ކޮމަންވެލްތު ގޭމްސްގެ އަންހެން ޓީޓީ އިވެންޓްގައި ރާއްޖޭގެ އަންހެން ގައުމީ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން މިއަދު ބަލިވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސް އަށް އަންހެން ޓީޓީ ޓީމު ރޭންކިންގެ ގަދަ 16ގެ ތެރެއިން ކޮލިފައިވިއިރު، އެ ޓީމު ހިމެނުނީ އޮސްޓްރޭލިއާ، މެލޭޝިއާ އަދި މޮރިޝަސްއާ އެއް ގްރޫޕެއްގަ އެވެ. އެ ގޮތުން ރާއްޖޭގެ އަންހެން ޓީޓީ ޓީމު ކުޅުނު ފުރަތަމަ މެޗުން މިއަދު ހެނދުނު ފޯރިގަދަ ކުރިމަތިލުމަކަށް ފަހު މޮރިޝަސް އަތުން ބަލިވީ 3-2 ގޭމުންނެވެ. ދެ ވަނަ މެޗުގައި މިއަދު ހަވީރު މެލޭޝިއާ އިން ވަނީ ސީދާ ތިން ގޭމުން ރާއްޖޭގެ މައްޗަށް ކުރިހޯދައިފަ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއާ ދެކޮޅަށް ވާދަކުރާ މޮރިޝަސްއާ ދެކޮޅަށް ކުޅުނު މެޗު ދިޔައީ ވަރުގަދަ ނިމުމަކާ އެކީގަ އެވެ. ރާއްޖޭން އެންމެ ފުރަތަމަ ކުޅެން އެރި ޑަބަލްސްގައި ފާތިމަތު ޖުމާނާ ނިމާލް އާއި އައިޝަތު ރަފާ ނާޒިމް ކުޅެން އަރައި، މޮރިޝަސްގެ ނަންދޭޝްވަރީ ޖާލިމް އާއި ރުގައްޔާ ކިނޫ އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، ސެޓުތައް ދިޔައީ 11-09، 11-05 އަދި 11-08 އިންނެވެ.

މޮރިޝަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ރަފާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އޭގެ ފަހުން ކުޅުނު ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ފަހަތުން އަރައި، މޮރިޝަސްގެ އޫމެހާނީ ހުސޭނަލީ ބަލިކޮށްފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 11-05، 08-11، 08-11 އަދި 05-11 އިންނެވެ.
ދެ ވަނަ ސިންގަލްސް މެޗުގައި ޖުމާނާ ވަނީ ތިން ސެޓުން ރުގައްޔާ އަތުން ބަލިވެފަ އެވެ. އޭނާ ފުރަތަމަ ދެ ސެޓު، ފަސޭހަކަމާ އެކު 11-06، 11-02 އިން ގެންދިޔަ ނަމަވެސް ތިން ވަނަ ސެޓުގައި ޖުމާނާ ފައިޓެއް ދިނެވެ. އެކަމަކު، މި ސެޓުގެ ފަހުކޮޅުގައި ރުގައްޔާ ވަނީ 15-13 އިން މޮޅުވެ، މެޗު ކާމިޔާބުކޮށްފަ އެވެ. ހަތަރު ވަނަ ގޭމަށް، ރަފާ އެރިއިރު، ރާއްޖެ އަށް އޮތީ މޮޅުވުން މަޖުބޫރުވެފަ އެވެ. ވަރުގަދަ ކުޅުމަކާ އެކު ރަފާ ވަނީ ހުސޭނަލީ އަތުން ތިން ސެޓުން މޮޅުވެފަ އެވެ. ރަފާ ސެޓުތައް ގެންދިޔައީ، 11-05، 11-06 އަދި 11-08 އިންނެވެ.
ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ގޭމަށް ރާއްޖޭން ދީމާ ނުކުތްއިރު، މޮރިޝަސް އިން ކުޅުނީ ނަންދޭޝްވަރީ އެވެ. ފުރަތަމަ ސެޓު ނަންދޭޝްވަރީ 11-06 އިން ގެންދިޔަ ނަމަވެސް ދީމާ ވަނީ 05-11 އާއި 09-11 އިން ގެންގޮސްފަ އެވެ. ހަތަރު ވަނަ ސެޓުގައި، ނަންދޭޝްވަރީ ވަނީ ދީމާ ޕްރެޝަރަށް ދިޔަ ވަގުތެއްގެ ފައިދާނަގައި، 11-08 އިން ސެޓު ގެންގޮސް، ނަތީޖާ ނެރެން ފަސް ވަނަ ސެޓަކަށް ގެންގޮސްފަ އެވެ. ފަސް ވަނަ ސެޓުގައި ނަންދޭޝްވަރީ 10-06 އިން ކުރީގައި އޮއްވައި، ދީމާ ވަނީ 10-10 އިން އެއްވަރު ވެސް ކޮށްފަ އެވެ. އޭގެ ފަހުން ދެ ފަހަރަކަށް ސެޓު ނިންމާލުމުގެ ފުރުސަތު ވެސް ދީމާ ހޯދި އެވެ. އެކަމަކު، ފަހު ވަގުތު ނަތީޖާ ބުރަވީ ނަންދޭޝްވަރީ ކޮޅަށެވެ. އޭނާ ވަނީ 15-13 އިން ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ.

ރާއްޖޭގެ ޓީޓީ ޓީމުގެ ކުޅުންތެރިން މިއަދުގެ މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ހަވީރު ކުޅުނު މެޗުގައި ރާއްޖެ އަށް ވުރެ މެލޭޝިއާ ފެނުނީ ވަރުގަދަކޮށެވެ. ރާއްޖޭން ފެށީ ރަފާ އާއި ދީމާގެ ޕެއާގެ ޑަބަލްސް އިންނެވެ. މެލޭޝިއާގެ ޔިންގް ހޯ އާއި ކަރެން ލީން ސެޓުތައް ގެންދިޔައީ 11-03، 11-09 އަދި 11-05 އިންނެވެ. ދެ ވަނަ އަށް ކުޅުނު ގޭމަކީ ފުރަތަމަ ސިންގަލްސް އެވެ. ދީމާ ކުޅެން އަރައި މެލޭޝިއާގެ އެލީޝް ޝޭންގް އަތުން ބަލިވީ ތިން ސެޓުންނެވެ. އެލީސް ސެޓުތައް ގެންދިޔައީ 11-01، 11-01 އަދި 11-08 އިންނެވެ.
ތިން ވަނަ ގޭމްގައި ރާއްޖޭގެ ރަފާ ވަނީ މެލޭޝިއާގެ ކަރެން ކައިރިން ސެޓެއް ގެންގޮސްފަ އެވެ. ކަރެން ފުރަތަމަ ސެޓު 11-07 އިން ގެންގޮސްފައިވަނިކޮށް ރަފާ ވަނީ 09-11 އިން ދެ ވަނަ ސެޓު ގެންގޮސް އެއްވަރުކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން ކުޅުނު ދެ ސެޓު، ކަރެން، ވަނީ 11-04 އާއި 11-09 އިން ގެންގޮސް މެލޭޝިއާ ސީދާ ތިން ގޭމުން މޮޅުކޮށްދީފަ އެވެ.
ރާއްޖެ ގްރޫޕްގެ އެއް ވަނައިގައި އޮތީ އޮސްޓްރޭލިއާ އެވެ. އެ ޓީމުން ވަނީ މެލޭޝިއާ އާއި މޮރިޝަސް އަތުން ސީދާ ތިން ގޭމުން މޮޅުވެފަ އެވެ. މާދަމާ ރާއްޖޭން ގްރޫޕްގެ ފަހު މެޗުގައި އޮސްޓްރޭލިއާއާ ކުޅޭނީ ރާއްޖެ ގަޑިން 1:30 ގަ އެވެ.












