ކަނޑުދަތުރާއި ކަނޑު އުޅަނދުތަކުގެ ދާއިރާއަށް ހާއްސަކޮށް ހައިރައިޒުން ބާއްވާ މެރިން އެކްސްޕޯގައި މި އަހަރު ވެސް އެލައިޑް އިންޝުއަރެންސުން ބައިވެރިވާނެކަން އިއުލާނުކޮށްފި އެވެ.
މި ހަފުތާ ބަންދާ ދިމާކޮށް ބާއްވާ މި އެކްސްޕޯ ފަށާނީ މާދަމާ ހަވީރު އެވެ. އަދި އެކްސްޕޯ ކުރިޔަށް ދާނީ ހޮނިހިރު ދުވަހުގެ ރެޔާ ހަމައަށެވެ. އެލައިޑުން މި ޝޯގައި ބައިވެރިވަނީ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގަ އެވެ.
މެރިން އެކްސްޕޯއާ ގުޅޭގޮތުން އެލައިޑުން ނެރުނު ބަޔާނެއްގައި ބުނީ އިންޑަސްޓްރީގެ ގިނަ ބަޔަކު ބައިވެރިވާ މި އެކްސްޕޯގައި ބައިވެރިވަނީ ކަނޑު އުޅަނދުތަކާއި ކަނޑުމަގުން އުފުލާ ކާގޯއަށް އިންޝުއަރަންސްގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދޭ އެއް ކުންފުނީގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެއްވެސް ހިދުމަތެއް ބޭނުންވާނަމަ 39 ނަމްބަރު ސްޓޯލަށް ޒިޔާރަތްކުރަން ބުންޏެވެ.
އެލައިޑުން ވަނީ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 3 ފަރާތްތަކަށް ހާއްސަ އިނާމެއް ދޭން ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ. އެއީ ހަލް، ބޯޓް ބިލްޑިން އަދި މެރިން ކާގޯ ޕްލޭނެއް ގަތުމަށް 3000ރ. ގެ ޑިސްކައުންޓް ވައުޗަރެކެވެ. ނަސީބުވެރިޔާ ބޭނުންވާ ނަމަ، އެ އިނާމު އެހެން ފަރާތަކަށް ހަދިޔާކުރުމުގެ އިހުތިޔާރު ވެސް އޮންނާނެ އެވެ.
އެލައިޑުން އިތުރަށް ބުނީ ރާއްޖޭގައި ދަތުރުފަތުރާއި ކާގޯ އުފުލުމުގެ ކަންކަން އެންެމެ ބޮޑަށް ހިނގަނީ ކަނޑުމަކުން ކަމުން މިކަމަށް ބޭނުންކުރާ އަގުބޮޑު އުޅަނދަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިއްޖެ ނަމަ މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވުމުގެ ބިރު ވެސް އޮންނަ ކަންކަމެވެ.
އެހެންކަމުން އޮޑި ބަންނަމުން ދާ ވަގުތު ބޯޓް ބިލްޑިންގ އިންޝުއަރަންސް، އުޅަނދު އޮޕަރޭޓުކުރާ ހުރިހާ ވަގުތެއްގައި ވެސް ހަލް އިންޝުއަރަންސް އަދި ކާގޯ އުފުލާ ނަމަ އެ ކާގޯއަކަށް މެރިން ކާގޯ އިންޝުއަރަންސް ޕްލޭނެއްގެ ރައްކާތެރިކަން ހޯދާފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމަށް އެ ކުންފުނިން ބުންޏެވެ.










