ޝައްފާންގެ ވިސްނުން ބުރަ މަސައްކަތާ އެކު އިތުރު ކުރިއެރުން ހޯދުމަށް

Aug 9, 2022, 3:51 AM
ސޮލިޑާރިޓީ ގޭމްސްގެ މެޗެއްގެ ތެރެއިން ޝައްފާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ސޮލިޑާރިޓީ ގޭމްސްގެ މެޗެއްގެ ތެރެއިން ޝައްފާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ބައިނަލްއަގުވާމީ މުބާރާތްތަކުގެ ސިންގަލްސް އިވެންޓްތަކަށް ބަލާނަމަ، ރާއްޖޭގެ އަރަމުން އަންނަ ހުނަރުވެރި ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ، ޝައްފާން އިސްމާއިލްގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އުސްއައްޔަކަށް ވާނީ މިހާރު ތުރުކީގެ ކޮންޏާގައި ކުރިއަށްދާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އެވެ.

ޝައްފާން ވަނީ އެ މުބާރާތުގެ ފިރިހެން ސިންގަލްސް ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ.

ސޮލިޑާރިޓީ ގޭމްސްގައި ޝައްފާން ކޮލިފައިން ރައުންޑުގައި ކުޅުނީ ޓޯގޯގެ އަޓާރޫ އަސޫއާ ދެކޮޅަށެވެ. އޭނާ އަތުން 3-0 ސެޓުން މޮޅުވެ، ޝައްފާން ވަނީ ގަދަ 32 ކުޅުންތެރިން ވާދަކުރި ބުރުގައި އަޒަރުބައިޖާންގެ އާދިލް އަހުމަދުޒާދާ އަތުން 11-09، 11-03 އަދި 11-09 އިން މޮޅުވެފަ އެވެ. އެކަމަކު، ގަދަ 16 ބުރުގައި އީރާންގެ ސައްޔިދު އާމިރުހުސެއިން ހޯދާއީ އަތުން ޝައްފާން ވަނީ 11-09، 11-06 އަދި 11-07 އިން ބަލިވެފަ އެވެ.

ސިންގަލްސް އިވެންޓްތަކަށް ފަހު ޝައްފާން ބުނީ ކޯޗަކާ އެކު މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސް އަށް ތައްޔާރުވާން ލިބުނު ވަގުތާ ބަލާފައި ރަނގަޅު ކުރިއެރުމެއް މި މެޗުތަކުން ފެނުނު ކަމަށެވެ. ޓާގެޓް ކަނޑައެޅީ މި ފަހަރު ސޮލިޑާރިޓީ ގޭމްސްގައި ކުޅެވުނު އެންމެ ރަނގަޅަކަށް ކުޅުމަށް ކަމަށް ޝައްފާން ވަނީ ބުނެފަ އެވެ.

ކުޅެލަން ލިބުނު ކޮންމެ މެޗެއްގައި ވެސް އުންމީދުކުރި ވަރަށް ވުރެ ރަނގަޅަށް ކުޅެވުނުކަން ފާހަގަކޮށް ޝައްފާން ބުނީ އަދި މި އަށް ވުރެ ވެސް ރަނގަޅަށް ކުޅެވޭނެ ކަމަށެެވެ.

"ވަރަށް އުފާވޭ އަސްލު، ހިއެއް ނުކުރަން އެހާ ދުރަށް (ގަދަ 16 ބުރުގައި) ކުޅެން ލިބޭނެ ކަމަށް. އުނދަގޫ ކަމަކަށް ދިމާވީ، އެހާ ގިނަ މެޗު ކުޅެލަން ނުލިބި މި ކަހަލަ މުބާރާތަކަށް އަންނަން ޖެހޭތީ. އަހަރަކު، އެއް މުބާރާތް ނޫނީ ދެ މުބާރާތް މި ލިބެނީ. އެހެން ގައުމުތަކުގެ މީހުންނާ ބަލާފައި ވަރަށް މަދު (އިންޓަނޭޝަަނަލް) މެޗު މި ލިބެނީ، އެކަމަކު، އެ ވަރަށް މެޗު ލިބިގެން ވެސް މި ވަރަށް ޕާފޯމް ކުރެވުނީމަ ރަނގަޅު،" ރާއްޖޭގެ ޓީޓީ ރޭންކިންގައި ކުރިއެރުން ހޯދަމުން އަންނަ ޝައްފާން ބުންޏެވެ.

