަކީ ތަފާތު ކުލަތައް މިކްސް ކޮށްފައި ހުރި ޕްރޮޑަކްޓެއް ކަމަށެވެ. އެހެންކަމުން އެ ޕްރޮޑަކްޓުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ކުލައިގެ ސަބަބުން ދިމާވާ ދަތިތައް ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު އިތުރަށް ވިދާޅުވީ އެ ކުލައަކީ މިހާރު ވިއްކާ ކުލައަށްވުރެ އަގު ވެސް ހެޔޮ ކުލައެއް ކަމަށާއި، އިގްތިސޯދީ ގޮތުން ވެސް އެ ކުލަ ރަނގަޅުވާނެ ކަމަށެވެ. އެގޮތުން, ލީޓަރަކުން 40 ރުފިޔާ އަގުހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައުޓްޑޯ އަދި އިންޑޯއަށް ހާއްސަ މި ޕްރޮޑަކްޓާއެކު ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.










