ކަނޑުދަތުރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުތަކަށް ހާއްސަކޮށްގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ 2022 ގެ ފުރަތަމަ ދެ ދުވަހު ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މިއީ މި އެކްސްޕޯ ބާއްވާ ހަތްވަނަ ފަހަރެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ރޭގެ ނިޔަލަށް، ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ ތިން ދުވަހުގެ މި އެކްސްޕޯގައި މި އަހަރުވެސް ގިނަ އަދަދެއްގެ ވިޔަފާރިތަކުން ބައިވެރިވި އެވެ.
ބައިވެރިވީ ވިޔަފާރިތަކުގެ ތެރޭގައި ބޯޓު ބަންނަ ކުންފުނިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ބޭނުންވާ ތަފާތު ސަޕްލައިސް އަދި މެރިން އިކުއިޕްމަންޓްސް ފޯރުކޮށްދޭ ވިޔަފާރިތަކުގެ އިތުރުން ޑައިވިން އާއި ޑައިވިންއާ ގުޅުންހުރި އާލާތްތައް ވިއްކާ ވިޔަފާރިތަކާއި ކަނޑުގެ ދިރުންތަކުން ކާނާ އުފައްދާ ވިޔަފާރިތައް ހިމެނެ އެވެ.
ބޯ ވިއްސާރައިގެ ތެރޭގައި ބުރާސްފަތި ދުވަހު ހަވީރު އެކްސްޕޯ ފެށި ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ދުވަހު ވެސް އަދި އިއްޔެ ވެސް އެކްސްޕޯއަށް ޒިޔާރާތްކޮށްފަ އެވެ. އޭގެ ތެރޭގައި މެރިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބޭފުޅުންގެ އިތުރުން އާންމުންގެ މީހުން ވެސް ހިމެނެ އެވެ. އެކްސްޕޯ ހުޅުވި ވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެތަނަށް ވަޑައިގެން ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފަ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެކްސްޕޯއަށް ވަޑައިގެންނެވި އެވެ.

ނައިބު ރާއިސް ފައިސަލް ނަސީމް އެލައިޑް އިންޝުއަރެންސްގެ ސްޓޯލަށް ވަޑައިގެން އެކުންފުނީގެ މުވައްޒަފުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: އެލައިޑް އިންޝުއަރެންސް
ކުރީ އަހަރުތަކެކޭ އެއް ފަދައިން މި އަހަރުގެ އެކްސްޕޯގައި ވެސް ޕްރޮޑަކްޓު ލޯންޗުތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިޔަށް ދާނެ އެވެ. މި އެކްސްޕޯގައި ޕްރޮޑަކްޓްތައް ލޯންޗުކުރަން ހަމަޖެހިފައިވަނީ:
- އަލް ޝާލީ މެރިން މޯލްޑިވްސް،
- ޖަލްބޫތް މޯލްޑިވްސް،
- ހޮރައިޒަން ފިޝަރީޒް އަދި
- މޯލްޑިވްސް އައިލެންޑް ރިއަލްޓީ އެވެ.
ފާހަގަކޮށްލެވޭ ސްޓޯލްތައް
- އެލައިޑް އިންޝުއަރެންސް
ކަނޑުގައި ދުއްވާ އުޅަނދުފަހަރަށާއި ކަނޑުމަގުން އުފުލާ މުދަލަށާއި ބޯޓު ބަންނަ އިރު ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވާން އިންޝުއަރެންސް ފޯރުކޮށްދޭ އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އެ ކުންފުނީގެ ހުރިހާ ހިދުމަތްތަކާ ބެހޭ މައުލޫމާތު އޮޅުން ފިލުވުމުގެ އިތުރުން، ސީދާ ހިދުމަތް ލިބިގަނެވޭނެ އެވެ. ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ވެސް ލިބެ އެވެ.
- ވިލާ ހަކަތަ
ތެލާއި ގޭހާއި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ ވިލާ ހަކަތައިގެ ސްޓޯލްގައި މިފަހަރު ޑިސްޕްލޭ ކުރަނީ އެ ކުންފުންޏަށް އޮތޮރައިޒްޑް ޑިސްޓްރިބިއުޓާޝިޕް ލިބިފައިވާ ޝެލް ލުބްރިކަންޓްސްގެ މެރިން ޕްރޮޑަކްޓުތަކާއި އެ ކުންފުނީގެ ޕޯޓްފޯލިއޯގައި ހިމެނޭ މެރިން ޕްރޮޑަކްޓުތައް ދައްކާލާނެ އެވެ.
- އެމްޓީސީސީ
ކަނޑުދަތުރުފަތުރާއި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ އަޑީތެލާއި އިންޖީނުން ފެށިގެން ޑޮކިން އަދި އިންޖިނިއަރިން ހިދުމަތް ފޯރުކޮށްދޭ އެމްޓީސީސީގެ ސްޓޯލުގައި އެ ކުންފުނީގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބޭނެ އެވެ. ހާއްސަކޮށް އެ ކުންފުނިން ވިއްކާ ޔަންމާ އިންބޯޑް އަދި ސުޒުކީ އައުޓްބޯޑް އިންޖީނާއި އެ ކުންފުނިން ތިލަފުުށީގައި ހިންގާ ބޯޓްޔާޑުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ އެވެ.
- އަލް ޝާލީ މެރިން
ރާއްޖޭގައި ފައިބަގްލާސް ދޯންޏާއި ލޯންޗް އެހެން އުޅަނދު އުފައްދާ އެންމެ މަޝްހޫރު އެއް ކުންފުނި، އަލް ޝާލީ މެރިން މޯލްޑިވްސް އިން މިއަހަރުގެ މެރިން އެކްސްޕޯގައި ބައިވެރިވެ އެ ކުންފުނީގެ ޕްރޮޑަކްޓްތައް ދައްކާލަ އެވެ.
އަލް ޝާލީ މެރިން މޯލްޑިވްސް އަކީ އަލް ޝާލީ މެރިން ދުބާއީ އާއި ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. ޔޫއޭއީގައި އޭއެސް މެރިންގެ މައި ކުންފުންޏަކީ 1979 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ.
މިއީ މެދުއިރުމަތީގައި ފައިބަގްލާސް އުޅަނދުފަހަރު އުފައްދާ ކުރިއަރާފައިވާ ވަރުގަދަ ކުންފުންޏެކެވެ. އަލް ޝާލީ މެރިން މޯލްޑިވްސް އަކީ ފެށިތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.