"މޮޅުވާން ޓާގެޓް ކޮށްގެން މަސައްކަތް ކުރިއަށްދިޔައީއާ ވާނެ އެކަން. ރަނގަޅު ކޯޗަކާ އެކީ އަހަރެއްހާ ދުވަހު ޕްރެކްޓިސް ކުރެވުނަސް ރަނގަޅުވާނެ. ފަހުން އައި ކޯޗާ އެކު ކުޑަ ދުވަސްކޮޅެއް ޕްރެކްޓިސް ކުރެވުނުއިރު ވެސް ކުރިއެރުން ފެނިއްޖެ. އެ ގޮތަށް ކޯޗުންގެ އިރުޝާދާ އެކު ކުރިއަށްދިޔައީއާ މި އަށް ވުރެ ވެސް ރަނގަޅުވާނެ،"

ސިންގަލްސް އިވެންޓްތަކަށް ފަހު ޓީޓީން މިއަދު ޓީމު އިވެންޓްގައި ވާދަކުރަން ފަށާނެ އެވެ. އެ ގޮތުން ފިރިހެން ޓީމު ހިމެނެނީ އީރާން އާއި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގަ އެވެ. އަންހެން ޓީމު ހިމެނެނީ ތުރުކީ، ޖިބޫޓީ އަދި ޔޫގާންޑާއާ އެއް ގްރޫޕެއްގަ އެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު އަނެއް ބުރަށް ކޮލިފައިވާނެ އެވެ.

މި ފަަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ މެޗެއްގެ ތެރެއިން ރަފާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރަފާ އަށް ތާރީހީ ކާމިޔާބެއް

މީގެ ކުރިން ސިންގަލްސް އިވެންޓަކަށް ބަލާއިރު، ޓީޓީން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ގަދަ އަށެއްގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ހިމެނިފައި ނުވެ އެވެ. އެކަމަކު، މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރަފާ ވަނީ ކުއާޓާ ފައިނަލުގައި ކުޅެ، ގަދަ އަށަކުން ޖާގަ ހޯދައިފަ އެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގެ ޓީޓީ އިވެންޓާއި ތުރުކީގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީން ސިންގަލްސް ބަޔަށް ބަލާއިރު، ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރެކޯޑް ރަނގަޅީ ރަފާގެ އެވެ.

ރަފާ ވަނީ ކޮމަންވެލްތު ގޭމްސްގައި ސިންގަލްސްގައި ދެ މެޗުން މޮޅުވެ، ގްރޫޕް އެއް ވަނަ ހޯދައި، ގަދަ 32 ކުޅުންތެރިންގެ ބުރުގައި ވާދަކޮށްފަ އެވެ. އަދި ސޮލިޑާރިޓީ ގޭމްސްގައި ކުއާޓާ ފައިނަލުގައި ކުޅެ، ޓީޓީން މި މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިއަކު ނެރުނު އެންމެ ރަނގަޅު ނަތީޖާ ހާސިލްކޮށްފަ އެވެ.

ރަފާ ބުނީ ފުރަތަމަ ކޮމަންވެލްތު ގޭމްސް އަށް ގޮސް އެހާ ރަނގަޅަށް ކުޅެ، ގަދަ 32 ކުޅުންތެރިންގެ ތެރޭގައި ކުޅެލަން ލިބުމުން، އެ "ކޮންފިޑެންސް" ގައި އައިސް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ކުޅެލަން ފަސޭހަވި ކަމަށެވެ.

"ރަނގަޅަށް ޕާފޯމް ކުރެވުނު ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސްގައި. މި ފަހަރު ކުއާޓާ ފައިނަލު މެޗަކީ އަސްލު މޮޅުނުވެވޭނެ މެޗެއް ނޫނޭ ރަފާ ބުނާނީ. މޮޅުވެވޭނެ ކަހަލަ މެޗެއް އެއީ. އެކަމަކު، ވީ ވިން ސަމް، އެންޑް ވީ ލޫސް ސަމް، މިއީ ހަމަ ރަފާ އަށް ލާނިން އެކްސްޕީރިއަންސެއް،" ކެމަރޫންގެ އެއް ވަނަ ކުޅުންތެރިޔާ، ސާރާ ގަބްރިއެލޭ އަތުން 3-0 އިން ބަލިވި މެޗަށް އިޝާރާތްކޮށް ރަފާ ބުންޏެވެ.

ރަފާ ބުނީ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އޭޝިއާ ނޫން އެހެން ސަރަހައްދުތަކުގެ ކުޅުންތެރިންނާ ކުޅެން ޖެހުމުން، ތަފާތު ސްޓައިލްތަކުގެ ކުޅުންތެރިންނާ ކުޅެން ހޭނެން ފަސޭހަވާ ކަމަށެވެ.

"ގިނަ ފަހަރު ލިބެނީ އޭޝިއަން ގޭމްސް ނޫނީ ސައުތު އޭޝިއަން ގޭމްސްގައި މި ކަހަލަ މުބާރާތްތަކުގައި އައިސް ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކާ ކުޅޭއިރު ވަރަށް ތަފާތު ސްޓައިލްގެ ކުޅުންތެރިންނާ ކުޅެން މި ޖެހެނީ، އެހެންވީމަ އެ ކަހަލަ ސްޓައިލް ކުޅުންތެރިންނާ ކުޅެގެން ވެސް ކުރިއެރުން ފެންނާނެ ކުރިއަށް އޮތްތަނުގައި،" ރަފާ ބުންޏެވެ.

ޓީޓީ ކޯޗު، އަދި އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ ރަފާއާ ދެކޮޅަށް ކުޅުނު ސާރާ އަކީ އެއް އިރެއްގައި ދުނިޔޭގެ ރޭންކިން 118 ވަނައިގައި އޮތް ކުޅުންތެރިއެއް ކަމަށާއި މި ވަގުތު އޭނާ އޮތީ 137 ވަނައިގައި ކަމަށްވާއިރު، އެ ކަމުން ވެސް އެ ކުޅުންތެރިޔާގެ ލެވަލް އެނގޭ ކަމަށެވެ.

"(ރަފާ ކުއާޓާގައި ކުޅުން) މިއީ އެޗީވްމަންޓެއްގެ ގޮތުގައި ޓީޓީ ފެމިލީން ބަލާނީ، އެއީ އަދި ނެތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއެއްގައި (ޓީޓީ އިވެންޓެއްގައި) ނެތް އިންޑިވިޖުުއަލީ މިހާ ދުރަށް ދެވިފައެއް،" ޝިއުރީ ވިދާޅުވި އެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ޓީޓީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިންނަކީ ކޮމަންވެލްތު ގޭމްސްގައި ވެސް ކުޅުނު ކުޅުންތެރިންނެވެ. ގާތްގާތުގައި ދެ މުބާރާތެއް މިހެން ކުޅެން ޖެހުުމުން މީގެ ރަނގަޅު ކަންތައްތަކެއް އެބަހުރިކަން ވެސް ޝިއުރީ ވަނީ ފާހަގަކުރައްވައިފަ އެވެ.

"އެއް ގޮތަކުން އެޑްވާންޓޭޖް މިހެން ކައިރި ކައިރީގައި މުބާރާތްތައް އޮތީމަ، މިހާރު ކޮމަންވެލްތު ގޭމްސްގެ މެޗުގައި މެޗުތަކެއް ކުޅެން ލިބުނީމަ މި މުބާރާތަށް ކޮންމެ ވެސް ވަރަކަށް ފޯމަކަށް އެޅުމުގެ ޗާންސް އޮންނާނެ. އެ ގޮތަށް ބަލައިފިއްޔާ، މިހެން އެއް މުބާރާތް ނިންމާފައި އަނެއް މުބާރާތް އޮތުން ރަނގަޅު،" ޝިއުރީ ވިދާޅުވި އެވެ.

"ދެން، އެކަމަކު، ތަންކޮޅެއް ބޮޑަށް ކައިރިވެފައި މީނީ، އަސްލު ކުޑަ ގެޕެއް ލިބުންނަމަ ވަރަށް ރަނގަޅުވާނެ، އެ މުބާރާތުގެ ވެސް މެޗުތައް އެއްކޮށް ނުނިމި މި މުބާާރާތަށް އަންނަން ޖެހުނީމަ ކުޑަކޮށް އުނދަގޫ،"

ސިންގަލްސް މެޗުތަކަށް ފަހު ޓީޓީ ޓީމު އިވެންޓްތައް ފަށާއިރު، މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި އޯޕަން ކެޓަގަރީތަކުގެ އެއްވެސް ޑަބަލްސް މެޗެއް ނެތެވެ.

މިއަދުގެ ޝެޑިއުލަށް ބަލާއިރު ޓީޓީ އަންހެން ޓީމުގެ ދެ މެޗެއް އޮންނާނެ އެވެ. އެއީ ޖިބޫޓީ އާއި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ފިރިހެން ޓީމަށް އޮތީ އީރާނާ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox